ދުނިޔެ

ދޫނިރޯގާއާ ހެދި ޖަޕާނުގައި 270000 ކުކުޅު ނައްތާލައިފި

ޖަޕާނުގެ ބައެއް ސަރަހައްދުތަކުގައި ދޫނިރޯގާ ފެތުރޭތީ 270000 ކުކުޅު މަރާލައިފިއެވެ.

ޖަޕާން ޓައިމްސް ނޫހުން އިއްޔެ ބުނީ އެގައުމުގެ އިރު އުތުރުގައިވާ މިޔާގީ ޕްރިފެކްޗާގެ ސަރަހައްދީ ސަރުކާރުން 209000 ކުކުޅު އަދި އިރުމަތީގައިވާ ޗީބާ ޕްރިފެކްޗާގެ ސަރަހައްދީ ސަރުކާރުން 62000 ކުކުޅު ނައްތާލާފައިވާ ކަމަށެވެ. ނޫހުން ބުނީ މިޔާގީ ޕްރިފެކްޗާގެ ކުކުޅު ގެންގުޅޭ ތަނަކުން ދޫނިރޯގާގެ ވައިރަސް ފެނުނު ފަހުން ތިން ދުވަސްތެރޭގައި އެތަނުގައި 96 ކުކުޅު މަރުވެފައިވާ ކަމަށެވެ. ޗީބާ ޕްރިފެކްޗާ އިން އެ މުއްދަތުގެ ތެރޭގައި ރޯގާގެ ސަބަބުން 118 ކުކުޅު މަރުވިއެވެ.

ޖަޕާނުގެ ކުކުޅު ގެންގުޅޭ ތަންތަނުން ފެނިފައި ވަނީ ދޫނިރޯގާގެ ވައިރަހުގެ ބާވަތެއް ކަމަށްވާ އެޗް5އެން6 އެވެ. ރޯގާ ކޮންޓްރޯލް ކުރުމަށް ޓަކައި ކުކުޅުތައް މަރައި ވަޅުލުމަށް ފަހު ކުކުޅު ގެންގުޅޭ ތަންތަނަށް ޖަޕާނުގެ އިދާރާ ތަކުން ވަނީ ބޭސް ޖަހާފައެވެ.

ޖަޕާޏުގެ އިތުރުން މެލޭޝިއާއާއި އެމެރިކާގެ ބައެއް ސަރަހައްދުތަކުގައި ވެސް ދޫނިރޯގާ ދަނީ ފެތުރެމުންނެވެ. މެލޭޝިއާގައި ފެތުރެމުން ދަނީ އެޗް5އެން1 ވައިރަހުން ޖެހޭ ރޯގާއެވެ. މެލޭޝިއާގައި އެރޯގާ ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސައުދީ އަރަބިއްޔާއިން މިހާރު ވަނީ މެލޭޝިއާއިން ދިރޭ ކުކުޅު އެތެރެކުރުން ވަގުތީ ގޮތުން ހުއްޓާލާފައެވެ.