ރިޕޯޓް

ގައުމީ ވޮލީ ޓީމު ކަރުތާފެނަށް!

އޭވީސީ ސެންޓްރަލް ވޮލީބޯޅަ މުބާރާތަށް ރާއްޖޭގެ ގައުމީ ވޮލީ ޓީމު ކުރިމަތިލިއިރު، ޓީމާމެދު ފޮނި އުންމީދުތަަކެއް ކުރެވުނެވެ. އެކަމަކު އަމިއްލަ ގައުމުގައި ބާއްވާ މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް ރާއްޖެ ބަލިވުުމުން، އެ އުންމީދުތައް ވަނީ ފަނޑުވެފަ އެވެ. ޓީމަށް ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. ފާޑުކިއުން އަމާޒުނުވާންވީ ސަބަބެއް ވެސް ނެތެވެ. މުބާރާތުގެ ސެމީ ފައިނަލަށް ދިއުމަށް ރާއްޖެ އަށް މެތަމެޓިކަލް ޗާންސެއް އޮތް ނަމަވެސް، އެއީ އަމިއްލަ ގައުމުގައި މުބާރާތް ކުޅޭއިރު ރާއްޖޭގެ ޓީމު އޮންނަންޖެހޭ ހާލަތެއް ނޫން ކަމަށް ގިނަ ސަޕޯޓަރުން ގަބޫލްކުރެ އެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ކިރްގިސްތާން އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެެެވެ. ފުރަަތަމަ ދެ ސެޓުުގައި ރާއްޖޭން ރަނގަޅު ކުޅުމެއް ދެއްކި އެވެ. ދެވަނަ ސެޓު ގެންދަން ރާއްޖެ އަށް ފުރުސަތު ވެސް ލިބުނެވެ. ޓީމު ބަލިވެގެންދިޔައީ ސެޓު ނިންމަން ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވިގެނެވެ.

ދެވަނަ މެޗުގައި އިއްޔެ ނޭޕާލް އަތުން ރާއްޖެ ބަލިވީ 3-1 ސެޓުންނެވެ. މި މެޗުގައި ވެސް ރާއްޖޭގެ ފެށުން ވަރަށް ރަނގަޅެވެ. ފުރަތަމަ ސެޓު ކާމިޔާބުކުރި ނަމަވެސް، ދެން ފެނިގެންދިޔައީ ނޭޕާލް މެޗަށް އަތްގަދަކުރި މަންޒަރެވެ. ފުރަތަމަ ސެޓު ކާމިޔާބުކުރުމަށް ފަހު، ރާއްޖެ އަށް ދެން ކުޅުނު ދެ ސެޓު ކާމިޔާބުކުރުން ފުރުސަތު ލިބުނެވެ. އެކަމަކު ހެދުނު ގޯސްތަކާއެކު، މެޗު ގެއްލި، ޓީމަށް އޮތީ ހާސްކަމާ ކުރިމަތިލާންޖެހިފަ އެވެ.

"ޓީމު ރޫހެއް ނެތް. ޓީމު ރޫހެއް ނެތި ކިހިނެއް މޮޅުވާނީ،" މެޗަށް ފަހު ވޮލީގެ ތަޖުރިބާކާރު ކޯޗެއް ބުންޏެެވެ. ފެންނަ ފެނުމަށް ރާއްޖޭގެ ޓީމުގެ ފަރާތުން އެ މަންޒަރު ސިފަވެ އެވެ. ރާއްޖޭގެ ޓީމު ފެނިގެންދިޔައީ ޓީމު ރޫހެއް ނެތި، ކޮންފިޑެންސް ނެތް ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއްގެ ގޮތުގަ އެވެ. ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ އިޝާން މުހައްމަދު (ބަޓިސް) އާއި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އަދި އަޝްފާގް އާދަމް (އައްކަޅޭ) ކަހަލަ ކުޅުންތެރިން ވެސް ފެނިގެންދިޔައީ ކޮންފިޑެންސެއް ނެތި ކުޅެމުންދިޔަ ތަނެވެ.

ޒުވާން ކުޅުންތެރިޔާ އަށްވުރެ ބައެއް ފަހަަރު ޕްރެޝަރުގައި ރަނގަޅަށް ކުޅޭނީ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. ރާއްޖޭގެ ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާާކާރު ކުޅުންތެރިން ޕްރެޝަރު ބޮޑުވި ވަގުތުގައި ކޯޗު މުހައްމަދު ޝަރަފު އެރުވި ނަމަވެސް، އެ ކުޅުންތެރިންނަށް ވެސް އެ ޕްރެޝަރުގައި ނުކުޅެވުނެވެ.

"ބަޓިސް އެރުވީމަ އޭނަ އަށް އެ ޕްރެޝަރު ހޭންޑަލް ނުކުރެވެންޏާ، އެއީ އަޅުގަނޑުގެ މައްސަލައެއް ކަމަށް އަޅުގަނޑު މި ބަލަނީ. ބަޓިސް އަށް އެ ޕްރެޝަރު ހެންޑްލުރާނެ ގޮތެއް ނެތް އަޅުގަނޑަށް ދައްކައިދެވިފައެއް" މެޗަށް ފަހު މީޑިއާއާ ވާހަކަދައްކަމުން ޓީމުގެ ކޯޗު މުހައްމަދު ޝަރަފް ބުންޏެވެ.

ޓީމުން ނެރެމުންދާ ނަތީޖާތަކުގައި ޝަރަފުގެ ޒިންމާ ވަރަށް ބޮޑެވެ. އިއްްޔެގެ މެޗުގެ ކުރިން ރާއްްޖެ އާއި ނޭޕާލް އެންމެ ފަހުން ބައްދަލުކުރި މެޗުގައި ކުރި ހޯދީ ރާއްޖެ އެވެެެ. އަދި ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ޝަރަފު ވަނީ އެތައް ފަހަރަކު މަސައްކަތްކޮށްފަ އެެވެ. އެހެންކަމުން އަމިއްލަ ގައުުމުގައި ކުޅޭ މުބާރާތެއްގައި، ރާއްޖެ އަށް ބަލިކުރެވޭ ފެންވަރުގެ ޓީމެއް އަތުން ރާއްޖެ ބަލިވުމަކީ ވަަރަށް ބޮޑު ނާކާމިޔާބީއެކެވެ.

ރާއްޖެ އަށްވުރެ ވަރުގަދަ، މޮޅު ޓީމެއް އަތުން ބަލިވެގެން ޓީމަށް ފާޑުކިޔާނެ މީހަކު މަދުވާނެ އެވެ. ވަރުގަދަ ޓީމެއް އަތުން ބަލިވި ނަމަ، ޓީމަށް ލިބޭނީ ހިތްވަރެވެ. ކުޅިވަރުގައި ކުރިން އެ މަންޒަރު ފެނިފައި އެބަހުއްޓެވެ. ވޯލްޑް ކަޕް ކޮލިފައިންގައި މީގެ އަހަރުތަކެއް ކުރިން އީރާން އަތުން 1-0 އިން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ބަލިވި އެވެ. އެކަމަކު އެ މެޗަށް ފަހު ސަޕޯޓަރުން ދަނޑުން ނިކުމެގެން ދިިޔައީ ހިނިތުންވުމާއެކު އެވެ. ވަރުގަދަ އީރާނާ ދެކޮޅަށް ރާއްޖޭން ދެއްކި ކުޅުމަށް ސަޕޯޓަރުންގެ ތައުރީފް ލިބެމުންދިޔަ އެވެ.

އެކަަމަކު ނޭޕާލް އަތުން ރާއްޖެ ބަލިވި ގޮތުން، "ޓީމުގެ ހިތްވަރަށް ސާބަސް" ކިޔޭކަށް ވެސް ނެެތެވެ. އެ ފުރުސަތެއް އިއްޔެގެ މެޗުގައި ޓީމުން ދެއްކި ކުޅުމަކުން ނުލިބެ އެވެ. އެ ހިތްވަރެއް އިއްޔެ ޓީމުގެ ފަރާތުން ނުފެނުނެވެ.

ރާއްޖެ އަށް އަދި މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު މުޅިއަކުން ނުގެއްލެ އެެވެ. މުބާރާތުގެ ފައިނަލްގެ ސީދާ ޖާގައެއްް ލިބޭނީ ގުރޫޕް ސްޓޭޖުގެ އެއްވަނަ ޓީމަށެވެ. ދެވަނަ ޖާގަ ލިބޭނީ ދެވަނަ ޓީމާއި ތިން ވަނަ ޓީމުގެ މެދުގައި ކުޅޭ ސެމީން މޮޅުވާ ޓީމަށެވެ.

މި މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ވާދަކުރާނީ ތުރުކުމެނިސްތާނާ އެވެ. މި މެޗުން ރާއްޖެ މޮޅުވިޔަސް، ސެމީގެ ޖާގައެއް ކަށަވަރެއްނުވާނެ އެވެ. އެހެން މެޗުތަކުން ނަތީޖާ ނުކުންނަ ގޮތަކުން ރާއްޖެ މުބާރާތުން ކަޓާފާނެ އެވެ. އެހެންކަމުން ރާއްޖެ އަށް އޮތީ ހަނި ފުރުސަތެކެވެ.