ކުޅިވަރު

ޔަމަން އަތުން ފަލަސްތީނަށް ހަނި މޮޅެއް

Mar 23, 2017

އޭޝިއަން ކަޕް ކޮލިފައިންގައި، މިއަންނަ އަންގާރަ ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން، ޔަމަނާ ދެކޮޅަށް ފަލަސްތީން ކުޅުނު މެޗުން 1-0 ހަނި ގޮތަކަށް މޮޅު ވެއްޖެ އެވެ.

ފަލަސްތީނުން ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް، ޔަމަންގެ ޑިފެންސުން ވަނީ އެ ހަމަލާތައް ހުއްޓުވާފަ އެވެ. ފުރަތަމަ ހާފުގައި، ފަލަސްތީނުން ވަނީ، ޔަމަންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނުރައްކާތެރި ދެ ބޯޅަ ތަނަވަސް ކޮށްދީފަ އެވެ. ނަމަވެސް، ސްޓައިކަރުންނަށް އެދެވޭ ގޮތަށް އެބޯޅަ ބޭނުމެއް ނުކުރެވުނެވެ.

ގަތަރުގެ ދޯހާގެ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ޔަމަނުން ވަނީ ކުޅުން ރަނގަޅު ކޮށް، ފަލަސްތީނުގެ ގޯލަށް ވެސް ނުރައްކާތެރި ހަމަލާ ތަކެއް އުފެއްދުމަށް މަސައްކަތް ކޮށްފަ އެވެ.

މެޗުގެ 84 ވަނަ މިނެޓްގައި، ފަލަސްތީންގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ، ޗިލީއަށް އުފަން އަދި އެގައުމުގެ ދަށް އުމުރު ފުރާ ތަކުގެ، ގައުމީ ޓީމަށްވެސް ކުޅުނު، ޔާސިރު އިސްލާމީ އެވެ.

ފަލަސްތީނުން ދަނީ، ރާއްޖޭގެ މެޗަށް ތައްޔާރު ވުމަށް ގަތަރުގައި ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންދަމުން ނެވެ. ރާއްޖެއާ ދެކޮޅަށް ކުޅޭން އެޓީމުން މާލެ އަންނާނީ އާދިއްތަ ދުވހު އެވެ.