ބޭރު ކުޅިވަރު

އެންމެ ފަހުން ޗެކް ކޮޅަށް މެސީ ގޯލު ޖަހައިފި

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއަކީ ބާސެލޯނާގެ އާޖެންޓީނާ ފޯވަޑް ލަޔޮނަލް މެސީ އެވެ. ގޯލު ޖެހުމުގައި އޭނާ ވަނީ އެތައް ރެކޯޑެއް މުގުރާލައިފަ އެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލް ބަލިކުރުމާ ހަމައަށް މެސީ ނުކުރެވި އޮތް ކަމެއް އޮތެވެ.

އެއީ ކީޕަރު ޕީޓަރ ޗެކް ކޮޅަށް ގޯލެއް ޖެހުމެވެ. ރޭގެ މެޗުގައި މި ކަމަށް މެސީ ނިމުން ގެނައީ ޗެކް ބެލެހެއްޓި އާސެނަލް ގޯލަށް ދެ ބޯޅަ ވައްދާލައިގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު މެސީ ޖެހީ ނޭމާ ހުސްކޮށްފައި ދިން ޕާހަކުންނެވެ. ދެ ވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.

މީގެ ކުރިން ޗެލްސީގެ ގޯލު ބެލެހެއްޓި ޗެކްރިޕަބްލިކްގެ ގައުމީ ކީޕަރު ކޮޅަށް މެސީ ގޯލު މި ޖެހީ ހަތް މެޗަށް ފަހު އެވެ. މިހާތަނަށް ޗެކާ ދެކޮޅަށް މެސީ 10 ގަޑިއިރާއި 11 މިނިޓް ކުޅެފައިވާއިރު ރޭގެ މެޗުގައި މެސީ ޖެހި ދެ ގޯލާމެދު އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. އަދި މި ދެ ގޯލާއެކު އާސެނަލް ކޮޅަށް ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި ގލުގެ އަދަދު ވަނީ އަށަކަށް އަރައިފަ އެވެ.

"ޓީމު މޮޅުވުމުން އެންމެ މުހިންމު ކަމަކީ. އެކަން ކުރެވުމުން އަހަރުމެން އެންމެން މިތިބީ އުފާވެފައި،" މެޗަށް ފަހު މެސީ ބުންޏެވެ.
ބާސެލޯނާގެ ކޯޗ ލުއިސް އެންރީކޭ ބުނީ މެޗުގައި އޭނާ ހިތްހަމަނުޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.

"ނަތީޖާ ވެސް ރަނގަޅު. އަހަރެންގެ ޓީމުގެ ކުޅުން ވެސް ރަނގަޅު. ހުރިހާ ކަމަކާމެދު ވެސް އަހަރެން ހިތްހަމަޖެހޭ،" އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ކޯޗު އެންރީކޭ ބުންޏެވެ.

މި މެޗުން މޮޅުވުމުން ބާސެލޯނާ އަށް ހިތްހަމަޖެހުން ލިބުނުއިރު މި ދެ ޓީމުގެ ދެ ވަނަ މެޗު ކުޅޭނީ މީގެ ހަފުތާއެއް ފަހުން ބާސެލޯނާގެ ދަނޑުގަ އެވެ.