ރިޕޯޓް

ނުތާހިރު ސިޔާސީ މަސައްކަތް ކުރީ ކޮން ބައެއް؟

Mar 23, 2017
11

ނަވާރަސަތޭކަ ނުވަދިހައިގެ ތެރޭގައި ފެންމަތިވި އެފްޕީއައިޑީގެ ބޮޑު ވައްކަމުގެ މައްސަލައާއި މިހާރު ފެންމަތިވެފައިވާ އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލައާއިމެދު ވާހަކަ ދައްކާނަމަ ބުނެވޭނީ އެއީ ރާއްޖޭގެ ތާރީހުގައި ފެންމަތިވެފައިވާ އެންމެ ބޮޑު ކަރޮޕްޝަންގެ މައްސަލަތައް ކަމަށެވެ.

އެފްޕީއައިޑީގެ ކަރޮޕްޝަން މައްސަލަ ފެންމަތިވުމާއެކު ސަރުކާރާއި ދެކޮޅަށް އެންމެ އަޑުހަރުކޮށް ވާހަކަފުޅު ދެއްކެވި ބޭފުޅަކީ އޭރު ވަރަށް ސާފު ބޭފުޅެއް ކަމަށް މީހުންނަށް ހީކުރެވުނު ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރު ވައްޓާލަން އެންމެ ބޮޑަށް ލިޔެވުނު އެއް ސުރުހީއަކީވެސް އެފްޕީއައިޑީގެ ވައްކަމުގެ މައްސަލައެވެ.

ދެހާސްއަށްވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި 30 އަހަރަށްފަހު މައުމޫނަށް ނާކާމިޔާބުވެ ވެރިކަމުން ފައިބާ ވަޑައިގަތުމުން، ރާއްޖޭގެ ރައީސްކަން ނަޝީދަށް ލިބިވަޑައިގަތުމާއެކު ފެނުނު އެއް މަންޒަރަކީ އެފްޕީއައިޑީގެ ބޮޑު ވައްކަމަށް ފަސްއަޅައި ފޮރުވައިލިތަނެވެ. ނަޝީދު ރައީސްކަމުގައި ހުންނަވަނިކޮށް ރައީސް އޮފީހުގައި ވަރަށް ބޮޑު ވައްކަމެއް ހިގައިގެން 2009 ވަނަ އަހަރު ޕްރެސް ސެކްރެޓަރީ މީޑިއާއަށް އެކަން އިއުލާން ކުރެއްވި އެވެ.

އެފްޕީއައިޑީގެ ވައްކަން ތަހްގީގުކުރަން ރައްޔިތުންގެ މަޖިލީހުގައި އޭރު އުފެއްދެވި ކޮމެޓީގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ވެސް މެމްބަރު އިބުރާހިމް ޝަރީފް ވިދާޅުވެފައި ވަނީ އެފްޕީއައިޑީގެ މައްސަލަ އެމްއެމްޕީއާރްސީގެ މައްސަލައަށްވުރެ މާ ބޮޑުކަމަށެވެ. އެމްއެމްޕީއާރްސީގެ މައްސަލައަކީ 78 މިލިޔަން ޑޮލަރުގެ މައްސަލައަކަށްވާއިރު އެފްޕީއައިޑީގެ މައްސަލަ 100 މިލިޔަން ޑޮލަރަށް އަރާކަމަށް އޭނާ މިދިޔަ އަހަރު ވެސް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައި ވެއެވެ.

މިބޮޑު ހިޔާނާތުގެ ހުރިހާ ލިޔެކިއުމެއް ރައީސް ނަޝީދު ރައީސް އޮފީހުގައި އިންނަވަނިކޮށް ބަޔަކު ވަގަށް ނަގައި ރައީސް އޮފީހުން ނެރެ، ގެންދިޔައީ އެވެ. ހުރިހާ ސަލާމަތީ ކެމެރާތައް ވަށައިގެން ހުއްޓައި އެއްވެސް ކެމެރާއަކަށް ނާރައި އެފްޕީއައިޑީގެ މައްސަލައިގެ ލިޔެކިޔުންތަކާއި އެވަގުތަށް މުހިއްމުކަމަށް ވަގުންނަށް ފެނުނު ދައުލަތުގެ ހުރިހާ ޑޮކިއުމެންޓްތަކެއް ހަތަރު ލެޕްޓޮޕްގައި ރައީސް އޮފީހުން ބޭރުކުރިއިރު ރައީސް ނަޝީދު ވިދާޅުވި އެއްޗެއް އޮތް ހެއްޔެވެ؟

އެމައްސަލައިގެ ތުހުމަތުގައި ރައީސް އޮފީހުން ބަޔަކު ވަޒީފާއިން ވަކިކުރިކަމެއް އެނގޭކަށް ނެތެވެ. ފުލުހުން އެ މައްސަލާގައި އެއްވެސް އެއްޗެއް ހާމަކޮށްފައި ނެތުމުން ފުލުހުން ބަލައި ތަހްގީގު ކުރިކަމެއްވެސް އެނގޭކަށް ނެތެވެ. ސުވާލަކީ މިބޮޑު ވައްކަމުގެ އަޑީގައި ހުންނެވީ ކާކުހެއްޔެވެ؟ ރައީސް އޮފީސްތެރޭ ރޯމާދުވާލު ހިނގި ވައްކަމަކަށްވާއިރު ރައީސްކަމުގައި ހުންނެވި ބޭފުޅަކު ޒިންމާވެވަޑައިގަންނަވަން ނުޖެހޭނެހެއްޔެވެ؟ އެއީ އިހަށްދުވަހު ރައީސް މުހައްމަދު ނަޝީދު އެވިދާޅުވި ގޮތަށް ހިންގާފައިވާ "ނުތާހިރު" ކަމެކެވެ.

ދެހާސް ތިންވަނަ ވަނަ އަހަރު މާފުށީ ޖަލުގައި ގައިދީން ހިންގި ހަޅުތާލުތަކެއްގައި ގައިދީއަކަށްހުރި އީވާން ނަސީމަށް އަނިޔާކޮށް އޭނާ މަރާލި އެވެ. އަދި އޭގެ ފަހުން ސ. ހިތަދޫ ނާޒުކީގޭ ހުސައިން ސަލާހް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއަ ފަހުން މޫދުގައި މަރުވެފައި އޮއްވައި ފެނުނެވެ.

މި ދެމަރާއިގުޅިގެން ނަޝީދު އިސްވެ ހުންނަވައި އެމްޑީޕީން ހިންގި މުޒާހަރާތަކާއި ބައިނަލް އަގުވާމީ މުޖްތަމައަށް ދެއްކި ފޮޓޯތައް، މަރުނުވެ ދުނިޔޭގައިތިބި މީހުން އަދި ހަދާންހުންނާ އެވެ. އެކަމަކު ރައީސް ކަމަށް ވަޑައިގަތުމަށް ފަހު އެކަން ދިޔައީ ވަޔަށް އަރައިގެންނެވެ. އެމީހުންގެ މަތިން ހަދާން ނައްތައިލެއްވީ އެވެ. އެއީވެސް ނުތާހިރުކޮށް ކުރެއްވި އަމަލެއް ކަމަށް ބުނެވިދާނެ އެވެ. އިސާނީ ހައްގުތަކުގެ ޗެމްޕިއަންކަމުގެ ލަގަބު އެފަދަ ބޭފުޅަކަށް ދޭނީ ކިހިނެއް ހެއްޔެވެ؟

ދިވެހި ރައްޔިތުންނާއި މުޅި ދުނިޔޭގެ ކުރިމަތީގައި 2012 ވަނަ އަހަރު ފެބްރުއަރީ ހަތްވަނަ ދުވަހު އަމިއްލަފުޅަށް ވެރިކަމުން އިސްތިއުފާދެއްވުމަށްފަހު ކުށެއްނެތް އެތައް ރައްޔިތުންގެ ބޮލުގައި ބަޣާވަތުގެ އިލްޒާމު އެޅުވުމަކީވެސް ނުތާހިރު ކަމެކެވެ. ސިފައިން އެމަނިކުފާނުގެ އިސްތަށިފުޅުގައި ބަޑިޖައްސައިގެން ވެރިކަމުން ފައިބައިވަޑައިގަތުމަށް މަޖުބޫރިކުރިކަމަށް ވިދާޅުވެ ހެއްދެވީ ވަރަށް ބޮޑު އިތުރުފުޅެއްކަމަށް މީޑިއާއަށް ހާމަކުރެއްވީ އެމަނިކުފާނުގެ ޕާޓީގައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރަކަށް މިހާރު ހުންނެވި އޭރު މާލޭ އޭރިޔާގެ ކޮމާންޑަރު އިބްރާހިމް ދީދީ ނޫން ހެއްޔެވެ؟

ދޮގު ހެދުމަކީ ވެސް ނުތާހިރު ކަމެކެވެ. ފެބްރުއަރީ ހަވަނަ ދުވަހުގެރޭ ރައްޔިތުންގެ ބަޔެއްގެ މެދުގައި ހިންގަން އުޅެފައިވަނީ ފަހުގެ ދިވެހި ތާރީހުގައިވެސް ނުހިގާފަދަ ބޮޑު ލޭ އޮހުރުވުމެއްކަމަށް އެގުނީ ސިފައިންނާއި ފުލުހުންގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވާ ވާހަކަތަކުންނެވެ. އެއީ ނުތާހިރު ސިޔާސީ ވިސްނުމަކުން ހިންގަން އުޅުނުކަމެއްކަން އެނގެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބުމުން އިދިކޮޅު ޑީއާރްޕީގެ ވަރުގަދަ މެމްބަރުންކަމަށްވާ އަލްހާން ފަހުމީ އާއި އަލީވަހީދު އެމްޑީޕީއަށް އަނބުރުވާލީ ތާހިރުގޮތަކަށް ނޫންކަމަށް އެދުވަސްވަރު ވަރަށް ބޮޑަށް ދެކެވުނެވެ. ތާހިރު ނޫން ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމުން ކުރި ކަމަކީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައްޔަރުކުރި ޖަރީމާ އާއި ގުޅިގެން ރައީސް ނަޝީދުގެ މައްޗަށް ދައުވާ އުފުއްލެވި ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލް މަގާމުން އަޒުލުކުމުގެ މައްސަލަ މަޖިލީހަށް ވެއްދުމެވެ.

އެ ނުތާހިރު ދަލުގައި ނުޖެހެންވެގެން ޕްރޮސެކިއުޓާ ޖެނެރަލްކަމުގެ މަގާމުން އަހުމަދު މުއިއްޒު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގެން އެއުޅުއްވަނީ އެވެ.

ދެހާސް ތޭރެ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ހިތްހަމަނުޖެހުނު ކެންޑިޑޭޓުންތަކެއް އެމީހުންގެ ޝަކުވާތައް ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ރިޔާސީ ކެންޑިޑޭޓަކަށް ހުންނެވި މުހައްމަދު ނަޝީދު ސީދާ ވަޑައިގެންނެވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގްގެ ގެޔަށް ކަމަށް އޭރު ނޫސްތަކުގައި ޖެހިއެވެ. އެއީވެސް ތާހިރުގޮތަކަށް ހިނގައިދިޔަ ކަމެކޭ ނުބުނެވޭނެ އެވެ.

ދެން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން ގާސިމް އިބްރާހިމްއާއި އިމްރާން އަބްދުﷲ ދަލުގައި ޖެއްސިގޮތަކީ ވެސް ވަރަށް ނުތާހިރު ކޮށް ހިންގިކަމެކެވެ. މޭޑޭގައި ސަރުކާރު ވައްޓާލުމުގެ ރޭވުންތައް ރޭވުމަށްފަހު އެހުރިހައި ރޭވުމެއްގެ ޒިންމާ އިމްރާންގެ ބޮލުގައި އެޅޭގޮތަށް އިމްރާން ގޮވައިގެން އެމްޑީޕީގެ އިސްވެރިން ފުލުސް އޮފީހަށްގޮސް އޭނާ ލައްވައި ލިއުމުގައި ސޮއިކޮށް ހެދީ ނޫންތޯއެވެ. ވެރިކަން ވައްޓާލުމަށްފަހު ގާސިމް އިބްރާހިމް ރައީސް ކަމަށްލާނެ ކަމަށް ދެއްކި ހުވަފެންތަކުގެ ޝިކާރައަކަށް ގާސިމް އިބްރާހިމްވިތަން ވެސް ވަނީ ފެނިފައެވެ. ދެން ހިންގަވާފައިވާ ނުތާހިރުކަން އަދި މިއަށްވުރެ މާގޯހެވެ. އެވާހަކަ ބާއްވާށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހް ގާނޫން އަސާސީއާއި ޚިލާފަށް ކަންކުރައްވާފައިވާ ކަމަށް ވިދާޅުވެ މަގާމުން ވަކިކުރަން އެއޮތީ ހުށަހަޅާފައެވެ. ގާނޫން އަސާސީ އިސްލާހް ކުރަން ހުށަހެޅުނީ އެމްޑީޕީގެ ތާއީދު އޮވެގެންނެވެ. އިސްލާހްތައް ފާސްކުރީ އެޕާޓީގެ ހަރު މެމްބަރުން ވޯޓް ދެއްވައިގެންނެވެ. ބިން ވިއްކާ ވާހަކައާއި ދިގު މުއްދަތަށް ކުއްޔަށްދޭ ވާހަކައާއި ނާއިބް ރައީސް ކަމުގެ އުމުރު ލިޔެފައި އޮތީ ކަޅުދެލިންނެވެ. އެއީ ނުތާހިރު ކަމެއް ކަމަށްވާނަމަ އެހުރިހައި ނުތާހިރު ހަޑިއެއް އަމިއްލައަތުގައި އުނގުޅައި ސާފުތާހިރު ނުވެތިބެ މިހާރު އެހެންމީހުން ބަދުނާމްކޮށް ދައްކާ ވާހަކަތަކުން ހަދާން އާވަނީ ޕްރޮސެކިއުޓަރ ޖެނެރަލް މުއިއްޒުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ވައްދައިގެން އުޅުނުގޮތެވެ.

އެއީ ފިކުރަކަށް ތާއީދުކުރުމަށް ހިންގާ ކަމެއް ކަމަށްވާނަމަ ބުނެވެން އޮތީ ނުތާހިރު ސިޔާސީ ފިކުރެއްގެ ނުތާހިރު މަސައްކަތެއް ކަމަށެވެ. މަސީހް ކަތިލަން ނިންމީ ތިމަންމެންގެ އަތްތައް ސާފުތާހިރުކަން ރައްޔިތުންނަށް ދައްކައި އަނެއްކާވެސް ވެރިކަމާއި ތޮޅިގަތުމަށެވެ.