އިތުބާރު ނެތް ކަމުގެ މައްސަލަ

27 ގެ ވޯޓުން އިދިކޮޅު ފަރާތްތައް ފޭލް ވާނެ: ޝުޖާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރު ކުރުމަށް ނަގާ ވޯޓުން އިދިކޮޅު ފަރާތްތައް ފޭލް ވާނެކަމުގެ އެއްވެސް ޝައްކެއް ނެތް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރު ކުރުމަށް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވައްދަވާފައިވާ މައްސަލައަށް އިޝާރާތް ކުރައްވާ "ޗެނަލް 13" ގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ ހޯމަ ދުވަހުގެ ވޯޓަކީ މި ސަރުކާރުން ގައުމު އާރާސްތުކޮށް އަދި ގައުމުގެ ތަރައްގީ އަށް ކުރަމުންދާ މަސައްތައް ހަޖަމު ނުވާތީ ބަޔަކު ހިނގާ އަމަލެއް ކަމަށާއި މި ވޯޓަކީ މަޖިލީހުގެ ރައީސް ގެ މައްސަލަތަކެއް އޮވެގެން ނަގާ ވޯޓެއް ނޫން ކަމަށެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ މި ވޯޓުގައި އިދިކޮޅު ފަރާތްތަކަށް ލިބިގެންދާނީ ވަރަށް މަދު ވޯޓެއް ކަމަށާއި އެހެންވެ މިހާރު މަސައްކަތް ކުރަނީ މަޖިލިސް ހަލަބޮލި ކޮށްލަން ކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން ކުރާނެ މާބޮޑު ކަމެއް ނެތިގެން ކުރާ ކަމެއް މިކަމަކީ. ހަގީގަތުގައި މަޖިލީހުގެ ރައީސް ގެ އިތުބާރު ނެތީމައެއް ނޫން. މިދުވަސްކޮޅަކީ އިތުބާރު ނެއްކަމުގެ މޫސުން އައިސް އޮތް ދުވަސްވަރު. އަޅުގަނޑު ދެކެނީ އެބޭފުޅުން އެހެން ކޮށްލާ ކަމެއްގެ ގޮތުގައި،" ޝުޖާއު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރު ކުރުމަށް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވައްދާފައިވާ މައްސަލައިގެ ވޯޓު ނެގުން އެޖެންޑާ ކުރެވިފައިވަނީ އަންނަ ހޯމަ ދުވަހަށެވެ. މި މައްސަލައިގެ ބަހުސް ޖުމުލަ ދެ ގަޑިއިރަށް ކުރިޔަށް ގެންދިއުމަށް މަޖިލީހުގެ ކޮމިޓީން ރޭ ވަނީ ނިންމާފަ އެވެ.