ކުޅިވަރު

ކިތަންމެ ވަރުގަދަ ޓީމަކާ ޖެހުނަސް ޖެހިލުމެއް ނުވޭ: ކޯޗް

Mar 26, 2017
1

އެމިރޭޓްސްގައި 2019 ވަނަ އަހަރު ބާއްވާ އޭޝިއާ ކަޕްގެ ކޮލިފައިންގައި އަންގާރަ ދުވަހު، ފަލަސްތީނާ ދެކޮޅަށް، މާލޭގައި ކުޅޭ މެޗުގެ ފޯރިގަދަ ވާނެ ކަމުގެ ވާހަކަތައް މާލެ ތެރޭގައި ކުޑައެއް ނޫނެވެ. މެޗުގެ ފޯރި ކުޑަވާނެ ކަމަކަށް ނުބެލެވެ އެވެ. އެންމެ ބޮޑު ސަބަބަކީ، ފަލަސްތީންގެ ވަރުގަދަ ވާހަކަ، ރާއްޖޭގެ ކޯޗް ޑަރެން ސްޓްވާޓާއި، ދިވެހި މީޑިއާގައި ވެސް ދައްކާފައި ވުމެވެ.

ފަލަސްތީން ވަރުގަދަ ވިޔަސް، މިހާރު ކޯޗްގެ ވާހަކަ ތަފާތެވެ. އަންގާރަ ދުވަހު ފަލަސްތީނާ ދެކޮޅަށް، ކުޅެން ޖެހޭ މެޗަށް ތައްޔާރުވުމަށް ކުޅުންތެރިން ކުރާ މަސައްކަތާ މެދު ކޯޗް ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފަ އެވެ.

"މިހާރު އަހަރެން ކުޅުންތެރިން ގާތަކު ނުބުނަން، އެކުޅުންތެރިންގެ މަސައްކަތް އެންމެ ޕަސަންޓެއް ވެސް އިތުރު ކޮށްލާށޭއެއް. އަހަރެން ކުޅުންތެރިންގެ ފަރާތުން ފެންނަން ބޭނުންވާ ވަރަށް ކުޅުންތެރިން ދަނީ މަސައްކަތް ކުރަމުން، އެކުޅުންތެރިންގެ މަސައްކަތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ،" ސްޓްވާޓް ބުންޏެވެ.

އޭނާ ބުނީ، ވޭތުވެދިޔަ ހަފުތާއެއްގެ ތެރޭގައި ކުޅުންތެރިންގެ ފަރާތުން ފެންނަ މުންދާ ހިތްވަރާމެދު ސުވާލެއް ވެސް ނެތް ކަމަށާއި އަންގާރަ ދުވަހު މެޗުގައި، އެ ހިތްވަރު ކުޅުންތެރިން ނެރެފި ނަމަ އެއްވެސް ޓީމަކާ ދެކޮޅަށް ކުޅެން ޖެހިލުން ނުވާ ކަމަށެވެ.

"ކުޅުންތެރިންގެ އެޓިޓިއުޑާއި ކެރެކްޓާ ހުރި ގޮތުން، ރާއްޖެ ފަހްރުވެރިވާ ނަތީޖާއެއް ނެރވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު، އެއީ އަހަރެންގެ ސަބަބަކުން ނޫން، ނުވަތަ އިންމަ [އެސިޓެންޓް ކޯޗް އިސްމާއިލް މަހްފޫޒު] ގެ ސަބަބަކުން ނޫން، އެއީ ކުޅުންތެރިން ކުރަމުންދާ މަސައްކަތުން، އެއީ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުނަސް މިހާރު އަހަރެން ޖެހިލުމެއް ނުވޭ،"

ސްކޮޑަށް ނަގާފައިވާ 29 ކުޅުންތެރިންގެ ލިސްޓް މާދަމާ 23 ކުޅުންތެރިންނަށް މަދު ކުރާނެ އެވެ. ސްޓްވާޓް ބުނީ، 29 ކުޅުންތެރިން ގެންދެވޭނަމަ، އެހުރިހާ ކުޅުންތެރިންވެސް ގެންދާން އޭނާ ބޭނުންވާ ކަމަށެވެ.