ޔޫރަޕްގެ ފުޓްބޯޅައިގައި ބޮޑެތި ކްލަބުތަކަށް ކުޅުންތެރިން ހޯދުމުގައި އޮތް ބާރު ކުޑަކުރުމަށް، ކްލަބުތަކުގެ ހަރަދު ކުޑަކުރުމާއި ސްކޮޑުތަކުގެ ކުޑަބޮޑު މިނާއި ޓްރާންސްފާ ސިސްޓަމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ޔުއޭފާގެ ރައީސް އެލެކްޒަންޑާ ޝެރެފިން ވިދާޅުވެއްޖެ އެވެ.
ޕޯޗުގަލްގައި އޮތް ފުޓްބޯލް ޓޯކްސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން، ޝެރެފިން ވިދާޅުވީ ޒަމާނީ ބަދަލުތަކާއެކު ޔޫރަޕްގެ ކްލަބުތަކަށް އިތުރު މާކެޓްތައް ހުޅުވުނު ނަމަވެސް، އެ ކުރިއެރުންތަކާއެކު ކްލަބުތަކުގެ މެދުގައި އޮތް ފަރަގު ބޮޑުވެފައިވާ ކަމަށެވެ. އަދި ޔުއޭފާ އިން އެކަމާމެދު ފިޔަވަޅެއް ނާޅައިފި ނަމަ، ޔޫރަޕްގެ ކްލަބުތަކުގެ މެދުގައި އޮތް ފަރަގު ވަރަށް ބޮޑުވެ، ކޮންޓުރޯލް ނުކުރެވޭ ހިސާބަކަށް ގޮސްދާނެ ކަމަށެވެ.
ޝެރެފިން ބުނީ މި މައްސަލަ ހައްލު ކުރުމަށް ޔުއޭފާ އިން އާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އަދި މި ކަމަށް ހައްލެއް ގެނެވޭނީ ކްލަބުތަކުގެ ހަރަދުކުޑަ ކުރުމާއި ސްކޮޑުތަކުގެ ކުޑަ ބޮޑުމިން އަދި ޓްރާންސްފާ ސިސްޓަމަށް ބަދަލުތަކެއް ގެނެސްގެން ކަމަށެވެ.
"މިސާލަކަށް އަހަރެމެންނަށް ބޮޑެތި ހަރަދުތައް ކުރާ ޓީމުތައް އަތުން ޓެކްސެއް ނެގިދާނެ. އާ ފިޔަވަޅުތަކެއް އަޅައިގެން މި ކަމަށް ހައްލެއް ލިބޭނީ. އެހެން ނޫނީ ހަމަ ހުރިހާ މޮޅެތި ކުޅުންތެރިން ތިބޭނީ ޔޫރަޕްގެ އެންމެ މަތީ ފަންތީގެ ޓީމުތަކުގައި،" ޝެރެފިން ބުންޏެވެ.
ކްލަބުތަކުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން ޔުއޭފާ އިން މިހާރު ގަވައިދެއް ބޭނުންކުރެ އެވެ. ފައިނޭންޝަލް ފެއާ ޕްލޭ ގަވައިދުގެ ދަށުން އެއްވެސް ކްލަބަަކަށް އެ ކްލަބަށް ލިބޭ އާމްދަނީއެއްވުރެ އިތުރަށް ކުޅުންތެރިންގެ ޓްރާންސްފާ އަށް ހަރަދެއް ނުކުރެވޭނެ އެވެ. ފައިނޭންޝަލް ފެއާ ޕްލޭ ގަވައިދާ ހިލާފުވެގެން 2014 ވަނަ އަހަރު ޔުއޭފާ އިން ވަނީ ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީއާމެދު ފިޔަވަޅު އަޅައި، ޖޫރިމަނާކޮށްފަ އެވެ.
އަންނަ މަހު ޔުއޭފާގެ އާންމު އަހަރީ ޖަލްސާ އޮންނައިރު، ގިނަ އިސްލާހުތަކާމެދު މަޝްވަރާކުރާނެ ކަމަށް ބެލެވެ އެވެ. އެކަމަކު ޝެރެފިންގެ ފަރާތުން ބޮޑަށް ހުށަހަޅުއްވާނެ ކަމަށް ބެލެވެނީ ޔުއޭފާގެ އޮނިގަނޑާއި ހިންގުމާ ގުޅޭ އިސްލާހުތަކެެވެ.