ހަބަރު

ބިދޭސީން މުޒާހަރާކޮށްފި ނަމަ ފިޔަވަޅު އަޅާނަން: އިމިގްރޭޝަން

ވޯކް ވިސާގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުޒާހަރާ ކުރުމަކީ މަނާ ކަމަކަށް ވާތީ އެކަން ކޮށްފި ނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު، އިމިގްރޭޝަން ޑިޕާމްޓްމަންޓުން ދީފި އެވެ.

ބަންދްލާދޭޝް މީހެއްގެ މެޔަށް ވަޅި ހަރައި މަރާލުމާ ގުޅިގެން އަނިޔާވެރިކަމާ ދެކޮޅަށް އަންނަ ހުކުރު ދުވަހު ބިދޭސީން މުޒާހަރާ ކުރާނެ ކަމަށް ބުނެފައި ވަނިކޮށް، އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކަމަކާ ހިތްހަމަ ނުޖެހިގެން ވެސް ނޫނީ އެހެން ކަމަކާ ވެސް މުޒާހަރާ ކޮށް އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމަކީ ރާއްޖޭގައި މަސައްކަތް ކުރުމަށް ދޫ ކޮށްފައި އޮންނަ ވިސާގައި މުޅިން މަނާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަމެއް ބިދޭސީ އަކު ނޫނީ ބިދޭސީންތަކެއް ކޮށްފި ނަމަ، ދެވަނަ ފުރުސަތެއް ދިނުމަކާ ނުލައި އެފަދަ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، ބިދޭސީ އަކު މުޒާހަރާކޮށްފި ނަމަ، އޭނާއަށް ވަޒީފާ ދީފައިވާ ފަރާތާ ދޭތެރޭގައި ވެސް ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެ ޑިޕާޓްމަންޓުން ބުނި ގޮތުގައި، ފިޔަވަޅު އެޅުމުގެ ގޮތުން ވަޒީފާ ދީފައިވާ ފަރާތަށް ބިދޭސީންނާ ގުޅޭ ގޮތުން އިމިގްރޭޝަނުން ދޭ ހިދުމަތްތައް ވަކި މުއްދަތަކަށް ހުއްޓާލާނެ ކަމަށެވެ.

"ބިދޭސީންނަށް ވަޒީފާ ދީފައިވާ ފަރާތްތަކުން އެ މީހުން މުޒާހަރާގައި ބައިވެރިނުވުމަށާއި އަދި ރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތަށް އުޅުމަށް ހަދުމަކޮށްދިނުމަށް ދަންނަވަމެވެ. މުޒާހަރާތަކުގައި ބައިވެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގައި އިމިގްރޭޝަނުން ފަސް ނުޖެހޭނެކަން މި ފުރުސަތުގައި ދަންނަވަމެވެ،" އިމިގްރޭޝަންގެ ބަޔާނުގައިވެ އެވެ.