އެސްޓީއޯ

ބޮޑެތި އިނާމްތަކާއެކު އެސްޓީއޯ ރަމަޒާން ޕްރޮމޯޝަން ފަށައިފި

ރޯދަ މަހާ ދިމާކޮށް އެސްޓީއޯއިން ބާއްވާ ރަމަޒާން ޕްރޮމޮޝަން ފަށައިފި އެވެ.

"ރަމަޒާން ބާޒާރު 2017" މިރޭ ޕްރޮމޯޝަން ފައްޓަވައި ދެއްވީ، އެސްޓީއޯގެ ސީއެފްއޯ މުހައްމަދު މިހާދެވެ. ޕްރޮމޯޝަން ކުރިޔަށް ދާނީ މިރެއިން ފެށިގެން ޖޫން މަހުގެ އަށްވަނަ ދުވަހާ ހަމައަށެވެ.

އެސްޓީއޯގެ ސީނިއާ ބްރޭންޑް މެނޭޖަރު އާމިނަތު ޝުރުފާ މިރޭ ވިދާޅުވީ، މި ޕްރޮމޯޝަން އެސްޓީއޯ ހޯމް އިމްޕްރޯވްމަންޓާއި ރީޖަނަލް ފިހާރަތަކުގައި ވެސް ކުރިޔަށް ދާނެ ކަމަށާއި ޕްރޮމޮޝަންގައި ހާއްސަ ލަކީ ޑްރޯތަކެއް ނަގާނެ ކަމަށެވެ.

ޕްރޮމޯޝަން ކުރިޔަށް ދާއިރު 1000 ރުފިޔާގެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޭނެކަމަށާއި، ކޮންމެ ހަފުތާއަކު ގުރުއަތު ނެގުން އޮންނައިރު ގްރޭންޑް ޕްރައިޒް ލަކީ ޑްރޯއެއް ނަގައި ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް އިނާމު ދޭނެ ކަމަށެވެ.

ޕްރޮމޯޝަންގައި އެއްވަނަ އަށްދާ ފަރާތަކަށް ދެ މީހަކަށް ބެންކޮކް ދެކޮޅު ދަތުރަކާއި 50000 ރުފިޔާގެ އަގުހުރި އިނާމު ދިނުމަށް ހަމަޖެހިފައި ވެއެވެ. ދެވަނައަށް ދާ ފަރާތަކަށް ޗެންނާއީ ދެކޮޅު ޓިކެޓާއި 30000 ރުފިޔާގެ އަގުހުރި އިނާމެވެ. ތިންވަނައަށް ދާ ފަރާތަކަށް ހުދުރަންފުށިގައި ދެ ދުވަހު ހުރުމުގެ ފުރުސަތާއި އެސްޓީއޯއިން ހުށަހަޅާ އިނާމެވެ. ހަތަރު ވަނައަށް ދާ ފަރާތަކަށް ފިލިޕްސް ޓީވީއަކާއި އެސްޓީއޯއިން ހުށަހަޅާ 10000 ރުފިޔާގެ އަގުހުރި އިނާމެވެ. ފަސް ވަނައަށް ސަން ފްރޮންޓުން ހުށަހަޅާފައިވާ ގާލެންޑޯ ޓޭބަލްއަކާއި 5000 ރުފިޔާ ގެ އަގުހުރި ނިޕޯން ގެ ގިފްޓް ވައުޗާއެކެވެ.

މީގެ އިތުރުން، މި ޕްރޮމޯޝަން ކުރިޔަށް ދާއިރު ގަންނަ ތަކެއްޗާއި އެކު އިތުރު ތަކެތި ހިލޭ ލިބެ އެވެ. މި ޕްރޮމޯޝަންއަކީ ރޯދަމަހަށް ހާއްސަ ކޮށްގެން ކުރިޔަށްދާ ޕްރޮމޯޝަންއަކަށް ވުމުން ބަދިގޭ ސާމާނު ވަރަށް ހެޔޮ އަގުގައި ހިމަނާފައިވެއެވެ.

އެސްޓީއޯއިން ވަނީ "ހަމަ ހިޓާޗީ" ގެ ނަމުގައި ހަ މަހުގެ މުއްދަތަށް ކުރިޔަށްދާ އޭސީ ޕްރޮމޯޝަނެއް ވެސް މީގެ މަހެއްހާ ކުރިން ފަށާފަ އެވެ. މި ޕްރޮމޯޝަންގައި އެއްވަނައަށް ދާ ފަރާތަކަށް ދުބާއީ ދެކޮޅު ޓިކެޓް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ހިޓާޗީގެ ސީނިއާ މެނޭޖާ އަބްދުލް މަޖީދު މުހައްމަދު ވިދާޅުވީ، މި ޕްރޮމޯޝަން ރޯދައަށް ހާއްސަކޮށްލުމުގެ ގޮތުން އޭސީގެ އިންސްޓޮލޭޝަން ހިލޭ ލިބޭނެ ކަމަށެވެ.