އޭޝިއާ ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް އަންގާރަ ދުވަހު ކުޅެން އޮތް މެޗަށް އެކުލަވާލި 29 ކުޅުންތެރިންގެ ސްކޮޑުން، މާޒިޔާގެ ޑިފެންޑަރު ގާސިމް ޝާމާމް (ޝަންމޭ) އާއި އީގަލްސްގެ މިޑްފީލްޑާ އަހްމަދު ޒާދު އާއި ރިހާމް އަބްދުލް ގަނީ (ބޮބީ) އާއި ގްރީންސްޓްރީޓްގެ އަހްމަދު ނިޒާމް ގެ އިތުރުން ވެލެންސިއާގެ ކީޕަރު ތޮލާލް ހަސަން (ތޮލާ) ބާކީ ކޮށް 24 ކުޅުންތެރިންގެ ފައިނަލް ސްކޮޑް އެކުލަވާލައިފި އެވެ.
ފައިނަލު ސްކޮޑުން ވަނީ ގައުމީ ޓީމަށް އަލަށް ނެގި ކުޅުންތެރިންގެ ތެރެއިން ހިމަނާފަ އެވެ. އެއީ ބަންގުލަދޭޝްގައި މި މަހު ނިމިގެންދިޔަ ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު ކަޕްގައި، ޓީސީގެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި، އިބްރާހިމް މަހްދީ ހަސަން (ހަބޭސް އިއްބެ) އީގަލަސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެވެ.
އެ ދެކުޅުންތެރިން ފިޔަވައި، ދެންތިބީ މީގެ ކުރިން ސްކޮޑްގައި ހިމެނުނު ކުޅުންތެރިންނެވެ. ގިނަ މުއްދަތަކަށް ފަހު ގައުމީ ޓީމުން ފުރުސަތު ލިބުނު ޓީސީގެ މުހައްމަދު އައްޒާމްއަށްވެސް ވަނީ ފައިނަލު ސްކޮޑުން ފުރުސަތު ލިބިފަ އެވެ. އޭނާ އަށް އެންމެ ފުރަތަމަ ގައުމީ ޓީމުން ޖާގަ ލިބުނީ 2013 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕަށް، އޭރުގެ ކޯޗް އިސްތަވާން އުރުބާނީ އެކުލަވާލި 30 ކުޅުންތެރިންގެ ސްކޮޑުން ނެވެ.
މިދިޔަ އަހަރު، ލާއޯސްއާ ދެކޮޅަށް ކުޅުނު، ދެ ވަނަ ލެގް މެޗަށް، އެކުލަވާލި ގައުމީ ސްކޮޑުގައި ނުހިމެނުނު މާޒިޔާގެ އަސްހަދު އަލީ (އަޑޭ) އާއި ހުސައިން ނިޔާޒް މުހައްމަދު (ބޮކްރީ) ވެސް ވަނީ ފައިނަލު ސްކޯޑްގައި ހިމެނިފަ އެވެ.
އެއް އަހަރުގެ މެދުކެނޑުމަކަށްފަހު، އަލުން ގައުމީ ޓީމުގައި ހިމެނުނު ގްރީންސްޓްރީޓްގެ ޑިފެންޑަރު މުހައްމަދު ސާއިފް އަހްމަދަށްވެސް ވަނީ ފައިނަލު ސްކޮޑުން ފުރުސަތު ލިބިފަ އެވެ. މިދިޔަ އަހަރު ކުރީ ކޮޅު ބަންގުލަދޭޝްގައި ބޭއްވި ބަންގުބަންދު ގޯލްޑް ކަޕްގައި ސާއިފް ވަނީ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އެ މުބާރާތަށް އެކުލަވާލި ސްކޮޑުގައި ހިމެނުނު ޓީސީގެ އިބްރާހިމް ވަހީދު ހަސަން ވެސް، ވަނީ ފައިނަލް ސްކޮޑްގައި ހިމެނިފަ އެވެ.
ފައިނަލް ސްކޮޑް
މާޒިޔާ:
އަސަދުﷲ އަބްދުﷲ (އަސައްކޮ)
މުހައްމަދު އުމޭރު
އަމްދާން އަލީ (އެންޑީ)
އަހްމަދު އިމާޒު (އާއްކޮ)
އަސްހަދު އަލީ (އަޑޭ)
ޔަޝްފާދު ހަބީބު (މުލަކޭ)
ސަމޫހް އަލީ (ސަމުއްޓޭ)
ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ)
ނިއު ރޭޑިއަންޓް:
އަލީ ފާސިރު (ސެންޓޭ)
މުހައްމަދު ރަޝީދު (ހޮކޭ)
އަހްމަދު އަބްދުﷲ (ލިލީ)
ހަމްޒާ މުހައްމަދު (ހަމްޕް)
ކުލަބު އީގަލްސް:
އިމްރާން ނަޝީދު (އިންމަ)
މުހައްމަދު ޝަފީއު (ޗެކް)
ކުލަބު ވެލެންސިއާ:
މުހައްމަދު ފައިސަލް
ޝާފިއު އަހްމަދު (ޝާފީ)
ހިސާމް ސަލީމް (މުހައްމަދު)
ޓީސީ ސްޕޯޓްސް ކުލަބު:
ހަސަން ނާއިޒު (ދާދު)
އިބްރާހިމް ވަހީދު ހަސަން (އިއްބެ)
މުހައްމަދު އައްޒާމް
އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ)
ވިކްޓަރީ:
އިސްމާއިލް އީސާ (މެސީ)
މުހައްމަދު އިމްރާން (ކުޑަ އިމްރާން)
ގްރީން ސްޓްރީޓް:
ސާއިފް އަހްމަދު