ޗެމްޕިއަން ސް ލީގު ފުޓްބޯޅަ މުބާރާތުގައި މިރޭ ޗެމްޕިއަން ސްޕޭނުގެ ބާސެލޯނާ އާއި އިނގިރޭސިވިލާތުގެ އާސެނަލް ކުޅޭ މެޗަކީ މުޅި ދުނިޔެ އިންތިޒާރު ކުރަމުން އަންނަ މެޗެކެވެ. މި މެޗުގެ ފޯރި ރާއްޖޭގައި ވެސް ގަދަވެފައިވާއިރު މެޗު އެންމެ ހާއްސަވާ އެއް ކުޅުންތެރިއަކީ އާސެނަލްގެ ކުރީގެ ކެޕްޓަން ތިއޭރީ އޮންރީ އަށެވެ. އޭނާ އަކީ ބާސެލޯނާ ވެސް ލެޖެންޑެކެވެ. މިހެންވެ މިރޭ އޮންރީ ސަޕޯޓް ކުރާނީ ކޮން ކުލަބަކަށް ހެއްޔެވެ؟
އުމުރުން މިހާރު 38 އަހަރުގެ އޮންރީގެ ފުޓްބޯޅަ ކެރިއަރުގެ ބޮޑުބައެއްގައި ކުޅުނީ އާސެނަލްގަ އެވެ. އިޓަލީގެ ޔުވެންޓަސްއިން 1999 ވަނަ އަހަރު ވެންގާ އާސެނަލް އަށް ގެނައި އޮންރީ އަކީ މިހާރު އެކުލަބަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 99 އިން 2007 އަށް އާސެނަލް އަށް 258 މެޗުން 175 ގޯލު ޖަހާދީފަ އެވެ.
އާސެނަލް ދޫކޮށް، އޮންރީ ބަދަލުވީ ބާސެލޯނާ އަށެވެ. އާސެނަލްގައި އޭނާ 14 ނަންބަރުގައި ކުޅެފައިވާތީވެ ބާސެލޯނާއިން އެ ނަންބަރު އޭނާ އަށް ދިނެވެ. އަދި ބާސެލޯނާގައި އޭނާ ވަނީ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ. މިއީ އާސެނަލްގައި އޭނާ އަށް ނުލިބުނު ކާމިޔާބީއެކެވެ. 2006 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އޭނާގެ ކެޕްޓަންކަމުގައި ކުޅުނު އާސެނަލް، ބާސެލޯނާ އަތުން ބަލިވުމަކީ އޮންރީ ކުލަބު ބަދަލު ކުރަން ސީރިއަސްކޮށް ވިސްނަން ފެށި ހިސާބެވެ.
މިރޭގެ މެޗުގައި ސަޕޯޓްކުރާނެ ކުލަބެއް ނިންމަން އޮންރީ އަށް ފަސޭހައެއްނޫނެވެ.
"އަހަރެން ޓީމަށް މި މެޗު ފަސޭހައެއްނުވާނެ. އެއީ އާސެނަލް. ދެން އަނެއް ފަރާތުން މި އޮތީ ބާސެލޯނާ. އަހަރެން ވަރަށް ލޯބިވާ ކުލަބެއް އެއީ. އެހެންވީމަ މިއީ ވަރަށް އުނދަގޫކަމެއް. އެއްގޮތަކަށް ވެސް ވަކި ޓީމެއް ނަގަން ފަސޭހައެއްނޫން. އެކަމަކު އަހަރެން ދާނީ ބާސެލޯނާއާއެކު،" އޮންރީ ބުންޏެވެ.
މިރޭގެ މެޗުގައި ބާސެލޯނާ އަށް ސަޕޯޓްކުރަން އޮންރީ ނިންމިއިރު އޭނާ މުހިންމު ކާމިޔާބީތައް ވެސް ހޯދީ ބާސެލޯނާގަ އެވެ. ޗެމްޕިއަންސް ލީގާއި ކުލަބު ވޯލްޑް ކަޕް އަދި ޔޫރަޕިއަން ސުޕަ ކަޕް ހޯދައި ސްޕެނިޝް ކަޕުގެ އިތުރުން ސްޕެނިޝް ލީގު ދެ ފަހަރު އޭނާ ބާސެލޯނާގަ ޖާޒީގައި ކާމިޔާބުކުރި އެވެ. އާސެނަލްގައި ލިބުނީ ޕްރެމިއާ ލީގު ދެ ފަހަރު އަދި އެފްއޭކަޕް ތިން ފަހަރު އަދި ކޮމިއުނިޓީ ޝީލްޑް ދެ ފަހަރު އެވެ.