ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ނަގަން ވައްދާފައިވާ އިތުބާރު ނެތްކަމުގެ ވޯޓް، އަންނަ ހޯމަ ދުވަހު ކާމިޔާބުކޮށް އިދިކޮޅު ފަރާތްތައް ލަދު ގަންނަވާލާނެ ކަމަށާއި އަދި މަސީހުގެ މައްސަލައިގައި އަޑީގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޕީޕީއެމް ގެ ރައީސްކަމުން ދުރުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ނައިބު ލީޑަރު، އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ވޯޓާ ގުޅިގެން ޕީޕީއެމާއި އެމްޑީއޭގެ ޖޮއިންޓް ޕާލިމަންޓް ގުރޫޕްން މިއަދު ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަލާހް ވިދާޅުވީ 27 ގައި ނަގާ ވޯޓް ފުރިހަމަ އަގުލަބިއްޔަތުން ކާމިޔާބުކުރުމަށް ފަހު ޕީޕީއެމްގެ ޕީޖީ ގުރޫޕުން މަސައްކަތް ދެން ފަށާނީ ރައީސް މައުމޫން ޕީޕީއެމްގެ ރައީސް ކަމުން ދުރުކުރުމުގެ މަސައްކަތް ކަމަށެވެ
އޭނާ ވިދާޅުވީ އެކަން މިހާރު ކޮންމެހެން ވެސް ކުރަންޖެހިފައިވާ ކަމަށެވެ. އޭނާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް ވިދާޅުވީ އެއީ ޕީޕީއެމްގެ ގަވައިދުގެ ތެރެއިން ކުރެވޭނެ ކަމެއް ކަމަށާއި ފަލާހު އެހެން ވިދާޅުވި އިރު ރައީސް މައުމޫނަކީ މިހާރު ޕީޕީއެމްގެ ފިކުރުގައި ހުންނެވި ބޭފުޅެކޭ ނުދެންންވޭނެ ކަމަށެވެ.