ކުޅިވަރު

ނޭޕާލު، ދިވެހިން ހިތްދަތި ކޮށްލައިފި

Mar 24, 2017

ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއާގެ ސެންޓްރަލް ޒޯން ފިރިހެނުންގެ ވޮލީބޯޅަ މުބާރާޓުގެ ތައްޓަށް، ދިވެހިން ކުރި އުންމީދު ނޭޕާލުން ފުނޑުފުނޑުދުންޑު ކޮށްލައިފި އެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި މިއަދު ނޭޕާލް އަތުން ބަލިވީ ތިން ސެޓް އެއް ސެޓުން ނެވެ.

ސޯޝަލް ސެންޓާރުގެ އިންޑޯ ކޯޓްގައި، މިއަދު ކުޅުނު މެޗުގެ ފުރަތަމަ ސެޓް ރާއްޖެއިން ކާމިޔާބު ކުރުމުން، މެޗު ކާމިޔާބު ކުރުމަށް، ރާއްޖެ އަށް ބޮޑު ހިތްވަރެއް ލިބިގެން ދިޔަ އެވެ. ފުރތަމަ ސެޓް ރާއްޖެއިން ކާމިޔާބު ކުރީ 25-23 ން ނެވެ. ނަމަވެސް ދެ ވަނަ ސެޓްގައި ފެނިގެން ދިޔައީ ތަފާތު ކޮށެވެ. ފޯރިގަދަ ކުޅުމަކަށްފަހު 28-26 ން މެޗު ކާމިޔާބު ކުރީ ނޭޕާލް ޓީމެވެ.

ވަރުގަދަ ފައިޓަކުން ދެ ވަނަ ސެޓް ކާމިޔާބު ކުރުމުން، ނޭޕާލްގެ ކުޅުންތެރިންނަށް ބޮޑު ހިތްވަރެއް ލިބިގެން ދިޔަ އެވެ. ތިން ވަނަ ސެޓްވެސް ދިޔައީ ފޯރިގަދަ ކޮށެވެ. މެޗުގެ ގޭމް ބޯލް ޕޮއިންޓް ފަހަނައަޅަމުން ގޮސް، ގޭމްބޯލް ޕޮއިންޓް 32 ށް ގެންގޮސް، ނޭޕާލުން ސެޓް ކާމިޔާބު ކުރީ 33-31 ން ނެވެ.

ހަތަރު ވަނަ ސެޓް ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. ކުރިން ދިޔަ ތިން ސެޓްގައި ރާއްޖެ އަށް ރަނގަޅު ފައިޓެއް ދެވުނު ނަމަވެސް، ނޭޕާލުން ހަތަރު ވަނަ ސެޓް ހޯދީ ހަ ޕޮއިންޓްގެ ލީޑަކާ އެކު 25-19 އިން ނެވެ. މެޗުގައި ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ ހަސަން ނިލާމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އެވެ.

މުބާރާތުގައި މާދަމާ ވާދަ ކުރާނީ ކިރިގިސްތާނާއި، ތުރުކްމުނިސްތާނެވެ.