ކުޅިވަރު

ގަތަރުގެ ކޭމްޕަށްފަހު ފަލަސްތީން ޓީމު މާލެ އަތުވެއްޖެ

Mar 25, 2017

އޭޝިއަން ކަޕް ކޮލިފައިންގައި މިއަންނަ އަންގާރަ ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް، ގަތަރުގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ކޭމްޕަށްފަހު ފަލަސްތީން ޓީމު މާލެ އަތު ވެއްޖެ އެވެ.

ގަތަރުގައި ފަލަސްތީނުން ވަނީ ގާތްގަނޑަކަށް 10 ދުވަހުގެ ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ.

އަދި ގަތަރުގައި، ފަލަސްތީނު ޓީމުން ވަނީ، ޔަމަނާ ދެކޮޅަށް މެޗެއް ކުޅެފައެވެ. ޔަމަނާ ދެކޮޅަށް މެޗެއް ކުޅުނީ، ޔަމަނަކީ، އޭޝިއަން ކަޕް ޕްލޭއޮފްގައި ރާއްޖެ ބަލިކޮށްފައި ޓީމަކަށް ވުމުން، ރާއްޖެއާ ދެކޮޅަށް ކުޅުމުގެ ތަޖުރިބާ ހޯދުމަށެވެ.

އެ މެޗުން ފަލަސްތީން މޮޅުވީ މެޗުގެ އެންމެ ފަހު ވަގުތު ގައި، މީގެ ކުރިން ޗިލީގެ 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ޕިންޓޯ އިސްލާމީ ކާމިޔާބު ކުރި ލަނޑުން ނެވެ.

ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގައި ރާއްޖެއާ ފަލަސްތީން ވަނީ ގުރޫޕް ސްޓޭޖު ކުޅެފަ އެވެ. ފަލަސްތީން ސެމީ އަށް ގޮސް އޮތުމުން، އެ ޓީމު ރާއްޖެއާ ދެކޮޅަށް ކުޅުނީ ފަސޭހަ މެޗެކެވެ. އެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ފައިނަލުގައި ފިލިޕީންސް ބަލި ކުރުމަށްފަހު ޗެލެންޖް ކަޕް ކާމިޔާބު ކުރީ ފަލަސްތީނެވެ.

ފަލަސްތީން ޓީމު، މިއަދު މާލެ އައުމުން، ވެލާނާ އިންޓަނޭޝަނަލް އެއާރ ޕޯޓުން އެޓީމަށް މަރުހަބާ ވިދާޅުވީ ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފިރު ޑރ. އަންވަރުލް އަގާ އެވެ.