އާޒިމާ ޝަކޫރު

"މައުމޫނު ކުރެއްވި ކަމަކީ އެމަނިކުފާނު ދިފާއު ކުރި މީހުނަށް ބޭވަފާތެރިވީ"

Mar 25, 2017
9

ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު އެއްބަސްވުމެއްގައި ސޮއިކުރެއްވުމުން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް އެ ކުރެއްވުނު ކަމަކީ އެމަނިކުފާނު ދިފާއު ކުރަން ގުރުބާނީތައް ވީ އެތައް ބަޔަކަށް ބޭވަފާތެރި ވެވަޑައިގެންނެވުން ކަމަށް ރައީސް މައުމޫނުގެ ސަރުކާރާއި އެމަނިކުފާނު އުފެއްދެވި ދެ ޕާޓީގައި އިސް މަގާމުތަކެއް އަދާކުރެއްވި ރާއްޖޭގެ ފުރަމަ އަންހެން ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓާ އޮފް ލީގަލް އެފެއާޒްގެ މަގާމުގައި މިހާރު ހުންނެވި އާޒިމާ އޭނާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިއަދު އާންމު ކުރެއްވެވި ދިގު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު ދައުރުގައި ރާއްޖެ ދުށް ސިޔާސީ ހަލަބޮލިކަމުގައި އެމަނިކުފާނު ދިފާއު ކުރެއްވުމަށް އެތައް ފުލުހުންނަކާއި ސިފައިންނެއް އަދި ކެބިނެޓް މިނިސްޓަރުންނާއި އާއްމުން ވެސް އެމަނިކުފާނާއެކު މަސައްކަތް ކުރި ކަމަށެވެ. އާޒިމާ ވިދާޅުވެފައި ވަނީ ރައީސް މައުމޫނަށާއި މިނިސްޓަރުންނަށް އަމާޒުވި ހަމަލާތަަކީ ސީދާ އެމްޑީޕީން ރޭވި ކަންތައްތަކެއް ކަމަށް ވިދާޅު ނުވާ ކަމަށެވެ. އެހެން ނަމަވެސް އެކަންއްތައް ތަކަކީ އެމްޑީީޕީން އޭރު ހިންގި ސިޔާސީ މަސައްކަތްތަކުގެ ސަބަބުން ހިނގި ކަންތައްތަކެއް ކަަމަށެވެ.

" އިންތިހާބުކޮށްފައިވާ ސަރުކާރެއް ވައްޓައިލަން ރައީސް މައުމޫނު އެމްޑީޕީއާއެކު އެއްބަސްވުމެއްގައި ސޮއިކުރައްވާތަން މިއަދު ފެނުމަކީ ހިތާމަ ހުރި، އަދި އެއްގޮތަކަށް ވެސް ގަބޫލު ނުކެރޭވެނެ ކަމެއް. އަޅުގަނޑަށް އެކަން ފެންނަނީ ފަރުދީ ގޮތުން އެމަނިކުފާނު ދިފާއުގައި މަަސައްކަތް ކުރި މީހުންނަށް ބޭވަފާތެރިވެ ވަޑައިގެންނެވުން ކަމުގައި،" އާޒިމާ ވިދާޅުވެފައި ވެއެވެ.

ރައީސް މައުމޫނުގެ ހައްގުގައި އެކި އެކި ބޭފުޅުންނަށާއި އާޒިމާއަށް ވެސް ކުރިމަތިވެވަޑައިގެންނެވި ބައެއް ހާދިސާތަކުގެ ހަނދާންތައް އެކަމަނާގެ ލިއުއްވުމުގައި އާ ކުރައްވާފައި ވެއެވެ. އެގޮތުން ހއ. ހޯރަފުށީގައި ރައީސް މައުމޫނަށް ވަޅިން ހަމަލާދޭން މީހަކު މަސައްކަތްކުރި ހާދިސާ އާއި 2008 ގެ ރިޔާސީ އިންތިހާބުގައި ގދ. ތިނަދުއަށް މައުމޫނު ވަޑައިގެންނެވުމުން ކުރިމަތިވި ދެކޮޅު ހެދުންތަކާއި ރައީސް މައުމޫން ފުލުހަށް ހާޒިރުކުރި ދުވަހާއި އެނޫންވެސް ފާހަގަ ކޮށްލެވޭ ބައެއް ހާދިސާތައް އެކަމަނާ ފާހަގަކުރައްވާފައި ވެއެވެ.

އާޒިމާ އަދި ވިދާޅުވެފައި ވަނީ ރައީސް މައުމޫނު ނޫން އެހެން ބޭފުޅަކު 2008 ގެ ރިޔާސީ އިންތިހާބުގައި ކުރިމަތިލެއްވި ނަމަ އެ އިންތިހާބުގައި ނަޝީދު ބަލިވެ، ޑީއާރްޕީއަށް ކާމިޔާބުވީސް ކަމަށް ގިނަ ބަޔަކު އޭރު ބުނި ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ރައީސް ޔާމީނު އިންތިހާބު ކުރެއްވުމަށް ރައީސް މައުމޫނު މަސައްކަތްކުރެއްވި ކަމަށާއި އެހެން ނަމަވެސް އެއީ ރައީސް މައުމޫނު ވިދާޅުވާހާ ކަމެއް ރައީސް ޔާމީނު ކުރައްވަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

" [ރައީސް ޔާމީން] އެއީ ދައުލަތުގެ ވެރިޔާ. އަޅުގަނޑު ދެކޭ ގޮތުގައި އެހެން މީހުން އެދޭހާ ގޮތަކަށް އެއްވެސް މީހަކަށް ހުރިހާ ކަމެއް ނުކުރެވޭނެ،" މައުމޫނުގެ ގާނޫނީ ވަކީލުކަންވެސް ކުރެއްވެވި އާޒިމާ ވިދާޅުވެފައި ވެއެވެ.

ލިއުއްވުން ނިންމަވައިލައްވަމުން އާޒިމާ ސުވާލު ކުރައްވާފައި ވަނީ "ޒާތީ ސިޔާސީ ކަންތައްތައް ދޫކޮށް، ތައުލީމާއި ތަރައްގީއާއި ހަމަޖެހުމާއި ކުޑަކުދިންނަށް ކުރާ ގޯނާ އާއި ނުކުޅެދުންތެރިކަން ފަދަ މައްސަލަތަކާށް ސަމާލުކަން ދޭން ނުވޭތޯ؟" އެވެ.