ކުޅިވަރު

ގައުމީ ޓީމަށް އިމްރާންގެ ހިތްވަރު!

Mar 24, 2017

އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު ދިވެހިރާއްޖެ އާއި ފަލަސްތީނާ ދެކޮޅަށް ނުކުންނައިރު، މިއީ ދިވެހި ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ މެޗަކަށްވާނެ އެވެ. ތަފާތު ސަބަބުތައް އެކަމަށް ބާރު ދެ އެވެ. އެކަމަކު އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ މިއީ 17 އަހަރުވަންދެން ދިވެހިރާއްޖޭގެ ގޯލު ޖެހިލުމެއް ނެތި، ހިތްވަރާއެކު ބެލެހެއްޓި އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލި ފަހުން ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗަށްވުމެވެ. ބަދަލުތަކާއެކު، ދިވެހި ފުޓްބޯޅައިގެ އާ ބާބަކަށް ގައުމީ ޓީމު ތައްޔާރުވަމުންދާއިރު، އިމްރާން އަދިވެސް ހުރީ ޓީމުގެ ފަހަތުގަ އެވެ. ކުޅުންތެރިންނާއެކު ނެތަސް، އިމްރާންގެ ހިތްވަރާއި ހެޔޮއެދުންތައް އަދިވެސް އޮތީ ޓީމާއެކު އެވެ.

ފަލަސްތީން ރާއްޖެއަށް ވުރެ ވަރުގަދަ އެވެ. ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ ހުނަރާއެކު، ފަލަސްތީންގައި އޮތީ ވަރުގަދަ ސްކޮޑެކެވެ. އެކަމަކު އިމްރާން ގަބޫލު ކުރާ ގޮތުގައި، ފަލަސްތީން ކިތަންމެ ވަރުގަދަޔަސް، ގައުމީ ފުޓްބޯޅަ ދަނޑުގައި ދިވެހި ޓީމަށް ނަތީޖާ ނެރެވޭނެ އެވެ.

"ފަލަސްތީނަކީ އަޅުގަނޑުމެންނަށް ވުރެ ވަރުގަދަ ޓީމެއް، ނަމަވެސް އަޅުގަނޑު ގަބޫލު ކުރާ ގޮތަކީ، ކިތަންމެ ވަރުގަދަ ޓީމަކަސް ގަލޮޅު ދަނޑުގައި އަޅުގަނޑުމެންނަށް ކޮންމެ ގޮތެއްވެސް ހެދިދާނެ، އަޅުގަނޑުމެން އެބަހުރި ގަލޮޅު ދަނޑުގައި ރަނގަޅު ނަތީޖާތަކެއް ވެސް ނެރެފައި، އެހެންވީމަ އެގޮތުން ބަލާއިރު ފަލަސްތީން ޓީމާ ދެކޮޅަށްވެސް އަޅުގަނޑުމެންނަށް ގަލޮޅު ދަނޑުގައި ހައިރާން ކުރުވަނިވި ނަތީޖާ ނެރެވޭނެ،" ފަލަސްތީން މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން އިމްރާން ބުންޏެވެ.

އިމްރާން ބުނި ވާހަކަތަށް ބާރު ލިބޭ އެތައް ނަތީޖާއެއް ގަލޮޅު ރަސްމީ ދަނޑުގައި ރާއްޖޭގެ ޓީމުން ވަނީ ނެރިފަ އެވެ. އޭގެ އެންމެ ފާހަގަކޮށްލެވޭ މިސާލަކީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަތަރު ވަނަ ހޯދި ދެކުނު ކޮރެއާއާ ރާއްޖެ އެއްވަރުކުރި މެޗެވެ. ދެހާސް ހަތަރު ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި، ވަރުގަދަ ދެކުނު ކޮރެއާ އަށް އޭޝިއާގެ އެންމެ ކުޑަ އެއް ގައުމު ކަމަށްވާ ދިވެހިރާއްޖޭގެ މައްޗަށް ކުރި ނުލިބުމުން ދުނިޔޭގެ މީޑިއާގެ ސަމާލުކަމަށް އެކަންދިޔަ އެވެ. އެ މެޗުގައި ވެސް ރާއްޖޭގެ ގޯލު ބެހެލެއްޓީ އިމްރާނެވެ.

މީގެ އިތުރުން ވެސް، ރާއްޖެ އަށްވުރެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭން ވަނީ ރަނގަޅު ނަތީޖާތައް ނެރިފަ އެވެ.

ފުރަތަމަ މެޗު އަމިއްލަ ދަނޑުގައި ކުޅެން ލިބުމަކީ ދިވެހި ޓީމަށް ކުރިއަށް ދާން ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާނެ ކަމަށް އިމްރާން ބުންޏެވެ. އަދި ޒުވާން އާ ކުޅުންތެރިންނާއެކު ރާއްޖޭގައި ނަތީޖާ ނެރެވޭ ވަރުގެ ސްކޮޑެއް އެބައޮތް ކަމަށް އޭނާ ބުންޏެވެ.

"މިހާރު ބެންޗުން އަރައި ތަފާތެއް ގެންނާނެ ކުޅުންތެރިން އެބަތިބި، ތިރިން ބޯޅަ ކުޅޭ ސްޕީޑް ހުރި ބައިވަރު ކުޅުންތެރިން އެބަތިބި، އެ އެޑްވާންޓޭޖް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެބައޮތް،"

ގަލޮޅު ދަނޑުގައި ކުޅޭއިރު އިމްރާންއަށް އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބޭ ކަމަކީ، ސަޕޯޓަރުން ޓީމުގެ ފަހަތުގައި ތިބުމެވެ.

ނަމަވެސް، ވޭތުދިޔަ އަހަރެއްގެ ތެރޭގައި، ގައުމީ ޓީމު މެޗުތަކުން ވެސް، ސަޕޯޓަރުންގެ އަޑު މަޑެވެ. ފުރިފައި އޮންނަ ދަނޑުތައް ނުފުރެއެވެ. އަވަށްޓެރި ގައުމެއްގެ ޓީމާ ދެކޮޅަށް ކުޅޭ ނަމަ، ހޯމް ސަޕޯޓަރުންނަށް ވުރެ އަވޭ ސަޕޯޓަރުން ގިނަ އެވެ. އަޑުވެސް ގަދަ އެވެ.

ޓީމަށް ސަޕޯޓަރުން ވެއްދުމައްޓަކައި، އެފްއޭއެމް އާއި ފުޓްބޯޅަ އާއިލާ ގުޅިގެންވެސް ކުރަން ޖެހޭ ކަމެއް އެބައޮތެވެ. މިހާރު އޮތް ހަރުފަތަށް ވުރެ، ކުރިއަށް ދާން ބޭނުންވެއްޖެޔާ ސަޕޯޓަރުންގެ ކަންކަން ރަނގަޅު ކުރަންޖެހޭ،ކަން އިމްރާން ފާހަގަ ކުރި އެވެ.

"ކުޅުންތެރިޔާ ވަރުބަލި ވެގެން ވެއްޓޭ ވަރުވިޔަސް، އިތުރު ހިތްވަރެއް އެލަނީ ސަޕޯޓަރުން އެދޭ ސަޕޯޓުން،" އިމްރާން ބުންޏެވެ.

ރާއްޖޭގެ ގައުމީ ޓީމަށް 1999 ވަނަ އަހަރުން ފެށިގެން ކުޅެމުންދިޔަ އިމްރާން މިދިޔަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލީ ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ހަމަކޮށްފަ އެވެ. ގައުމީ ޓީމުން މިހާތަނަށް ހޯދާފައިވާ އެންމެ ބޮޑެތި ކާމިޔާބީތަކުގައި އިމްރާން ވަނީ ހިއްސާވެފަ އެވެ. އެގޮތުން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ރާއްޖެ ކާމިޔާބުކުރި، ގޯލު ބެލެހެއްޓީ އިމްރާނެވެ. އަދި 2014 ވަނަ އަހަރުގެ ޗެލެންޖް ކަޕްގެ ތިން ވަނަ ރާއްޖެ ހޯދިއިރު، އެ ކާމިޔާބީގައި ވެސް އިމްރާންގެ ހިއްސާ ބޮޑެވެ.