ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މިރޭ ސްޕޭނުގެ ބާސެލޯނާ އާއި އިނގިރޭސިވިލާތުގެ އާސެނަލް ކުޅޭ މެޗަކީ ގަދަ 16ގެ އެންމެ ހާއްސަ މެޗެވެ. ވަކީން ބޮޑަށް މި މެޗު ހާއްސަވާ ކުޅުންތެރިއަކީ ފްރާންސްގެ ކުރީގެ ފޯވަޑް ތިއޭރީ އޮންރީ އެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި މިރޭގެ މެޗު ބަލަން އޭނާ އިންނައިރު އޮންރީ އަކީ މި ދެ ކުލަބަށް ކާމިޔާބު ހޯދާދީފައިވާ ކުޅުންތެރިއެކެވެ.
2006 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބާސެލޯނާ އަތުން އާސެނަލް ބަލިވީ އޮންރީގެ ކެޕްޓަންކަމުގެ ދަށުގަ އެވެ. އޭގަ ފަހުން ބާސެލޯނާ އަށް ބަދަލުވެ އޮންރީ ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. މިހެންވެ މިރޭގެ މެޗުގައި ވަކި ޓީމަކަށް ސަޕޯޓްކުރަން އޭނާ އަށް އުނދަގޫވާނެ އެވެ.
ނަމަވެސް މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޮންރީ ބުނީ ބާސެލޯނާއިން ޖަރުމަނު ކުޅުންތެރިޔާ މެސުޓް އޮޒިލް ހިފަހައްޓައިފިނަމަ އާސެނަލް "މަރުވާނެ" ކަމަށެވެ.
"އޮޒިލް ވަރަށް މޮޅު. އޭނާ ވަރަށް ގިނަ އެސިސްޓް ކޮށްދޭނެ. އޭނާ މިހާރު އެދަނީ ވަރަށް ވަރަށް މޮޅަށް ކުޅެމުން. ރެއާލް މެޑްރިޑުގައި އޭނާ ދެއްކި މޮޅު ކުޅުން މިހާރު އެބަކުޅޭ. އުނދަގޫ ދެ ސީޒަނަކަށް ފަހު މިހާރު އޭނާ ވަރަށް މޮޅު. (ބާސެލޯނާއިން) އޮޒިލް ހުއްޓުވައިފިނަމަ އާސެނަލް މަރުވާނެ،" އޮންރީ ބުންޏެވެ.
އާސެނަލްގެ މިހާރުގެ ވެސް ކޯޗު އާސެން ވެންގާގެ ކޯޗުކަމުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އޮންރީ ބުނީ ބާސެލޯނާއާ ދެކޮޅަށް އާސެނަލް ކުޅޭނީ ދިފާއީ ކުޅުމެއް ކަމަށެވެ.
"އެމީހުން ކުޅޭނެ ކަމަށް އަހަރެން ގަބޫލު ކުރަނީ މިފަހަރު ބަޔާން މިއުނިކާ ދެކޮޅަށް ވެސް ކުޅުނު ކުޅުން. އެއީ ޑިފެންސްކޮށްފައި ކައުންޓައެޓޭކްކުރުން. އެއީ ބާސެލޯނާއާ ދެކޮޅަށް ބޯޅަ ހިފަހައްޓައިގެން ކުޅުމަކީ ފަސޭހަކަމެއްނުވާނެ. އެމީހުން ޖެހޭ އަމިއްލަ ދަނޑުގައި ކޮންމެވެސް ރަނގަޅު ނަތީޖާއެއް ނެރެން ބާސެލޯނާގެ ދަނޑުގައި ކުޅުމުގެ ކުރިން،" އޮންރީ ބުންޏެވެ.
އޭނާ އަދި ބުނީ އާސެނަލްއިން މީގެ ކުރިން ނަތީޖާ ނެރެނީ ރަނގަޅަށް ކުޅެގެން ކަމަށާއި ނަމަވެސް މި ސީޒަނުގައި ރަނގަޅަށް ނުކުޅެވޭ މެޗުތަކުގައި ވެސް އާސެނަލް ނަތީޖާ ނެރެފައިވާ ކަމަށެވެ. މިހެންވެ މިއީ ކުރިއާ އަޅާބަލާއިރު ފެންނަ ތަފާތެއް ކަމަށާއި ބާސެލޯނާ ވެސް އެކަމަށް ވިސްނަންޖެހޭނެ ކަމަށެވެ.