ދިވެހި ޒުވާނުންގެ ތެރޭގައި ވަރަށް އާންމު ކަމެއް އޮވެ އެވެ. ވަޒީފާއެއް ހޯދުމަށް ހުރިހާ ވެބްސައިޓުތަކާއި ގެޒެޓް ވެސް ބަލައި ހާވާނެ އެވެ. އަދި ތިމާގެ މީހުންނާއި ރައްޓެހިން ކައިރީ އަހައިގެން ވެސް ވަޒީފާއެއް ނުލިބިގެން "ތެޅޭނެ" އެވެ. ނަމަވެސް އެއްފަހަރު ވެސް އަމިއްލަ މީހާއާ ސުވާލެއް ކޮށްލަބަލާށެވެ. ވަޒީފާއެއްގެ އަޖުމަ ބަލައިލުމަށް ބޭނުންވެގެން ލިޔެކިޔުންތައް އެކި ތަންތަނަށް ހުށަހެޅީ ކިތައް ފަހަރުތައް ހެއްޔެވެ؟ ނޫނީ އެއީ ހާދަ "ކަޑަ ވަޒީފާ" އެކޭ ނޫނީ "ހަޑި ވަޒީފާ" އެކޭ ބުނެ މަސައްކަތެއް ނުކޮށް ގޭގައި ތިބެނީ އެވެ. ބައެއް ޒުވާނުންނަށް ވަޒީފާއެއް ލިބުނު ކަމަށް ވަނީ ޓައި އަޅައިގެން މޭޒު ކައިރީގައި އިދެ މަސައްކަތް ކުރެވުނީމަ އެވެ.
މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މާލޭގެ މަގުމަތިން އުފާވެރި މަންޒަރެއް އެބަފެނެ އެވެ. ކުރިން ހަޑި މަސައްކަތެއްގެ ގޮތުގައި ބެލުނު ކުނި ނެގުމުގެ މަސައްކަތުގައި މި ފެންނަނީ ދިވެހި ޒުވާނުން އިސްކޮށް އުޅޭތަނެވެ. މިއީ ހަގީގަތުގައި ވެސް ސަޅި ދިވެހި ޒުވާނުން އެވެ. މި ޒުވާނުން މި ވަނީ މަސައްކަތު މާހައުލަށް މުޅި ދުނިޔެއަށް މިސާލު ދައްކައިފަ އެވެ. ލަދު އެއްފަރާތްކޮށްލާފައި މާލޭގެ ހުރިހާ ގެތަކަށް ވަދެ، ކުނި އުކާލާ ވެމްކޯ ކުންފުނީގެ ދިވެހި ޒުވާނުންނަށް ހަމަ ސާބަހެވެ. އެއް ބަޔަކަށް މިކަން ބޮޑު ޖޯކަަކަށް ވެދާނެ އެވެ. ކިތަންމެހާ ވެސް ކަޑަ ކަމަކަށް ވެދާނެ އެވެ. އަދި ހަގީގަތުގައި ކުނި އުކާލާ މަސައްކަތް ކުރަން ދިވެހިން ނެރޭ ވާހަކަ ވެމްކޯއިން ދެއްކުމުން އެކަން ކާމިޔާބު ވާނެ ކަމަކަށް ހީނުކުރި ބަޔަކު ވެސް ތިބެދާނެ އެވެ.
ނަމަވެސް ބިދޭސީންނަށް ބަރޯސާވެ "ހުސްވެފައި" ތިބޭ ދިވެހިންގެ ތެރެއިން "ފުރޭނިގެން" ނިކުތީ ހިތްވަރުގަދަ އަދި ކެރޭ ޒުވާނުންތަކެކެވެ. ވަޒީފާތަކަށް ހަޑި ކިޔާ މީހުން ފަހަތަށް ޖައްސާލައި މި ވެމްކޯގެ ފަރާތުން ކުނި އުކާލަދޭން ނިކުންނަ ޒުވާނުން ދައްކަނީ އެ މީހުންގެ އެ މަސައްކަތުން މުޅި ގައުމު އެބަޔަކަށް ސެލިއުޓް ކުރަން ޖެހޭ ކަމެވެ.
"ކުންފުނީގެ ސްޓްރެޓަޖީއަކީ ދިވެހިންނަށް ފޯކަސް ކުރުން، އަޅުގަނޑުމެނެއް ބޭނުމެއް ނުވޭ ކުރިޔަށް އޮތްތަނުގައި ބޭރު މީހުންނަށް ޑިޕެންޑުވާކަށް، އަޅުގަނޑުމެން ބޭނުން ވަނީ ހަޑި ވަޒީފާއެއް ކަމަށް ބުނެ މީހުން އެ ބޭނުން ކުރާ ވިސްނުން ބަދަލު ކުރަން، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ކުނި އުކާލަދެ ދިވެހިންނަކީ ވެސް އިހްތިރާމް ކުރާ ވަރުގެ ވަޒީފައެއް އަދާ ކުރާ ބައެއްގެ ގޮތުގައި ވިސްނާދިނުން، މިއީ ގައުމީ މަސައްކަތެއް ކަން،" އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު ވިދާޅުވި އެވެ.
ވެމްކޯގައި ގެތަކަށް ކުނި ނަގަން ދާ މީހުންގެ ތެރޭގައި ދެ އަންހެނުން ހިމެނޭ ގޮތަށް 50 އަށް ވުރެ ގިނަ ދިވެހިން މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން ވެސް ގިނައީ ޒުވާނުންނެވެ. އަދި ކުނި ލޮރީތަކުގެ ޑްރައިވަރުންނަށް ވެސް މުޅިން ވެސް އުޅެނީ ދިވެހިންނެވެ. އަދި ވެމްކޯ އޮފީހުގައި ވެސް އިދާރީ މަސައްކަތް ކުރަނީ 100 ޕަސަންޓު ދިވެހިންނެވެ.
ޝިފާއު ވިދާޅުވީ ގޮތުގައި ދިވެހިން ހަޑި ކަމަށް ގަބޫލު ކުރާ ވަޒީފާތަކަށް ވެސް މީހުން ޝައުގުވެރި ކުރުވާނީ އެ މީހުންނަށް ލާނެ ރަނގަޅު ޔުނިފޯމަކާއި ބޭނުންވާ އެޓަޔާތައް ދިނީމަ އެވެ. އެގޮތުން ރަނގަޅު ބޫޓު ދީ މޮޅެތި އަންގި އާއި ތޮފި ފަދަ ތަކެތި ބޭނުންވާ މީހުންނަށް ދޭން ޖެހޭނެ އެވެ. އޭގެ އިތުރުން އެ މީހުން ކުރާ މަސައްކަތާ ބަލާފައި ރަނގަޅު މުސާރައެއް ދިނުން މުހިންމު ވާނެ ކަމަށް ޝިފާއު ވިދާޅުވި އެވެ. ވެމްކޯގައި މަސައްކަތް ކުރާ ކޮންމެ ދިވެއްސަކަށް ވެސް މިހާރު މަހަކު 9000 ރުފިޔާ ލިބެ އެވެ. އެއީ އިތުރަށް މަސައްކަތް ކުރާ ގަޑިތައް ނުލަ އެވެ. ޝާފިއު ވިދާޅުވި ގޮތުގައި ކުރިޔަށް އޮތްތަނުގައި ބޭނުންވާ ފަރާތްތަކުގެ އެކޮމޮޑޭޝަން ވެސް ގުޅީފަޅުން ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން ނެވެ.
"ޓެކްނިކަލީ މަސައްކަތެއް ކުރަން ނޭންގޭ ނަމަ ރަނގަޅު ބޭރުން ބަޔަކު ގެންނަން. ނަމަވެސް އެންމެ ދިވެއްސަކަށް ވެސް މަސައްކަތް ކުރަން އެނގޭ ނަމަ އެ ފުރުސަތެއް އެ މީހަކަށް ދޭން ޖެހޭނެ، މުސްތަގުބަލުގައި އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން މީހުން ތަމްރީންތައް ދީގެން ދިވެހިންނަށް ނޭންގޭ ޓެކްނިކަލް މަސައްކަތް ވެސް އެ މީހުންނާ ހަވާލު ކުރަން،" ޝާފިއު ވިދާޅުވި އެވެ.
ކުނި އުކާލުމުގެ މަސައްކަތް ކުރާ، އިންޑަސްޓްރިއަލް ވިލެޖްގައި ހުންނަ ވެމްކޯގެ މައި ސެންޓަރުން ކޮންމެ ދުވަހަކު ހެނދުނު މަސައްކަތްތައް ފަށައިގަތުމަށް ބްރީފިންއަށް އެއްވެ ތިބެނީ ދިވެހި ޒުވާނުން އެވެ. މިއީ ހާދަހާވާ އުފާވެރި މަންޒަރެކެވެ. މީގެ ކުރިން މަސައްކަތެއް ނެތި އަތް އުރާލައިގެން ތިބި އެތައް ޒުވާނުންނެއް މިއަދު ނިކުންނަނީ އެއް ޒަމާނެއްގައި ހަޑި ވަޒީފާއެއް ކަމަށް ދެކުނު މަސައްކަތަށެވެ. އެ ޒުވާނުން ތިބީ ވަރަށް ވެސް ފަހުރުވެރި ކަމާ އެކު އެވެ.
މުޅިތަން ފުރާ ތިބެނީ ދިވެހި ޒުވާނުންނެވެ. ބައެއް ފަހަރަށް މި ހުރެވެނީ ކުޅިވަރު ދަނޑެއްގައިއޭ ވެސް ހީވާ ކަހަލަ އެވެ. ނަމަވެސް އެއީ މާލޭ ގެތަކަށް ކުނި ބަލާދާން ނުކުންނަ ދިވެހި ޒުވާނުން އެވެ. ނަމަވެސް އެ މަސައްކަތް ކުރަން ޖެހޭތީ އެ މީހުންގެ މޫނު މަތިން ކުޑަވެސް ލަދުވެތިކަމެއް ނުވަތަ ހިތްހަމަ ނުޖެހުމެއް ނުފެނެ އެވެ. ވަރަށް މަޖަލުގައި އަދި އެކުގައި އެ މީހުން މަސައްކަތައް ނިކުންނަން ތިބީ ތައްޔާރަށެވެ. އެއް ފަރާތަކަށް ބަލައިލި އިރު ގޮނޑިތަކުގައި އިށީންދެ ލައިގެން ދެތިން ބިދޭސީއަކު ފެނުނެވެ.
"ކޮންމެ ދުވަހަކު ވެސް ކުނި އުކާލަން ނިކުތުމުގެ ކުރިން އެ މީހުންނަށް މި ކުރަނީ ކޮން މަސައްކަތެއް ކަމާއި ދުވަހުގެ ޓާސްކުތަކާއި ހާސިލް ކުރަން ބޭނުންވާ ކަންކަން ކިޔާދެން. އެ މީހުން މޯޓިވޭޓް ކުރުވަން މަސައްކަތް ކުރަން، ވަރަށް ފޯރީގައި ހެޔޮ ނިޔަތުގައި އަދި ވަރުގަދަ އަޒުމަލާގެން ކޮންމެ ދުވަހު ނިކުންނާނީ،" އެތަނުގައި ހުރި އިސް މީހަކު ބުންޏެވެ.
އިރުކޮޅަކު މަޑުކޮށްލައިގެން ހުރުމަށް ފަހު، މަސައްކަތަށް ނިކުންނަން އުޅުން ޒުވާނަކާ އިންޓަވިއުކޮށްލީމެވެ؛ އޭނާ ބުނީ ކުނި އުކާލުމަކީ ބިދޭސީން ކުރަން ޖެހޭ ކަމެއް ގޮތުގައި ގަބޫލު ނުކުރާ ކަމަށެވެ. އެއީ ދިވެހިރާއްޖެ ސާފު ތަނެއްގެ ގޮތުގައި ބަހައްޓަނީ ދިވެހިން ކަމަށާއި ސާފު ރާއްޖެ ސާފު ތަނަކަށް ހެދުމަކީ ބިދޭސީންނަށް އެހާ މުހިންމުވާނެ އަދި އޭގެ ފައިދާ އެނގިގެން ކުރާނެ މަސައްކަތެއް ނޫން ކަމަށެވެ. އަދި ދިވެހިން އެކަން ކުރަން ނުކުތުމަކީ އެންމެ ފައިދާ ހުރި ގޮތް ކަމަށް އެ ޒުވާނާ ބުންޏެވެ.
"އެއްވެސް ލަދެއް ނުގަނޭ މިކަމުގަ އުޅޭކަށް، ވަޒީފާއަކަށް ވާނީ ހަމައެކަނި ކޯޓު ފަޓުލޫނު ލާފައި ހުރީމައެއް ނޫން، އެހެން ދާއިރާތަކުގައި ވެސް ރަނގަޅު އާމްދަނީއެއް ލިބި ބޭނުންތައް ފުއްދޭ ކަމަށްވާނަމަ ހަމަ ކުރަން ރަނގަޅުވާނެ، ކުރާ ހިތުން ކުރާ ކަމެއް މިއީ، އަދި ގިނަ ދިވެހިންނަށް ވެސް މީގެ ބޭނުން ވިސްނި މިކަމުގައި ބައިވެރިވާނެ ކަމަށް އުންމީދު ކުރަން،" އޭނާ ބުންޏެވެ.
އެ މީހުންގެ ވާހަކަތައް އަޑު އަހާފައި އަދި ވެމްކޯއިން ދިވެހިންނަށް އިސްކަން ދިނުމަށް ގެންގުޅޭ މިސާލަށް ބަލާފައި ވަރަށް އުންމީދު އާ ވެއްޖެ އެވެ. ކުނި އުކަން އުޅޭ ދިވެހިންނަކީ ބަލައިގަންނަން ޖެހޭ އަދި އިހްތިރާމް ކުރަން ޖެހޭ ބަޔަކަށް ވާން ޖެހޭ ކަން ޝައްކެއް ވެސް ނެތެވެ. އެއީ އަމިއްލައަށް އުފުލަން ނުކެރުނު ކުނި އެ އުކާދެނީ އެމީހުންނެއް ނޫން ހެއްޔެވެ؟ އަދި ވަޒީފާއަށް ހަޑި ކިޔާ ދިވެހި މި ޒުވާނުންތައް ނަމޫނާއަކަށް ނަގަން ޖެހެ އެވެ. ވަޒީފާއެއް ހަޑިއެއް ނުވާނެ އެވެ. ހަޑިވާނީ އެ މީހާގެ ވިސްނުމެވެ. އެހެންވީމަ ވިސްނުން ބަދަލުކޮށްލާށެވެ!