ޗެމްޕިއަންސް ލީގް

އާދަޔާހިލާފު ނަތީޖާގެ ވާހަކަ ބުނެދޭންވެސް ދަތި: ކްލޮޕް

ޖެހިގެން ދެ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގްގެ ފައިނަލަށް ލިވަޕޫލް ދަތުރު ކުރީ، އަމިއްލަ ދަނޑުގައި ބާސެލޯނާގެ މައްޗަށް ހޯދި 4-0 ގެ ތަފާތު މޮޅާއެކު އެވެ. ބާސާގެ ކޭމްޕްނޯ ގައި ކުޅުނު މެޗު ކެޕްޓަން ލިއޮނަލް މެސީގެ އާދަޔާ ހިލާފް ޖާދޫއާއެކު ބާސާއިން މެޗު ކާމިޔާބު ކުރީ 3-0 ންނެވެ.

ތިން ލަނޑުގެ ލީޑެއް ބާސާގެ އަތުގައި އޮވެފައި، އެ ނަތީޖާ ލިވަޕޫލް ކޮޅަށް އަނބުރާލުމަށް އެ ޓީމުގެ ކުޅުންތެރިން ކުރި މަސައްކަތް ބުނެދޭން ވެސް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕްއަށް ނޭންގެ އެވެ.

"މޮޅު ވުމަކީ އުނދަގޫ ކަމެއް، ހާއްސަކޮށް ބައިކޮޅަށް ލަނޑެއް ނުވަދެ މޮޅުވުމަކީ ވަރަށް އުނދަގޫ ކަމެއް،" މެޗަށް ފަހު ވާހަކަ ދައްކަމުން ޔާގަން ކްލޮޕް ބުންޏެވެ. "އަހަންނަކަށް ނޭންގެ މި ކުޅުންތެރިން އެކަން ކުރީ ކިހިނެއް ކަމެއް، ދުނިޔޭގައި ވަރަށް ބައިވަރު ކަންކަން އެނބަހިނގާ، އެހެންނަމަވެސް މިކަހަލަ އަސަރު ހުރި މާހައުލެއް މި ސްޓޭޑިއަމްގައި ކުޅުންތެރިން އުފައްދައި ދިނުމަކީ އެހެން ހުރިހާ ކަމަކަށްވުރެ ހާއްސަ ކަމެއް."

މެޗަށް ލިވަޕޫލް ނިކުތީ، އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ މުހައްމަދު ސަލާހް ނުލައެވެ. އެންމެ ފަހުން ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން މެޗު ކުޅޭވޭ ވަރަށް އޭނާ ފިޓެއް ނޫނެވެ. އެހެންނަމަވެސް އޭނާ ވަނީ ދަނޑަށް ގޮސް މެޗު ނިމުމުން ލިވަޕޫލްގެ ކުޅުންތެރިންނާއެކު އުފާފާޅު ކޮށްފަ އެވެ.

ލިވަޕޫލުން މެޗުގެ ފުރަތަމަ މިނެޓްގައިވެސް ބާސާއަށް ސިހުން ގެނެ އެވެ. ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއިން ޜާދާން ޝަކީރީ ފޮނުވާލި ބޯޅަ ބޭރުވީ ބޯޅައިގެ މިސްރާބު ބަދަލުވުމުމުންނެވެ. ލިވަޕޫލްގެ ފުރަތަމަ ލަނޑު މެޗުގެ ހަތް ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑިވޯކް އޮރީޖީ އެވެ. ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސްނ ފޮނުވާލި ބޯޅަ ބާސާގެ ކީޕަރު މާކް އެންޑްރޭ ޓާ ސްޓެގަން އަތުގައި ޖެހިފައި ރީބައުންސް ވުމުން އޮރީޖީ ވަނީ ގޯލް ކުރިމަތީގައި ހުރެ އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލަފަ އެވެ.

ލިވަޕޫލްގެ އަނެއް ތިން ލަނޑު ކާމިޔާބު ކުރީ، މެޗުގެ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ލަނޑު ވައިނަލްޑަން ކާމިޔާބު ކުރީ 54 ވަނަ މިނެޓްގަ އެވެ. އެލެކްޒެންޑާ އާނޯލްޑް ނެގި ހުރަސް ބާސާގެ ކުޅުންތެރިންއެއްގެގައި ޖެހިފައި ދޫވި ބޯޅަ ވައިނަލްޑަން ވަނީ ވެއްޓިގެންފައި ގޯލާ ދިމާލަށް ފޮނުވާލާފަ އެވެ. ބޯޅަ ގޯލަށް ވަނީ ކީޕަރު ޓާ ސްޓެގަން ގައިގައި ޖެހިފަ އެވެ.

ތިން ވަނަލަނޑު އޭގެ ތިން މިނެޓްފަހުން ވައިނަލްޑަން ކާމިޔާބު ކުރީ ޝަކީރީ ނަގައިދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު، ކޯނަރަކުން ތަނަވަސްވި ބޯޅައިން ކާމިޔާބު ކުރީ އޮރީޖީ އެވެ. ލިވަޕޫލުން އަވަސްކޮށްލާފައި ކޯނަރު ނެގިއިރު ބާސާގެ ކުޅުންތެރިންނަށް ތިބެވުނީ ރަނގަޅަށް ތައްޔާރު ނުވެ އެވެ.

ސެމީ ފައިނަލުގެ ދެ ވަނަ މެޗުގެ އެންމެ ފަހު ލެގްގައި އަޔެކްސް ނިކުންނާނީ ޓޮޓެންހަމްއާ ދެކޮޅަށެވެ. ޓޮޓެންހަމްގެ ދަނޑުގައި ކުޅެ އަޔެކްސްއިން ވަނީ ފުރަތަމަ ލެގް މެޗު ކާމިޔާބު ކޮށްފަ އެވެ.