ހަބަރު

މަސީހާ ދެކޮޅަށް އެމްޑީޕީއިން ތްރީލައިން ވިޕެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މަސީހާ ދެކޮޅަށް ވޯޓު ދިނުމަށް އިދިކޮޅު، އެމްޑީޕީއިން ތްރީލައިން ވިޕެއް ނެރެފި އެވެ.

މަސީހް މަގާމުން ދުރުކުރުމަށް ވޯޓުދިނުމަށް ތްރީލައިން ވިޕެއް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ނެރުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމާފައިވާއިރު މިހާރު ސަރުކާރާ ހިޔާލު ތަފާތުވެފައިވާ ޖުމްހޫރީ ޕާޓީން ވެސް ވަނީ މަސީހާ ދެކޮޅަށް ވޯޓު ދިނުމަށް ތްރީލައިން ވިޕެއް ނެރެފަ އެވެ.

އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީން ވެސް ވަނީ މަސީހާ ދެކޮޅަށް ވޯޓު ދިނުމަށް ނިންމާފަ އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ އެމްޑީޕީގެ އިތުރުން ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އިސްވެ ހުންނަވާ އެވެ.

އެ މައްސަލަ ވެއްދުމުގައި އިސްކޮށް އުޅުއްވާ ފާރިސް އަދި އެމްޑީޕީ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްވާނެ ކަމާއި އެކަމުގައި އެއްވެސް ޝައްކެއް ނެތް ކަމަށް ވިދާޅުވެ އެވެ. އެކަމަށް ބޭނުންވާ ވަރަށް ވޯޓު ހަމަވެފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް މިއަދު އެކަމަށް ރައްދު ދެއްވުމުގެ ގޮތުން ޕީޕީއެމް އާއި އެމްޑީއޭގެ މަޖިލިސް މެންބަރުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި މަސީހާއެކު ޖުމްލަ 42 މެންބަރުން ބައިވެރިވެފައިވެ އެވެ. އެ ބައްދަލުވުމުގައި ދެ ޕާޓީގެ އިސް ބޭފުޅުން ވަނީ 42 މެންބަރުންގެ ވޯޓަށްވުރެ ވެސް އިތުރަށް މަސީހު މަގާމުގައި ބަހައްޓަން ވޯޓު ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.