ކުޅިވަރު

ކުޅުންތެރިން ޕާފޯމް ނުކޮށްފިނަމަ ޒިންމާ ނަގާނަން: ކޯޗް

Mar 25, 2017
1

ގައުމީ ފުޓްބޯޅަ ޓީމަށް މިހާރު ނަގާފައިވާ ކުޅުންތެރިން، ޕާފޯމް ނުކުރާނަމަ، އެކަމުގެ ޒިންމާ ނަގަން ހުންނާނީ ކޯޗް ކަމަށާއި، މިހާރު އޮތް ސްކޮޑުން ރަނގަޅަށް ޕާފޯމް ކުރާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް ކަމަށް ގައުމީ ޓީމުގެ ކޯޗް ޑަރެން ސްޓްވާޓް ބުނެފި އެވެ.

އަވަސް އަށް ދިން އިންޓަވިއުގައި، ސްޓްވާޓް ބުނީ، އޭނާ ސްކޮޑު އެކުލަވާލާފައި ވަނީ ކުޅުންތެރިންގެ ޕާފޯމަންސަށް ބެލުމަށްފަހުގައި ކަމަށާއި، ކުޅުންތެރިންގެ ސިފަ އަށް އޭނާ ނުބަލާ ކަމަށެވެ.

އަންނަ އަންގާރަ ދުވަހު ފަލްސްތީނާ ދެކޮޅަށް ކުލެން، އެކުލަވާލި ސްކޮޑުން، މުހިންމު ގިނަ ނަންތަކެއް ނުހިމެނުމުން، ބައެއް ފަރާތްތަކުން ވަނީ އެކަމާ ބެހޭގޮތުން ސުވާލު އުފައްދާފައެވެ.

"އަހަރެން ސްކޮޑު ނަގާފައި މިއޮތީ ދަނޑު މަތީގައި އަހަންނަށް ފާހަގަ ކުރެވުނު ކަންތަކުން އެ ކުޅުންތެރިންގެ ޕާފޯމްސަށް ބަލާފައި، 39 އަހަރުގެ ކުޅުންތެރިޔަކަށް ވިޔަސް، 16 އަހަރުގެ ކުޅުންތެރިޔަކަށް ވިޔަސް، ޕާފޯމް ކޮށްފައި ވާނަމަ އެ ކުޅުންތެރިޔަކު ހުންނާނީ މިތާންގައި [ގައުމީ ޓީމުގަ]، 23 އަހަރުން ދަށުގެ ގައުމީ ޓީމު ފިޔަވައި، ޓީމު ނަގާކަށް އަހަރެން އުމުރަކަށް ނުބަލަން، އަހަރެން ކުޅުންތެރިންގެ ސިފަ އަކަށް ނުބަލަން، ކުޅުންތެރިންގެ ރެޕިޓްއޭޝަނަކަށް ނުބަލަން، ކުޅުންތެރިންގެ ޕާފޯމަންސުން އަހަންނަށް ފެންނަ ކަންކަމަށް ބަލައި އަހަރެން ޓީމު ނަގަނީ،"

"މެޗުގައި އެ ކުޅުންތެރިން ޕާފޯމް ނުކުރަންޏާ ގެއްލޭނީ އަހަރެންގެ ވަޒީފާ، އަހަރެންގެ ވަޒީފާ އަކީ އެކުޅުންތެރިން ލައްވައި ޕާފޯމް ކުރުވުން، މީހަކު ބުނެފާނެ މިވެނި ކުޅުންތެރިޔަކު ޓީމުގައި ހުންނާކަށް ނުޖެހެޔޭ އަހަރެން ބުނާނީ އެންމެ ފަހު ދުވަހު ކުޅުންތެރިން ޕާފޯމް ނުކުރަންޏާ އެއީ އަހަރެންގެ ޒިންމާ އެކޭ، އެ ކުޅުންތެރިންނެއް ނޫން ޒިންމާ ނަގާނީ އަހަރެން އެކަމުގެ ޒިންމާ ނަގަން ހުންނާނީ، ޒިންމާ ނަގާނަން،" ސްޓްވާޓް ބުންޏެވެ.

އޭނާ ބުނީ ޓީމަށް އަލަށް ނެގި ފަސް ކުޅުންތެރިންގެ ފާރާތުން ވެސް ފެންނަ ހިތްވަރު ތަފާތު ކަމަށާއި އެ ކުޅުންތެރިން ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށެވެ. އަދި ގައުމީ ޓީމަށް ޓަކައި ކާމިޔާބު ހޯދަން މިވަރަށް ޖޯޝުގައި މަސައްކަތް ކުރާ އެއްވެސްޓީމެއް އޭނާގެ ފުޓްބޯޅަ ކެރިއާގައި ފެނިފައި ނުވާ ކަމަށެވެ.

"ނަވަރަސަތޭކަ ނުވަދިހަ ތިނަކުން ފެށިގެން އަހަރެން މިދަނީ އޭޝިއާގެ ފުޓްބޯޅައިގައި މަސައްކަތް ކުރަމުން، ޓީމުގެ އޮތް ރޫހާއި މަސައްކަތް ކުރުމުގެ އަހްލާގަށް ބަލައިފިނަމަ އަދި އެމީހުންގެ ގައުމަށް ކާމިޔަބު ހޯދައިދޭން ބޭނުން ވުމުގައި، މިވަރުގެ ޓީމެއް އަހަރެން ނުދެކެން، މިވަރުގެ ކުޅުންތެރިން ތިބި ޓީމެއްވެސް އަހަރެން ހަވާލު ނުވަން،" އޭއެފްސީ ކަޕްގައި ސިންގަޕޫރުގެ ބެލަސްޓިއާ ކަލްސާ އައި އޮސްޓްރޭލިއާގެ ވުޑްލޭންޑްސް ވިލިންގްޓަނަށް ވެސް ކޯޗު ކޮށް ދިން ސްޓްވާޓް ބުންޏެވެ.

ސްޓްވާޓް ބުނީ ކުޅުންތެރިން ނަތީޖާ ނެރޭނީ އޭނާ އާއި އެސިސްޓެންޓް ކޯޗް އިސްމާއީލް މަހްފޫޒު (އިންމަ) ގެ މަސައްކަތަކުން ނޫން ކަމަށާއި އެއީ ކުޅުންތެރިންގެ އެޓިޓިޔުޑްގައި އެކަން ހަރުލަފައި ހުރުމުން ކަމަށެވެ.