ރިޕޯޓް

ޕެޓްރޯލް ކިޔޫ ތަރުތީބުވާނެ ގޮތެއް ހަމަ ނެތީތަ؟

ކިތަންމެ ކައިރިވިޔަސް ނުވަތަ ކަމެއް ނެތިގެން ހަމަ ބޭރަށް ނިކުމެލަން ވިޔަސް ސައިކަލުގައި އުޅުމަކީ ގިނަ ދިވެހިން ކަށީގައި ހިފާފައި ހުރި އާދައެކެވެ. ތަނަކަށް ހިނގާފަ ދާން ޖެހިއްޖެ ނަމަ އެފަދަ މީހުންނަށް ގިނަ ފަހަރަށް ވެފައި އޮންނަނީ ވަރަށް ބޮޑު ކަމަކަށެވެ. ސައިކަލު ނުވަތަ ކާރުގައި އުޅެ އުޅެ އާދަވެފައިވާތީ އެނޫން ގޮތަކަށް ބޭރަށް ނުވެސް ނިކުންނަ މީހުން ވެސް މިހާރު ގިނަ އެވެ. އެހެންކަމުން އެއްގަމުގެ އުޅަނދުތަކަށް ޕެޓްރޯލު އަޅާ ފުރައިގެން ތިބުން ވަނީ އަސާސީ ބޭނުމަކަށެވެ.

ވެރިރަށް މާލޭގައި ދެލައްކައަށްވުރެ ގިނަ އަދަދަކަށް މީހުން ދިރިއުޅޭ އިރު ހިނގާފައި އުޅޭ މީހުންނަށް ވުރެ ސައިކަލު ނުވަތަ ކާރުގައި އުޅޭ މީހުންގެ އަދަދު މާ ގިނަ އެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ ރަސްމީ ތަފާސް ހިސާބުތަކަށް ދައްކާ ގޮތުގައި މާލޭގައި އެކަނިވެސް 55،000 އަށްވުރެ ގިނަ ސައިކަލު ދުއްވަ އެވެ. އަދި 6000 ކާރު ދުއްވާ އިރު 2000 އަށް ވުރެ ގިނަ ޕިކަޕުވެސް ދުވެ ދުވެ އޮވެ އެވެ. އަދި އަހަރަކަށް ވުރެ އަހަރެއް މާލޭގައި ދުއްވާ އުޅަނދުތައް ދަނީ އިންތިހާއަށް އިތުރުވަމުން ނެވެ.

މާލޭގައި ދުއްވާ ހުރިހާ އުޅަނދުތަކެއް ވެސް ދުވާހަލު އެއް ފަހަރު ނުވަތަ ހަފުތާއަކު ދެ ފަހަރުވިޔަސް ޕެޓްރޯލު އަޅަން ބޭނުންވެ އެވެ. އެ ހިދުމަތް ހޯދަން، އެ ހުރިހާ އުޅަނދުތަކެއް ޖަމާވާން ހުރީ އެންމެ ދެތިން ޕެޓްރޯލު ޝެޑެވެ. އިތުރަށް ހުރި ޕެޓްރޯލު ޝެޑުތައް ހުޅުވާފަ ހުންނަ ވަގުތުތަކަށް ވުރެ ގިނައީ ނުހުޅުވާ ދުވަސްތަކާއި ވަގުތުތަކެވެ.

އެކަން ވަނީ ގިނަ ބަޔަކަށް ބޮޑު ދައްޗަކަށެވެ. އެހެންވެ ޝެޑުތަކުގައި ކިއު ދިގުކަމުން، އަގު ބޮޑުކޮށް ނަމަވެސް އަވަހަށް ޕެޓްރޯލު އެޅުމަށް ވެސް ދާނެ ޝެޑުތަކެއް ނުހުރެ އެވެ. ޝެޑުތައް މަދު ވުމާއެކު ވެސް ގަވައިދުން ހުޅުވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑުތަކުގައި މީހުން ތިބެން ޖެހެނީ ދިގު ކިއުތަކުގައި އެތަށް ވަގުތުތަކަށެވެ. މެންދުރުގެ ގަދަ ހޫނުގައި ބޮޑު ކިއުއެއް ހަދައިގެން ތިބުމުގެ އިތުރުން ބައެއް ފަހަރު އެ ކިއުތައް ޖެހިގެން އޮންނަ މަގުތަކާ ހަމަޔަށް ދަމާލާފައި އޮންނަ ގަޑިތައް ވެސް އާދެ އެވެ. އޭގެ ސަބަބުން ޕެޓްރޯލް ޝެޑްތަކާ ގުޅޭ ކާރުބާރޫ ބޮޑު މަގުތަކުގައި ދުއްވާ އެހެން އުޅަނދުތަކަށް ދަތިވެ އެވެ.

"ޕެޓްރޯލް ކިއުތަކަށް ނިމުއް އަންނާނެ ގޮތެއް ސަރުކާރުން އެބަ ޖެހޭ ހަދައިދޭން. އަޅުގަނޑުމެނަށް ވެސް ވިސްނޭ މާލޭގޭގެ ޖާގައިގައި ހުރި ދަތިކަމުން ހުރިހާ ދިމާލެއްގައި ޕެޓްރޯލު ޝެޑުތައް އަޅަން އުނދަގޫ ވާނެ ކަން. ނަމަވެސް މިހާރު އޮންނަ ގޮތުން ވަރަށް ބޮޑު ބުރައަކަށް ވެފަ މި އޮތީ. މި ޝެޑުތަކުގަ 24 ގަޑިއިރު އަޅާފައި ކިޔޫ ހަދައިގެން ތިބެން މި ޖެހެނީ،" ޕެޓްރޯލު ކިއޫގައި މަޑުކޮށްލައިގެން ހުރި ސަރުކާރު އޮފީހެއްގައި މަސައްކަތް ކުރާ މީހަކު ބުންޏެވެ.

އެފްއެސްއެމްގެ ޝެޑުތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދޫކޮށްފައިވާ ޝެޑުތައް ރަނގަޅަށް ބަލަހައްޓާ ގަވައިދުން ހިދުމަތް ދޭތޯ ބެލުމަކީވެސް މުހިންމު ކަމެކެވެ. ނުވަތަ ގަވައިދުން އެ ހިދުމަތް ދިނުމަށް ވަކި އުސޫލެއް ހަދައި އޭގެ ދަށުން ކުންފުނިތައް އަމަލު ކުރުވުން ވެސް މިހާރު ވަރަށް މުހިންމެވެ.

މައްސަލަ އޮތީ ހަމައެކަނި އެ ކުންފުނިތަކުގެ އެކަންޏެއް ނޫނެވެ. ހުރިހާ ޕެޓްރޯލު ޝެޑުތައް އާންމުގޮތެއްގައި ހުޅުވަނީ ހެނދުނު 8:00 ނުވަތަ 8:30 ހާއިރެވެ. އެއީ ސަރުކާރު އޮފީސްތަކު މުއައްޒިފުން ނުކުންނަ ވަގުތުތަކަށް އެ ޝެޑުގެ މުއައްޒިފުން ނެރުމަށެވެ. ނަމަވެސް މިގޮތަށް ކަން އޮތުމުގެ ސަބަބުން ވެސް ގިނަ ދަތިތަކާ ކުރިމަތި ލާން ޖެހެ އެވެ. ސަބަބަކީ 8:00 އަކަށް މީހުން އޮފީސްތަކަށް ދާއިރު އެ ޕެޓްރޯލު އެޅުމަށް އެތަނުގައި ކިއޫގައި ޖެހިއްޖެ ނަމަ އޮފީހަށް ގަޑިއަކަށް ނުދެވެ އެވެ.

ސްރީ ލަންކާ އާއި އިންޑިޔާ ފަދަ ގައުމުތަކުގައި އަމަލު ކުރާ ގޮތަށް މީހުން އޮފީހަށް ނުކުންނަ ވަގުތުގެ ކުރިން ޕެޓްރޯލު ޝެޑުތައް ހުޅުވުމުން އޮފީސްތަކުގެ ގަޑީގެ ކުރިން އަވަހަށް ހޭލައިގެން ޕެޓްރޯލު އެޅޭނެ އެވެ. އޭގެ ސަބަބުން މެންދުރު ފަހު ޝެޑުތަކަށް ޖަމާވާ އޮފީސް މީހުން ވެސް މަދުވާނެ އެވެ.

މާލޭގެ ޕެޓްރޯލު ޝެޑުތައް މަދުވުމުގެ ސަބަބުން މީހުންގެ ޝަކުވާތައް އޮވެ އެވެ. އަވަހާ އެ ކަން ހައްލުވާކަށް ވެސް ނެތެވެ.

"އަވަސް"އަށް ދެއްވި އިންޓަވިއުއެގައި އެފްއެސްއެމްގެ ސޭލްސް އެންޑް މާކެޓިންގެ ޖެނަރަލް މެނޭޖާ ހުސެއިން ދީދީ ވިދާޅުވި ގޮތުގައި މާލޭގައި ޕެޓްރޯލް އަޅަން ހުރި ދަތިތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެ އެވެ. ވަރަށް އަވަހަށް އެކަންކމަށް ހައްލެއް ވެސް ހޯދޭނެ އެވެ.

"މާލެ މިހާރު އޮތް ގޮތުން އިތުރަށް ގިނަ ޝެޑުތަކެއް ހުޅުވާކަށް ޖާގައެއް ނެތް. ނަމަވެސް އަޅުގަނޑުމެން މި ބަލަނީ މިހާރު ހުރި ޝެޑުތަކުން ދޭ ހިދުމަތް އިތުރަށް ފުޅާކޮށް ކަސްޓަމަރުންނަށް ފަސޭހަވާނެ ގޮތްގޮތް ހަދަން. އެކަން ކުރާނީ ޒަމާނީ ވަސީލަތްތައް ބޭނުން ކަޮށްގެން. ނަމަވެސް ޕެޓްރޯލް އަޅަން ހުރި ދަތިތަކުގެ މައްސަލަ އިންގިލާބީ ބަދަލަކަށް ދާނެ ހުޅުމާލެއަށް ދެވޭ ބްރިޖު އެޅުނީމަ. އޭރަށް އޮންނާނީ އަޅުގަނޑުމެންގެ ހިދުމަތްތައް ހުޅުމާލެ އާއި މާލޭގައި ވެސް ވަރަށް ބޮޑަށް ތަރައްގީކޮށްފައި. އަޅުގަނޑުމެން އެންމެ މުހިންމު ކަމެއް ދެނީ ކަސްޓަމަރުންނަށް. އިރާދަ ކުރެއްވިއްޔާ ކުރިޔަށް އޮތްތާ ކަސްޓަމަރުންނަށް ވަރަށް ފަސޭހަ ހިދުމަތްތަކެއް ލިބިގެންދާނެ،" ދީދީ ވިދާޅުވި އެވެ.

ޕެޓްރޯލު ޝެޑުތަކަށް ހިދުމަތް ހޯދަން މީހުންނަށް ދިމާވާ ދަތިތަކުގެ ވާހަކަ ދައްކާއިރު އިތުރު ކަމެއް ވެސް ފާހަގަކޮށްލަން ޖެހެ އެވެ. އެ ހިދުމަތް ހޯދަން މީހުންވެސް ސަމާލުވާން ޖެހޭ ކަންކަން ހުރެ އެވެ. އެގޮތުން މިހާރު ގިނަ ޝެޑުތަކުގައި ކިއުތައް ހަދާފައި އޮންނަނީ އެއްވެސް ތަރުތީބެެއް ނެތި އެވެ. މަގުގައި ސައިކަލުތައް އެތުރިފައި އޮންނަ ގޮތުން އެހެން އުޅަނދަކަށް މަގުން ދުއްވޭ ވަރެއް ނުވެއެވެ. މުޅި މަގަށް ފެތުރި ނުގަނެ މަގުތަކުގައި ދުއްވާ އެހެން އުޅަނދުތަކަށް ވެސް ޖާގަ ދީގެން އުނދަގޫ ނުވާނެ ގޮތަށް އެ ކިއުތައް ވެސް ހަދަން ޖެހެ އެވެ.

އޭގެ އިތުރުން ޕެޓްރޯލު އަޅަން ތިބޭ އިރު ފަހަތުގައި ބޮޑު ކިއުއެއް އޮތް ކަން ވެސް އެ ހިދުމަތް ލިބިގަންނަ މީހުން ވިސްނާލަން ޖެހެ އެވެ. ކުދި ކުދި މައްސަލަ ޖެއްސުމާއި ޕެޓްރޯލު ޕަންޕު ކައިރީގައި ވެސް ގިނަ ވަގުތުތަކެއް ހޭދަވެއެވެ. އޭގެ ސަބަބުން ގިނަ ބައެއްގެ ގިނަ ވަގުތުތައް ގެއްލި ބޭކާރުވެ އެވެ.