ހަބަރު

ނިއާ ޝަރްމާ ރާއްޖޭގައި

އިންޑިއާގެ ޑްރާމާ ސީރީސް ތަކުން ފެނިގެންދިޔަ މައްޝޫރު ފިލްމީތަރި ނިއާ ޝަރްމާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެ އެވެ.

ނިއާ ޝަރްމާ ޗުއްޓީ ހޭދަ ކުރަމުންދަނީ ރ. މީދުއްޕަރު ރިސޯޓުގައި އެވެ.

ޝަރްމާ މަޝްހޫރު ވެފައި ވަނީ ސްޓާޕްލަސް އިން ދެއްކި ހިންދީ ޑްރާމާ ސީރީސް "އެކް ހަޒާރޯ މެން މޭރީ ބެހެނާ ހޭ" ގައި އޭނާ ކުޅުނު ރޯލުންނެވެ. އަދި މީގެ އިތުރުން ޒީ ޓީވީ އިން ދެއްކި "ޖަމައި ރާޖާ" ގައި ޝަރްމާ ވަނީ ބަތަލާ ގެ ރޯލު ކުޅެފައިވެ އެވެ.

އިނގިރޭސިވިލާތުގެ "އީސްޓާން އައި" ނޫހުން މިދިޔަ އަހަރު އެކުލަވާލި އޭޝިއާގެ އެންމެ ރީތި 50 އަންހެނުންގެ ލިސްޓުގެ ތިންވަނަ ޝަރްމާ ވަނީ ހޯދާފަ އެވެ.

ޝަރްމާގެ ރާއްޖެ ދަތުރު ފެށުނީ ކަމަށް އޭނާގެ އިންސްޓަގްރާމް އެކައުންޓް ގައި މީގެ ދެ ދުވަސް ކުރިން ބުނެފައިވާއިރު ރާއްޖެއިން ފުރާނެ ދުވަސް ބުނެފައެއް ނުވެއެވެ.

ހޮލީވުޑާއި ބޮލީވުޑުގެ މަޝްހޫރު ފިލްމީ ތަރިން ޗުއްޓީ ހޭދަކުރަން ވަރަށް ގިނައިން ރާއްޖެ ހިޔާރު ކުރެ އެވެ.