ބޭރު ކުޅިވަރު

ޕޯޗުގަލް އާއި ފްރާންސް އަށް ފަސޭހަމޮޅެއް

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން ޕޯޗުގަލް އާއި ފްރާންސް ފަސޭހަކަމާއެކު މޮޅުވެއްޖެ އެވެ.

މިދިޔަ އަހަރު އޮތް ޔޫރޯ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޕޯޗުގަލް ވަނީ ރޭ އަމިއްލަ ދަނޑުގައި ހަންގޭރީ އަތުން 3-0 އިން މޮޅުވެފަ އެވެ. މެޗުގެ 32 ވަނަ މިނިޓުގައި ޕޯޗުގަލް އަށް ލީޑު ހޯދައިދިނީ ފޯވަޑް އަންދްރޭ ސިލްވާ އެވެ. ޕޯޗުގަލް އިން މެޗުގައި އިތުރަށް ޖެހި ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މި މެޗުން މޮޅުވި ނަމަވެސް، ގުރޫޕް ބީގައި ޕޯޗުގަލް އަށް އޮތީ އެއްވަނައިގައި އޮތް ސްވިޓްޒަލޭންޑަށްވުރެ ތިން ޕޮއިންޓް ފަހަތުގަ އެވެ. ސްވިޓްޒަލޭންޑް ވަނީ ރޭ ލެޓްވިއާ އަތުން 1-0 އިން މޮޅުވެފަ އެވެ.

ގުރޫޕް އޭގައި ރޭ ރަށުން ބޭރުގައި ލަގްޒެމްބާގް އަތުން ފްރާންސް މޮޅުވީ 3-1 އިންނެވެ. މެޗުގެ 28 ވަނަ މިނިޓުގައި ފްރާންސް އަށް ލީޑު ހޯދައިދިނީ އާސެނަލްގެ ފޯވަޑް އޮލިވިއޭ ޖިރޫ އެވެ. އެކަމަކު މެޗުގެ 34 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ލަގްޒެމްބާގްގެ އައުރެލިން ޔަކީމް ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މެޗުގެ 37 ވަނަ މިނިޓުގައި ފްރާންސަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ހޯދައިދިނީ އެތުލެޓިކޯ މެޑްރިޑްގެ ފޯވަޑް އެންޓުއާން ގްރީޒްމަނެވެ. އަދި މެޗުގެ 77 ވަނަ މިނިޓުގައި ޖިރޫ ވަނީ އިތުރު ލަނޑެއް ޖަހައި ފްރާންސްގެ ލީޑު ފުޅާކޮށްފަ އެވެ.

ގުރޫޕް އޭގައި މިހާތަނަށް ކުޅުނު ފަސް މެޗުން 13 ޕޮއިންްޓް ހޯދައި، ފްރާންސް ތާވަލްގެ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް ސްވިޑަންގެ މައްޗަށް ތިން ޕޮއިންޓްގެ ލީޑެއް ހޯދައިގެނެވެ. ސްވިޑަން ވަނީ ރޭ ކުޅުނު މެޗުގައި ބެލާރުސް އަތުން 4-0 އިން މޮޅުވެފަ އެވެ.