އިތުބާރު ނެތް ކަމުގެ މައްސަލަ

ވޯޓު ދޭނީ މަސީހާ ދެކޮޅަށް: އަމީތު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް މާދަމާ ވޯޓު ދެއްވާނެ ކަމަށް ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތް މިރޭ ވިދާޅުވެއްޖެ އެވެ.

އަމީތް މިހެން ވިދާޅުވެފައިވާއިރު ޕީޕީއެމްއިން މިރޭ ވަނީ މަސީހާ އެއްކޮޅަށް ވޯޓު ދިނުމަށް ތްރީލައިން ވިޕެއް ނެރެފަ އެވެ. އެ ވިޕް ނެރެފައިވަނީ 42 މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެނެވެ.

މާދަމާ މަސީހާ އެއްކޮޅަށް ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެ އަމީތް މިރޭ ކުރެއްވި ޓްވީޓްގައި ވަނީ މަޖިލީހުގެ އެހެން މެންބަރުން ވެސް މަސީހާ އެއްކޮޅަށް ވޯޓު ނުދެއްވުމަށް ވެސް އެދިފައި ވެއެވެ.

މިފަހުން އަމީތް ގެންދަވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުންނެވެ. މިފަހުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ ވެސް ވަނީ އަމީތުގެ ހިޔާލު ތަފާތުވެފައިވާ ކަމަށް ވިދާޅުވެ އޭނާގެ ވޯޓު މަސީހާ ދެކޮޅަށް ދެއްވައިފާނެ ކަމަށް ވިދާޅުވެފަ އެވެ.