ގުޅިގެން އެކުގައި މަސައްކަތް ކުރަން ވަރަށް ބޭނުންވާ ކަމަށާއި އެކަމަށް ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ވަރަށް އާދޭސް ވެސް ކުރެއްވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ކޯލިޝަން ރޫޅުނު ފަހުން ޕީޕީއެމްއާ ގުޅެން ބޭނުން ވެގެން ރައީސް ޔާމީނަށް އެތައް ފަހަރަކު ދެންނެވި ކަމަށާއި އެކަމާ ގުޅޭ ގޮތުން ޕީޕީއެމްގެ ކައުންސިލުން ގޮތެއް ނިންމަވައިދެއްވުމަށްވެސް އެދިވަޑައިގަތް ކަމަށެވެ.
"އަޅުގަނޑު ވެސް ބޭނުންވޭ ދެއްތޯ އެކުވެރިކަމާއެކު މަސައްކަތް ކުރަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، އެކަމަށް އޭރު އެދިވަޑައިގަތުމުން ރައީސް ޔާމީން ވިދާޅުވީ ކައުންސިލް ބައްދަލުވުމެއް ނުބޭއްވޭ ކަމަށާއި އެކަމަށް ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހުރަސް އަޅުއްވާ ކަމަށެވެ.
އެގޮތަށް ރައީސް ވިދާޅުވި ފަހުން ސިވިލް ކޯޓުން ޕާޓީގެ ހިންގެވުން ޕާޓީގެ މުސްތަޝާރު، ރައީސް ޔާމީނާ ހަވާލުކުރެއްވި އެވެ. ގާސިމް ވިދާޅުވީ، ދެން ވެސް ހަމަ ގޮތަށް ރައީސް ޔާމީނަށް ދެންނެވި ކަމަށެވެ. އޭރު ޕާޓީގެ ހިންގުމުގެ ބާރާއި ކަންކަން ނިންމުގެ ބާރު އޮތީ ރައީސް ޔާމީންގެ އަތްޕުޅުގަ ކަމަށެވެ.
ދެން ވެސް އަލުން ގުޅުމަށް ރައީސް ޔާމީން އަރިހުގައި ދެންނެވުމުން ޖަވާބެއް ނުލިބުނު ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ، އަމިއްލައަށް ގުޅުއްވައި މެސެޖްކޮށް އެކަމަށް ސަލާން ވެސް ޖެއްސެވި ކަމަށެވެ.
"އަޅުގަނޑު ދެންނެވިން އެހެން ނަހަދާށޭ އަޅުގަނޑުމެން ތިބީ ގުޅިގެން މަސައްކަތް ކުރާށޭ، އަޅުގަނޑުމެން ބޭނުމެއް ނޫނޭ ދެން އިތުރަކަށް ވަކިން މަސައްކަތް ކުރާކަށް،" ގާސިމް ވިދާޅުވި އެވެ.