ބޭރު ކުޅިވަރު

ބާސެލޯނާގެ ތިން ފޯވަޑުން ވަރުގެ ބަޔަކު ނުދެކެން: ވެންގާ

ބާސެލޯނާގައި ތިބި ތިން ފޯވަޑުންހާ މޮޅު ބަޔަކު އޭނާ ދެކެފައިނުވާ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ފާއިތިވެފިޔަ 20 އަހަރު އާސެނަލްގެ ކޯޗުކަމުގައި ހުރި ވެންގާ މިހެން ބުނީ ބާސެލޯނާ އަތުން ރޭ 3-1އިން ބަލިވެ، ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުން އާސެނަލް ކެޓި މެޗަށް ފަހު އެވެ.

"އެމީހުންގެ ތަފާތު ތިން ކުޅުންތެރިން އެބަތިބި. ކުރިއަށް ލިބޭ ބޯޅަތަކުގައި އެމީހުންގެ ވަރަށް ތަފާތު. ހާއްސަކޮށް މެސީ. އޭނާ ގޯހެއް ނުހަދާ ކޮންމެ ގޮތަކަށް ބޯޅަ ލިބުނު ނަމަވެސް. މިވަރުގެ ތިން ކުޅުންތެރިން އަހަރެން މީގެ ކުރިއަކުން ނުދެކެން. މިއީ ބާސެލޯނާގެ ތަފާތަކީ. މި ތިން ކުޅުންތެރިންނަކީ މުޅި ތަސްވިރު ބަދަލުކޮށްލާ ކުޅުންތެރިން،" ވެންގާ ތައުރީފް އޮއްސާލި އެވެ.

ޗެމްޕިއަންސް ލީގުން ކެޓުމުން މި ސީޒަނުގައި ތައްޓެއް ހޯދުމުގެ އުއްމީދު އާސެނަލް އަށް މިހާރު އޮތީ އިނގިރޭސި ޕްރެމިއާ ލީގުގައި އެކަންޏެވެ. ނަމަވެސް އެއްވަނާގައިވާ ލެސްޓާ ސިޓީއަށްވުރެ އަށް ޕޮއިންޓް ފަހަތުގައި އޮތުމުން އެވެސް ވުމަށްވުރެ ނުވުން ދުރު ކަމެކެވެ.

ވެންގާ ބުނީ އާސެނަލް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތްކުރާނީ ކާމިޔާބު ހޯދަން ކަމަށެވެ.

"މިރޭ ވެސް އަހަރުމެން ވަރަށް މަސައްކަތް ކުރިން. އެކަމަކު ދެ ވަނަ ގޯލަސް ފަހު އެނގިއްޖެ މެޗު ނިމިއްޖެކަން. އެއީ ބާސެލޯނާ އަކީ ވަރަށް ތަފާތު ޓީމެއް،" ވެންގާ ބުންޏެވެ.