(21 މާރިޗު 2017 އާ ގުޅޭ)
މައުރީންގެ ހިތް އައިރާއާ މެދު ނުބައިވާނޭ ފަދަ ޚިޔާލުތައް ރުބީނާގެ ވާހަކަތަކުން އުފެދެމެދުން ދިޔައެވެ. ފަހަރެއްގައި އެއީ ރުބީނާ އެދޭގޮތް ކަން ނޭނގެއެވެ. ރުބީނާ ކީހާ އެއްޗެއް އަޑުއަހަން މައުރީން ހިމޭނުން އިނެވެ. އެ އަޑު ކޮޓަރީގައި އުޅުނު ނިޔާނަށް ނީވިއެއް ނުދިޔައެވެ. އައިރާ ބަލާލުމުން ނިޔާނު އިސްޖަހާލި އެވެ. އަދި އައިސް މަޑުމަޑުން އެނދުގައި އިށީނެވެ.
"ސޮރީ" ނިޔާނުގެ ގާތުގައި އައިސް އައިރާ އިށީނުމުން އޭނާގެ އަތުގައި ހިފާލަމުން ނިޔާނު ބުނެލިއެވެ.
"މަންމަ ނުރުހިފައި ހުރީމަކަން އެނގޭ އެކަހަލަ އެއްޗެހި އެ ކިޔަނީ. އޭގަ ނިޔާނު ކުރާނެކަމެއް ނެތެއްނު"
"އަހަރެންގެ މަންމަ ވިޔަސް އައިރާއަށް އެއްޗެހި ކިޔާކަށް ބޭނުމެއް ނޫން. ނޭނގެ ކީއްވެކަމެއް އައިރާއާ މެދު މަންމަ ހިތްހަމަ ނުޖެހެންވީ. އަހަރެން ހިތްހަމަޖެހޭ ލޯބިވާ މީހަކާ ދޯ އިންނާނީ. އެކަމާ މަންމަ ވެސް އުފާ ކުރަންވީނު. އަނެއްކާ އައިރާއަކީ ކޮންކަހަލަ ކުއްޖެއްކަން އެނގޭނީ މަންމަ ވެސް އައިރާ ދަސްކުރަން އުޅުނީމަ ދޯ. އެގޮތަށް އެއްޗެހި ކިޔަކަސް ނޭނގޭނެ"
"ވެދާނެ އަހަރެން ބަދިގެއަށް ވަދެ ހެނދުނު ސައި ތައްޔާރު ކުރީމާ މަންމައަށް އުނދަގޫވީ ކަމަށް. ނިޔާނު ބުނީމެއްނު ބަދިގެއަކީ މަންމަގެ އޭރިއާއޭ... އެހެންވީމަ ކުއްލިއަކަށް އަހަރެން އައިސް ބަދިގޭ މަސައްކަތް ކުރަން ފެށީމަ ހީވެދާނެ ގެއަށް ވެރިވާންށޭ އެ އުޅެނީ"
އައިރާ އާއި ނިޔާނު ބެލީ މަސްލަޙަތު ހިފެހެއްޓޭތޯ އެވެ. އެކަކު އަނެކަކަށް ވިސްނައި ދީގެންނެވެ. އެ ދެމެދުގައި އޮތް ލޯބި ވަރުގަދަވެ ގާތްވުމަށް އެ ދެމަފިރިންގެ ހެޔޮ ވިސްނުން ތަންދިނެވެ. ދެ މަފިރިން ތައްޔާރުވެލައިގެން ބޭރަށް ނުކުތީ ބާޒާރުކޮށްލާށެވެ. އައިރާގެ ހެނދުންތައް ބަދަލުކޮށްލަން ނިޔާނު ވިސްނީ ވެސް ރުބީނާގެ ރުހުން ހޯދުމަށެވެ. މިހާރު އޭނާ އަޅާފައި ހުންނަނީ ޓޮޕަކަށް ވެސް ނުވާ ގަމީހަކަށް ވެސް ނުވާފަދަ ނުގުޅޭ ފޮތިތަކުން ފަހާފައި ހުންނަ އެއްވެސް ބައްޓަމެއްނެތް ހެދުންތަކެކެވެ. ލާފައި ހުންނަ ހަރުވާޅުގެ ފައިކުރިތައް ވެސް އެހާ ބޮޑެވެ. އެ ހެދުމުގައި އައިރާގެ ރީތި ސިފަ ގެއްލިފައިވާކަމުގައި ނިޔާނު ޤަބޫލު ކުރެއެވެ. އެހެންވެ އައިރާ ގޭގައި އުޅޭއިރު ލުމަށް ޓީޝާޓާއި އަންހެންކުދީން ލާފަދަ ޓްރެކްސޫޓު އަދި ކުޅިވަރު ހަރުވާޅު ފަދަ އެއްޗެހި ގަނެދިނެވެ. ބޭރަށް ދާން ވަކި ހެދުންތަކެއް ބޭނުން ކުރުމަށް ނިޔާނު އެދުނެވެ. އެގޮތުން ސްކިނީ ޖިންސާއި ކަށިމައްޗާ ހަމައަށް ހުންނަ ގަމީހާއި ކުރުތާ ގަނެދިނެވެ. އެ ހެދުމާ ގުޅޭނެ ޝޯލް ގަނެދިނެވެ. ބާޒާރު ކޮށްގެން ގެއަށް އައިސް ވަންއިރު ސިޓިންރޫމުގައި ރުބީނާއާއި މައުރީން ވެސް ތިއްބެވެ.
"މައު! ދިސް އިޒް ފޯ ޔޫ" ކޮޓަރިއަށް ދިއުމުގެ ކުރީން ނިޔާނު އޭނާގެ އަތުގައި އޮތް ކޮތަޅެއް ގެނެސް މައުރީންގެ އަތަށް ދިއްކޮށްލިއެވެ. އަދި އައިރާ ގޮވައިގެން ނިޔާނުގެ ކޮޓަރިއަށް އޭނާ ދިޔައެވެ.
"ބާޒާރު ހުސްކޮށްލައިގެން ނޫންކަމެއް ވެސް ނޭނގެ އެ އައީ،" ނިޔާނުމެން ލޮލަށް ގެއްލުމާއެކު ރުބީނާ ބުނެލި އެވެ. އެހެންނަމަވެސް އެ އަޑު މައުރީނަށް އިވުނުހެނެއް ހިޔެއް ނުވެއެވެ. އޭނާ ކޮތަޅުތެރެއަށް ބަލަން އިނީ ނިކަން ހެވިލާފަ އެވެ. އަވަހަށް ސޯފާއިން ތެދުވެ އައިސްއަލަމާރި ކައިރިއަށް އައެވެ. އަދި ކޮތަޅުގައި ހުރި ޗޮކުލެޓުތައް ނަގާ ފިނި ކުރުމަށް އައިސް އަލަމާރިއަށް ލާން ފެށިއެވެ.
ޖެހިގެން އައި ދުވަހު ނިޔާނު އޮފީހަށް ނުކުންނަން ފެށިއެވެ. ރުބީނާއާއި މައުރީންއަށް ވެސް ހައިރާންކަމެއް ގެނުވީ އައިރާ އަޅާ ހެދުން ބަދަލުވުމުންނެވެ. މައުރީންއަށް އައިރާދެކެ ރުޅި އަންނަންވީކަމެއް ނޫނީ އޭނާއާ ގުޅިގެން އުޅެންވީކަމެއް ނިންމާކަށް ނޭނގުނެވެ. ބައެއް ފަހަރަށް ރުބީނާ ހުންނައިރު އައިރާއާ އަނގައިން ނުބުނެ އެވެ. އެހެންނަމަވެސް ރުބީނާ ފެންނަން ނެތިއްޔާ އައިރާއާ މަދުމަދުން ވާހަކަ ދައްކަ އެވެ. އައިރާ އަޅާ ހެދުން ބަދަލުވުމާއެކު އޭނާ ބަލައިގަންނަން މައުރީންއަށް ފަސޭހަވެއްޖެ އެވެ. ބައެއް ފަހަރަށް އައިރާ ތައްޔާރުކުރާ ކާއެއްޗެހި މީރު ވެގެން މައުރީން އުޅެން ފެށި އެވެ. އެހެންނަމަވެސް އެކަން މާބޮޑަށް ފާޅުކުރާކަށް އޭނާއަށް ނުކެރެއެވެ. ނިޔާނު އުޅޭ ވަގުތުތަކުގައި މަދުން ނަމަވެސް އެކޮޓަރިއަށް މައުރީން ވަދެލައެވެ.
ނިޔާނާއި އައިރާގެ ކައިވެންޏަށް ހަތަރުމަސް ފުރިގެން އެކަން ފާހަގަކުރަން ނިޔާނު އުޅުމުން އެކަމަށް މައުރީންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެން ދިޔައެވެ. އައިރާއާއި ނިޔާނަށް ކާޑެއް ވެސް ތައްޔާރު ކޮށްގެން މައުރީން ގެނައެވެ. އޭނާގެ ގުޅުން އެ ދެމަފިރިންނާ ބަދަހިވާތަން ދުށުން ރުބީނާއަށް ކެތެއް ނުވިއެވެ. ގަސްދުގައި ނިޔާނުގެ ގާތުގައި ފައިސާއަށް އެދެން ފެށީ އެ ދެމަފިރިންނަށް ދަތިކުރުމުގެ ބޭނުމުގަ އެވެ. އައިރާގެ އެއްވެސް ޝަކުވާއެއް ނޯވެ އެވެ. ނިޔާނަށް ލިބޭ އާމްދަނީއިން އެ ދެމަފިރިންނަށް ޚަރަދުވަނީ ވަރަށް ކުޑަ މިންވަރެކެވެ. މުސްތަޤުބަލަށް ޓަކައި ފައިސާ ފޮރުވަން އެ ދެމަފިރިން ބޭނުންވި ނަމަވެސް ރުބީނާގެ ޢަމަލުތައް ހުންނަ ގޮތުން ހީވަނީ އެކަން އެމީހުނަށް ވިޔަނުދޭން ހިފާފައި ހުންނަ ހެނެވެ.
"މަންމާ. ކޮންމެ މަހަކު ލިބޭ އެއްޗެއް ޚަރަދުވެގެން ދަނީ. ކަމެއް ދިމާވިޔަސް މިހާރު ނެތް އަތަކު ފައިސާއެއް. އަހަރެން ބޭނުން ފޮރުވަން ވެސް" ނިޔާނުގެ ކަންބޮޑުވުން އޭނާ ފާޅުކުރިއެވެ.
"އަހަންނަށް ދޭން ބޮޑުވަންޏާ ނުދީ ހުއްޓާލަބަލަ... ތިހެން ކުދިނުކިޔާ ރީތިކޮށް ބުނެބަލަ އައިރާގެ ލަގޮނޑިއަށް ކެތްނުވަނީއޭ އަހަރުމެންނަށް ޚަރަދުކުރާތީ"
"ކަމެއްވާއިރަށް އައިރާއޭ މަންމަ ތި ކިޔަނީ ކީއްވެތަ؟ އޭނާ އަހަރެން ކައިރީ ނާހާ އަހަންނަށް ލިބެނީ ކިހާ ވަރެއްތޯ ވެސް. އޭނާއަކީ މަންމަ ހީކުރިޔަސް ފައިސާއާ ހެދި އުޅޭ އަންހެނެއް ނޫން. މިހާރު ތިހެން އައިރާއާ ދިމާއަށް އެއްޗެހި ވެސް ކިއިއްޖެއްނު. އަދިވެސް ހުއްޓާލާކަށް ނުވޭތަ. އަހަރެން އައިރާ ވަރިއެއް ނުކުރާނަން. މަންމަ އަބަދު އެއްޗެހި ކިޔާއިރު އަހަރެން ވެސް ދެރަވެޔޭ. އެއީ އަހަރެންގެ އަންހެނުން. އަހަރެން އޭނާއާ ގުޅެން ބޭނުންވެގެން މިގެއަށް ގެނައި" ނިޔާނު ނުރުހިފައި ސޯފާއިން ތެދުވެގެން ކޮޓަރިއަށް އައިސް ވަންނަން އުޅުނު އިރު ކޮޓަރި ދޮރުމަތީ އައިރާ ހުރިތަން ފެނުނެވެ.
"ނިޔާނު" ނިޔާނުގެ ފަހަތުން ކޮޓަރިއަށް ވަން އައިރާ ގޮވާލިއެވެ.
"އަހަރެން އެއްޗެއް ނުބުނަން ކެތްކޮށްފިން. އެކަމަކު އަބަދާ އަބަދު ދުލުގަ ހިފާ ދަމަންޏާ އެއްޗެއް ނުބުނެ ހުންނާނީ ކިހިނެއް. އަހަރެން ވެސް މީ އިންސާނެއްވިއްޔާ. އަހަރެން އައިރާއާ އިނދެގެން ގެނައީ އަހަރެންގެ މަންމަ ލައްވާ އެއްޗެހި ކިޔުއްވާކަށް ނޫން. އައިރާގެ ސަބަބުން މަންމައަށް ފަސޭހަވޭ... އެކަމަކު އެކަން މަންމަ ބަލައިގަންނަން ބޭނުންނުވަނީ"
"ރުޅިމަޑުކޮށްބަލަ. ފިނި ފެންތަށްޓެއް ގެނެސްދެންތަ" ނިޔާނުގެ ކޮނޑުގައި އަތްބާއްވާލާ އައިރާ އަހާލިއެވެ.
"ފެނެއް ބޭނުމެއް ނޫން. އަހަރެން ބޭނުމީ އޮށޯވެލަން" އޮފީސް ހެދުމުގައި ހުރި ނިޔާނު އެއްޗެހި ވެސް ބަދަލު ނުކޮށް އެނދުމައްޗަށް ވެއްޓިގަތެވެ. އެއާއެކު އޭނާގެ އިސްޓާކީނު އައިރާ ބާލަ ދިނެވެ. އަދި އައިސް ނިޔާނުގެ ގާތުގައި އިށީނދެ އޭނާގެ މޭގައި ފިރުމާލިއެވެ. ނިތްކުރީގައި އެއްއަތް ބާއްވާލައިގެން ދެ ލޯ މަރާލައިގެން ނިޔާނު އޮތެވެ.
"އަދިވެސް ރުޅި އައިސްފައިތަ" ރުޅި އައިސްފައި ހުރެ އެނދުގައި އޮށޯތް ނިޔާނަށް ނިދުނީއެވެ. އޭނާއަށް ހޭލެވުނީ އިރުއޮއްސި މަޣުރިބު ނަމާދަށް ވެސް ގޮވާ ދިޔަފަހުންނެވެ. އޭނާ ބޯހިތްލާލި ތަން ކޮޓަރިތެރޭ އިސްތިރި ކުރަން ހުރި އައިރާއަށް އަލަމާރީގެ ބޮޑު ލޯގަނޑުން ފެނުނެވެ.
"ވަރަށް ލަސްވެއްޖެ ދޯ. ލޯބި ކީއްތިކުރަނީ" ލޮލުގައި އަތްހާކާ ލަމުން ނިޔާނު ބުންޏެވެ.
"ނިޔާނު އޮފީހަށް ދާ އެއްޗެހި ތައްޔާރުކޮށްލީ. މި ނިމުނީ" އައިރާ އިސްތިރިން ކަރަންޓު ކަނޑާލާފައި އެނބުރިލި އެވެ. އަދި އައިސް ނިޔާނުގެ ގާތުގައި އެނދަށް އަރާ އޮށޯވެލި އެވެ.
"ސޮރީ އިނގޭ އެ ގަޑީގައި އެހާ ބާރަށް ވާހަކަ ދެއްކުނީމަ"
"ރުޅި އައިމަ މަޑަކުން ވާހަކައެއް ނުދެއްކޭނެއެއްނު" އައިރާ މިހެން ބުނެލުމާއެކު ނިޔާނު ހީނލި އެވެ. އަދި ނިކަން ލޯބިން އައިރާ ގެނެސް އޭނާގެ އަތުގެ ތެރެއަށް ލިއެވެ.
"އެނގޭ ދޯ އަހަރެން ވަރަށް ލޯބިވާކަން. އެކަން އަބަދުވެސް ހަނދާން ކުރައްޗޭ"
"ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ. އަހަރެން ވާހަކައެއް ބުނިއްޔާ ނިޔާނު ޤަބޫލު ކުރާނަންތަ؟"
"އާން! އަވަހަށް ބުނޭ" އައިރާގެ ނިތްކުރީގައި ބޮސްދީފައި ނިޔާނު ބުނެލި އެވެ.
"އަހަންނާ ނިޔާނު ކައިވެނި ކުރި ފަހުން ހަތަރުމަސް ވެގެން މިދަނީ. އޮފީހުން ރާއްޖެތެރޭގެ ޕްރޮޖެކްޓްތައް ހިންގާއިރު ނިޔާނު އެކަމުގައި މިހާރު ބައިވެރިނުވޭ. އަހަންނާ ހެދިތަ؟ ނިޔާނު ބުނި ހަނދާނެއްވޭ އެކަހަލަ ޕްރޮޖެކްޓް ތަކުން ލިބޭ އާމްދަނީ ބޮޑުކަން"
"އެކަހަލަ ޕްރޮޖެކްޓްތަކުގައި މިހާރު ދާން ބޭނުންނުވަނީ އައިރާއާ ދުރުގައި ހުންނަން ބޭނުންނުވާތީ. މިކަހަލަ ލޯބިލޯބި ވަގުތުކޮޅެއް ނުލިބޭނެ ދޯ ދުރުގައި ތިބެން ޖެހުނީމަ. އަހަރެން ބޭނުންވާ ވަގުތެއްގައި އައިރާއެއް ނުހުންނާނެ. އޭގެ އަނެއްކޮޅު ވެސް އޮންނާނެ ދޯ. ދެމަފިރިން ދެމެދުގައި ބައެއްފަހަރު އެހެންގުޅުން ތަކަށް ފުރުޞަތު ދެވެނީ އެހެންވެ. އަހަރެން ބިރުގަނޭ އަހަންނަށް އައިރާ ގެއްލިދާނެތީ. މިހާރު ވެސް ނޭނގެ ތި ލޯބި ކުއްޖާއަށް މީހަކު ކަޅި ނާޅާކަމެއް ވެސް"
"ނިޔާނު..." ނިޔާނުގެ ލާނެތް އަދާތަކުން ސަލާމަތްވާން މަސައްކަތް ކުރި އައިރާ ހެމުންހެމުން ނިޔާނުގެ ނަންކިޔާލީ އޭނާ ކުރަމުންދިޔަ ސަމާސާގެ ގޯނާތައް ހުއްޓާލާށޭ ބުނާ ފަދައިންނެވެ.
"އަހަރެން ފޮނުވާލަން އުޅޭތީ މިހެން މިހަދަނީ. އޭރުން އައިރާއަށް އެނގޭނެ އަހަރެން ދުރުގައި ހުރީމަ މިސްވާ ވަރު" ނިޔާނު ވެސް ބުނެލީ ހިނިއައިސްފައި އޮވެއެވެ.
އިތުރަށް އައިރާއަށް އެއްވެސް އެއްޗެއް ބުނާކަށް ނިޔާނު ފުރުޞަތެއް ނުދިނެވެ. އަނބިމީހާގެ ޖަޒުބާތުތަކާއި އޭނާ ކުޅެލީ ކުޅަދާނަކަމާއެކު އެވެ. އައިރާގެ މައްޗަށް އޭނާގެ ބާރު ގަދަކޮށްލި އެވެ. ދެމެދުގައި އޮތް ލޯބި ފުންވެ ދެ ހަށިގަނޑުގެ ހިނގުން އަވަސް ކުރުވައިފި އެވެ. ޖަޒުބާތުގެ ގަދަ އޮއެވަރު ދެ ޖިސްމުގައި ހިނގި އެވެ. ނޭވާ ހަމައަކަށް އެޅުވުމުގެ ތެރެއިން ނިޔާނު ހީނގަތެވެ. އެ އަޑުގެ ތެރެއަށް އައިރާގެ ހުނުމުގެ އަޑު ވެސް ވަދެގެން ދިޔައެވެ.
"މީ ނިޔާނު ގަސްދުގައި ކުރިކަމެއް" ނިޔާނުގެ މޭގައި މަޑުމަޑުން އައިރާ ތަޅައިގަތެވެ.
"ދެން އައިރާ ބުނެބަލަ އަހަރެން ދުރުގައި ހުންނާނެ ގޮތެއް"
"މި ނިޔާނު ވަރަށް ގޯސްވާނެ. ނޫޅެން ވާހަކަދައްކާކަށް" ދާތިކިތައް ފާޅުވަމުންދިޔަ އައިރާގެ މޫނު އިތުރަށް ރަތްވިއެވެ. ލަދުވެތިކަމާއެކު މޫނުގައި ދެއަތް އެޅިއެވެ. އެހިނދު އަނެއްކާ ވެސް ނިޔާނު ފެށީ ހޭށެވެ.
ރޭގަނޑުގެ ކެއުމަށްފަހު ނިޔާނު އޮފީހަށް ވަދެލަން ޖެހޭތީ އޭނާ ދިޔައީ އޮފީހަށެވެ. ކޮޓަރީގައި ކުރާނެ ކަމެއްނެތިފައި އިން އައިރާ ފޯނު ނަގައި ލިޒީއަށް ގުޅިއެވެ. ރަށުގަ ހެލްތު މިނިސްޓްރީއިން ކުރިއަށް ގެންދާ ސާވޭއެއްގައި ލިޒީ އުޅެނީ ބައިވެރިވެގެންނެވެ. އޭނާއަށް އެ ސާވޭ ތެރެއިން ރަށު ކުއްޖަކު އުނދަގޫކުރާ ވާހަކަ އައިރާ ގާތުގައި ބުންޏެވެ. އައިރާ ދިމާކޮށްލީ އެއީ ލޯބީގެ ފެށުންކަމުގައި ލިޒީއަށް ހަނދާންކޮށްދެމުންނެވެ.
"އޭތް! މިއަދު ސާވޭކަންތަކުގައި އުޅެފައި ގެއަށް އައިތަނާ މަންމަ ދީފި ނިކަން ހޮޓް ނިއުސްއެއް" ލިޒީ ބުންޏެވެ.
"ކޮންކަހަލަ ޚަބަރެއް" ފޯނުގައި އޮތް އައިރާ އަހާލިއެވެ.
"ކޮންމެވެސް ޒާހިދާއެއްގެ ވާހަކަ މަންމަ ބުނީ. އަހަންނަކަށް ނޭނގެ އެކަމަކު މަންމަ ކިޔައިދިން އެއީ ކާކުކަން. އެނީވޭޒް... އެނގޭތަ... އެ ޒާހިދާއަކު މިއަދު އައިސް ހިޝްމާއަށް ބަވާލީއޯ"
"ސީރިއަސްކޮށްތަ؟ ކީއްވެއޯ؟" އައިރާ ޝައުގުވެރިވިއެވެ.
"އޭނާގެ އަންހެންދަރިއަށް ޝަމްއާނު ގޯނާ ކުރާތީއޯ. އެކުއްޖާއަކީ އަދި ސުކޫލުގައި އުޅޭ ކުއްޖެކޯ. އެވެސް ގްރޭޑް ނައިންގަ. އަހަރެން ހާދަ ދެރައެއްވިޔޭ އެ ސީންތައް މިސްވީމަ. އައިރާއަށް އެނގެއެއްނު އެ ހިޝްމާ އޭނާގެ ދަރި ދިފާއުކުރަން އުޅޭނެ ގޮތް" ލިޒީއާއި އައިރާ ހީނހީނފައި އެތައް ވާހަކައެއް ފޯނުން ދެއްކި އެވެ. އެކަކު އަނެކަކު ކައިރީގައި ނެތުމުން އެކަމާ ހިތާމަ ވެސް ކުރިއެވެ. އެހެންނަމަވެސް އަދި ބައްދަލުވާނެކަމުގެ އުންމީދު ދެ އެކުވެރިން ކުރެއެވެ.
ނިޔާނު ގެއަށް އައީ ދިހަގަޑި ބައިވިފަހުންނެވެ. އައިރާ އިނީ ސިޓިންރޫމުގައި މީހަކު ނެތުމުން ޓީވީ ބަލާށެވެ. ނިޔާނު ވެސް އެޕާޓްމެންޓުގެ ދޮރު ލައްޕާލާފައި އައިސް އައިރާގެ ގާތުގައި ސޯފާގައި އިށީނެވެ.
"ވަރުބަލިވެފައި ހުރިހެން ހީވަނީ" ނިޔާނަށް ބަލާލާފައި އައިރާ ބުނެލިއެވެ.
"ކުޑަކޮށް... އެކަމަކު މިތާ މަޑުކޮށްލާފައި ދޯ ދާނީ" ސޯފާއަށް ހަށިގަނޑު ދޫކޮށްލާ ކުރިމަތީ ހުރި ބިއްލޫރި މޭޒަށް ދެފައި އަރުވާލަމުން އައިރާ ގެނެސް ނިޔާނާ ގާތްކޮށްލިއެވެ.
"އަހަރެން ބުނި ކަންތަކާ ވިސްނައްޗޭ. އަހަންނާ މެދު ނިޔާނު ހާސްނުވޭ. އަހަންނަކީ ކެތްތެރި އަންހެނެއް. އަތްމަތި ތަނަވަސްވާނީ އެކަމަށް މަސައްކަތް ވެސް ކޮށްގެން. ރާއްޖެތެރެއަށް ނިޔާނު ދިޔަނަމަވެސް އަހަރެން ނިޔާނަށް ފުރިހަމަ އިތުބާރުކުރަން. އަހަރެން ދުވަހަކު ވެސް ނިޔާނަށް ބޭވަފާތެރިއެއް ނުވާނަން. ދުވަހަކު ވެސް ހަނދާންނައްތައެއް ނުލާނަން އަހަންނަކީ ނިޔާނުގެ ހައްޤެއްކަން. ނިޔާނު! އަހަރެން ދައްކާ ވާހަކަ އެބަ އަޑުއަހަންތަ؟" ނިޔާނު އެއްވެސް އެއްޗެއް ނުބުނެ ދެ ލޯ މަރާލައިގެން އިނުމުން އައިރާ އަހާލިއެވެ.
"ހޫނ! އެބަ އަޑުއިވޭ..." ނިޔާނު ބުނެލިއެވެ.
"އަޑުއިވެއެއްނޫނޭ... މިކަމާ އެއްޗެކޭ ބުނެބަލަ. ނޫނީ މި ވާހަކަ ނުދައްކަންވީތަ؟" އައިރާ ކުރިއަށް ޖެހިލާ ނިޔާނުގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.(ނުނިމޭ)