ރާއްޖެ ކުޅިވަރު

ފަލަސްތީންގެ ޓީމު ކުރިއަށްވުރެ ވަރުގަަދަ!

Mar 26, 2017

ފަލަސްތީނަކީ މިހާރު ފުޓްބޯޅައިގައި ރާއްޖެ އަށް އާ ގައުމެއް ނޫނެވެ. ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް 2012 ވަނަ އަހަރާއި 2014 ވަނަ އަހަރު ފަލަސްތީން ވަނީ ކުޅެފަ އެވެ. ހާއްސަކޮށް 2014 ވަނަ އަހަރު ރާއްޖޭގައި އޮތް ޗެލެންޖް ކަޕްގައި ފަލަސްތީން ވާދަ ކުރުމުން އެ ޓީމުގެ ފެންވަރު ރާއްޖެ އަށް ވަރަށް ރަނގަޅަށް އެނގެ އެވެ. އެކަމަކު ފާއިތުވި ދެ އަހަރު ދުވަހުގެ ފަލަސްތީންގެ ޓީމު ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އެހެން ގައުމުތަކުގައި ކުޅޭ ފަލަސްތީންގެ ގިނަ ކުޅުންތެރިންތަކެއް ގެނެސް، ފަލަސްތީނުން ވަނީ ޓީމު ވަރުގަދަކޮށްފަ އެވެ. ޗެެލެންޖް ކަޕްގައި ދިވެހިންނަށް ފެނުނު ފަލަސްތީންގެ ޓީމަށްވުރެ، އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ އަންގާރަ ދުވަހުގެ ރޭ ރާއްޖެއާ ދެކޮޅަށް ނުކުންނަ ފަލަސްތީންގެ ޓީމު ވަރުގަދަވާނެ ކަމަށް ބެލެވެ އެވެ.

ރާއްޖޭގައި 2014 ވަނަ އަހަރު އޮތް ޗެލެންޖް ކަޕްގައި ވާދަކުރި ފަލަސްތީންގެ ޓީމުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން، މިހާރު ފަލަސްތީންގެ ސްކޮޑްގައި ހިމެނެނީ މަދު ކުޅުންތެރިންތަކެކެވެ. އެ މުބާރާތުގައި އެންމެ ބޮޑަށް ވިދާލި ހުނަރުވެރި މިޑްފީލްޑަރު އަޝްރަފް ނޫމާން ވެސް މި ފަހަރު ސްކޮޑްގައި ނުހިމެނެ އެވެ. އަދި އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުރާދު އިސްމާއީލް ސާއިދު ވެސް މި ފަހަރު ފަލަސްތީން ޓީމުގައި ނުހިމެނެ އެވެ.

އެހެން ގައުމުތަކުގައި ކުޅޭ ފަލަސްތީން ދަރިކޮޅުގެ ކުޅުންތެރިންނަށް ޓީމުން ފުރުސަތު ދިނުމަށް ފަލަސްތީނުން ބޮޑަށް ފެށީ 2015 ވަނަ އަހަރުގެ އޭޝިއަން ކަޕަށް އެ ޓީމު ވަރުގަދަކުރުމުގެ ގޮތުންނެވެ. އޭގެ ފަހުން ޔޫރަޕާއި ދެކުނު އެމެރިކާގައި ކުޅޭ ފަލަސްތީން ދަރިކޮޅު ކުޅުންތެރިންތަކެއް ވަނީ ފަލަސްތީންގެ ޓީމާ ގުޅިފަ އެވެ. އެ ކުޅުންތެރިންގެ ހުނަރާއި ތަޖުރިބާކާއެކު، ފަލަސްތީންގެ ޓީމު ވަނީ ކުރިއަށްވުރެ ވަރުގަދަވެފަ އެވެ.

ފަލަސްތީންގެ ޓީމުގައި މި ފަހަރު ހިމެނޭ ކުޅުންތެރިންގެ ތެރޭގައި، ޗިލީ އަށް އުފަން ފަސް ކުޅުންތެރިން ހިމެނެ އެވެ. އެއީ ޑިފެންޑަރު އެލެކްސިސް ނޮރަމްބުއޭނާ އާއި މިޑްފީލްޑަރު ތަމްބުރީނީ އާއި މިޑްފީލްޑަރު ޖޮނަތަން ކަންޓިލާނާ އާއި ފޯވަޑް މަޓިއަސް ޖަދޫއޭ އަދި ޔާސިރު ޕިންޓޯ އެވެ. މީގެ ތެރެއިން ޖަދޫއޭ އާއި ޕިންޓޯ އަކީ މެލޭޝިއާގެ ސުޕަ ލީގުގައި ކުޅޭ ދެ ކުޅުންތެރިންނެވެ.

މެލޭޝިއާ ޕެރާކް އަށް ކުޅެމުންދާ ޕިންޓޯ ފަލަސްތީންގެ ޓީމަށް ކުޅެން ފެށީ މިދިޔަ އަހަރެވެ. މިހާތަނަށް ފަލަސްތީނަށް ކުޅުނު ހަތަރު މެޗުގައި ޕިންޓޯ ވަނީ ތިން ލަނޑު ޖަހައިފަ އެވެ. މެލޭޝިއާގެ ޕީކޭއެންއެސް އެފްސީ އަށް ކުޅެމުންދާ ޖަދުއޭ އަކީ 2014 ވަނަ އަހަރުން ފެށިގެން ފަލަސްތީނަށް ކުޅެމުންދާ ކުޅުންތެރިޔެކެވެ.

މީގެ އިތުރުން އިޒްރޭލަށް އުފަން ފޯވަޑް މުހައްމަދު ޑާވިޝް އާއި ޝާޑީ ޝަބާން އަދި އަހުމަދު އަބޫ ނަހްޔޭހް އަދި ސްލޮވީނިއާ އަށް އުފަން މިޑްފީލްޑަރު ޖަކާ އިބިޝޭޝް ވެސް ފަލަސްތީންގެ ޓީމުގައި ހިމެނެ އެވެ.

ފަލަސްތީން ޓީމުގެ ކޯޗަކީ އެ ގައުމަށް ނިސްބަތްވާ އަބްދުލް ނާސިރު ބަރަކާތެވެ. ފަލަސްތީންގެ ޔޫތު ޓީމުތަކުގައި މަސައްކަތްކޮށް، ތަޖުރިބާ ހޯދައިފައިވާ ނާސިރު ސީނިއާ ޓީމާ ހަވަލުވީ 2015 ވަނަ އަހަރެވެ.

ރާއްޖެ އާއި ފަލަސްތީން މިހާތަނަށް ބައްދަލުކޮށްފައިވަނީ ދެ ފަހަރެވެ. ނޭޕާލްގައި 2012 ވަނަ އަހަރު އޮތް ޗެލެންޖް ކަޕްގައި ރާއްޖެ އަތުން ފަލަސްތީން މޮޅުވީ 2-0 އިންނެވެ. އަދި 2014 ވަނަ އަހަރުގެ ޗެލެންޖް ކަަޕްގައި ރާއްޖެ އާއި ފަލަސްތީން ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެނެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި އަންގާރަ ދުވަހު ރޭ ރާއްޖެއާ ދެކޮޅަށް މާލޭގައި ކުޅެންޖެހޭ މެޗަށް ފަލަސްތީންގެ ޓީމު ވަނީ އިއްޔެ މާލެ އައިސްފަ އެވެ.