ސްވައިން ފްލޫ

އޭޑީކޭއިން އެންމެނަށް ވެކްސިން ޖަހައި ދޭން ފަށައިފި

ސްވައިން ފްލޫއަށް ބޭނުންވާ ކޮންމެ މީހަކަށް އޭޑީކޭ ހޮސްޕިޓަލުން އިންފްލުއެންޒާ ވެކްސިން ޖަހާ ދޭން މިއަދު ފަށައިފި އެވެ.

އޭޑީކޭއިން ބުނީ މިއަދުން ފެށިގެން ކެންސަރު ޖެހިފައިވާ މީހުންނާއި ގުނަވަން ބަދަލުކޮށްފައިވާ މީހުން ފިޔަވާ އެހެން މީހުންނަށް ޑޮކްޓަރުގެ ލިޔުމަކާ ނުލާ އިންފްލުއަންޒާ ވެކްސިން ޖަހާދޭނެ ކަމަށާއި އުމުރުން ހަ އަހަރު ނުފުރޭ ކުދިން އިންފްލުއަންޒާ ވެކްސިން ޖަހާކަށް ނުޖެހޭނެ
ކަމަށެވެ. އެގޮތުން އޭޑީކޭއިން ވެކްސިން ޖަހާ ދިނުމުގެ ހިދުމަތް ކޮންމެ ބަންދު ނޫން ދުވަހެއްގެ މެންދުރު ފަހު 3:00 ހާއިރު ފަށާނެ ކަމަށާއި ވެކްސިން ޖަހާ ދިނުމަށް ޓޯކަން ދޫކުރާނީ އެ ދުވަހަކަށް ވެކްސިން ޖަހާދޭން ހަމަޖެހިފައިވާ މިންވަރަށް ކަމަށެވެ.

އޭޑީކޭއިން އެ ފުރުސަތު ހުޅުވާލުމާއެކު މިއަދު ވެސް ގިނަ އަދަދެއްގެ ބަޔަކު އެ ހޮސްޕިޓަލަށް ވެކްސިން ޖެހުމަށް ދިޔަ އެވެ. އެގޮތުން އެ ހޮސްޕިޓަލު ތެރެއިން ފެށި ކިއޫ އޭޑީކޭ ގޯޅިން ހެންވޭރު ދަންޑާ ހަމަޔަށް ދަމާލާފައި އޮތެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އެކަނިވެސް 488 މީހުން ވަނީ އިންފްލުއެންޒާ ވެކްސިން ޖަހާފަ އެވެ. އަދި މިހާތަނަށް މުޅި ރާއްޖެއިން 3352 މީހުން ވަނީ އެ ވެކްސިން ޖަހާފަ އެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ އަރިދަފުސް ރޯގާއާއި ސްވައިން ފްލޫއާ ގުޅިގެން ގިނަ ބަޔަކު އެކަމަށް ފަރުވާ ހޯދަމުން ދާއިރު މިއަދު ވެސް ވަނީ މާބަންޑު މީހަކު މަރުވެފަ އެވެ. އެއީ ސްވައިން ފްލޫ ޖެހިގެން މިހާތަނަށް މަރުވި ފަސް ވަނަ މީހާ އެވެ.