ރިޕޯޓް

ސަމާލުކަން ހޯދަން އަމިއްލަ އަށް ޖަހާ ސިޔާސީ ހުޅު

ކަޅުތެޔޮ ޖެހުމާއި ބިއްލޫރި ދޮރުތައް ތަޅާލުމަކީ ސަމާލުކަން ހޯދުމަށް ސިޔާސީ މީހުން ކުޅޭ ކުޅިވަރުގައި އާދައިގެ ކަންކަމެވެ. މީގައި މަޖާ ކަމަކީ ސިޔާސީ މީހުން ގިނަ ފަހަރު އަނިޔާ އާއި ގެއްލުން ލިބިގަންނަނީ އަމިއްލަ އެދުމެއްގައި އަމިއްލަ އަށް ކަމަށް ވިޔަސް އަބަދުވެސް އެކަމުގެ ޒިންމާ އެހެން މީހުންގެ ބޮލުގައި އަޅުވާތީ އެވެ. އަދި ހަގީގަތް ހާމައަށް އޮންނަ އިރު ވެސް ކަނޑައެޅިގެން ދޮގު ހަދާތީ އެވެ. ތިމާ މީހާގެ ޕާޓީ އަށް ނިސްބަތްވާ ތަނަކަށް އަދި މީހަކަށް ދޭ ކޮންމެ ގެއްލުމަކީ ސިޔާސީ ވާދަވެރި ފަރާތުގެ ކަމަކަށް ނޫނީ ނުވާނެ އެވެ. ޕާޓީ ދެކެ ލޯބިވުމަކީ އެއީ އެވެ!

އަހަރުތަކެއް ކުރިން ރާއްޖޭގައި ނެރުނު "ސިޔާސީނޫހެއް"ގައި އިސްކޮށް މަސައްކަތްކުރި މީހަކު އޭނާގެ ތަޖުރިބާ ހިއްސާކުރި އެވެ. 

"ނޫސްކިޔާ މީހުންގެ އަދަދު މަދުވާހެން ހީވީމަ ކޮންމެވެސް ކަމެއް ހިންގާލަނީ. ކަޅުތެޔޮ ޖެހުމަކީ އޭރު މާ ކާމިޔާބު ކަމެއް. ނޫހުގެ އޮފީހަށް ކަޅުތެޔޮ ޖަހާލީމާ ނޫސް އޮންނާނީ މަދުވެފަ. ކަޅު ތެޔޮތައް ސާފު ވެސް ނުކޮށް ބަހައްޓަނީ،" ނަން ސިއްރުކޮށްދޭނެ ކަމަށް ބުނުމުން ވާހަކަ ދެއްކި ސިޔާސީ މީހަކު ކިޔައިދިނެވެ.

އޭނާ ބުނީ ސިޔާސީ ފޯރި ރާއްޖޭގައި އެންމެ ގަދަވެގެން މި ފަހުން އައިއިރު މީހުންނަށް ބިރު ދެއްކުމާއި ތަޅައިގަންނަން އުޅުމާއި އެފަދަ ކިތަންމެ ކަމެއް އެއީ ސަމާލުކަން ހޯދަން ހިންގާފައިވާ ގޭމުތައް ކަމަށެވެ. މިކަހަލަ ވާހަކަ މީސްމީހުންގެ ތުންތުންމަތިން ދެއްކިޔަސް ސިޔާސީ މީހުން އަބަދުވެސް ބުނާނީ އެ މީހުންނަށް ގެއްލުން ދެނީ ސިޔާސީ ވާދަވެރިން ކަމަށެވެ. އެކަމަކު ގޭންގުތަކުގެ އިސް ސަފުގައި އުޅޭ މީހުންގެ ފަރާތުން ވަރަށް ސާފުކޮށް އެނގޭ ގޮތުގައި ސިޔާސީ މީހުން ހިންގާ އެކި ޖަރީމާތަކުގައި ބައިވެރިވެ އެ ކަންކަން ކޮށްދިނުމަކީ ގޭންގުތަކުގެ މެންބަރުންނަށް "އާމްދަނީ" ލިބޭ އެންމެ އާންމު އެއް މަގެވެ. މިކަން ފުލުހުންގެ ތަހުގީގުތަކުން ވެސް ކިތަންމެ ވަރަކަށް ހާމަވެފައި އެބަހުއްޓެވެ.

"މި ކަންކަން ހުއްޓުވޭނީ ސިޔާސީ ފަރާތްތަކުގެ އެއްބާރުލުން ލިބިގެން. ކޮންމެ ބަޔަކު ވެރިކަން ކުރިޔަސް މި ހާލަތަކުގައި މި މައްސަލަތައް ހައްލެއް ނުކުރެވޭނެ."

އޭނާ ވިދާޅުވީ ނިސްބަތުން ބޮޑެތި މައްސަލަތަކުގެ ތަހުގީގު ފެށުމަށް ފަހު ދެން ވީގޮތެއް ނޭނގޭ ކިތަންމެ ކޭސްތަކެއް ހުންނާނެ ކަމަށާއި އޭގެ ތެރޭގައި ސިޔާސީ ފަރާތްތަކާ ގުޅުންހުރި މައްސަލަތައް ގިނަ ކަމަށެވެ.

ސިޔާސީ ޕާޓީތައް ހިންގަނީ ގައުމު އިސްލާހު ކުރުމުގެ ނަމުގައި ކަމަށް ވިޔަސް ގިނަ ފަހަރަށް ކަންކަން ދަނީ ވެރިކަމުގެ އާރާއި ބާރު ހޯދުމަށް ކޮންމެ ފަދަ ކަމެއް ވެސް ކުރުމާ ދިމާލަށެވެ. އެކަމަކު ކޮންމެ ބަޔަކު ވެސް ރައްޔިތުންގެ ކުރިމައްޗަށް ނިކުމެ ގައުމުގެ އަމާންކަމޭ ރައްކާތެރިކަމޭ ކޮރަޕްޝަނޭ ކިޔާއިރު ހީވަނީ އެހެން ފަދަ ކަމެއްހެންނެވެ.