ފަލަސްތީންގެ ރެފިއުޖީންނަށް އެހީފޯރުކޮށްދޭ އދގެ އެޖޭންސީ -- އަންރާއިން ބުނާ ގޮތުން ރައްކާތެރި ތަނަކަށް ދިއުމުގެ ވިސްނުމުގައި 110،000 އަށް ވުރެ ގިނަ މީހުން ޣައްޒާގެ ރަފާހް ދޫކޮށް ހިނގައްޖެ އެވެ.
ރަފާހް ދޫކޮށް ދާނެ ރައްކާތެރި އެއްވެސް ތަނެއް ޣައްޒާގައި ނެތް ނަމަވެސް އެ އަވަށް ދޫކޮށް އަދިވެސް އިތުރު މީހުން ފައިބާނެ ކަމަށް އަންރާ ބުނެ އެވެ.
އދ އަދި ބައިނަލްއަގްވާމީ އެހީދޭ ޖަމާއަތްތަކުން ރަފާހްއަށް ނުވަނުމަށް އިޒުރޭލަށް ގޮވާލާފައި އޮއްވައި، ޒަޔަނިސްޓު އަސްކަރިއްޔާ އިން ވަނީ އެ އަވަށަށް ގަދަބާރުން ވަދެގަނެ ޖަރީމާތައް ހިންގަން ފަށާފަ އެވެ.
އިޒުރޭލުގެ އަސްކަރިއްޔާ ބުނާ ގޮތުން ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތް ނައްތާލުމަށްޓަކައި ރަފާހް ނުބަލައި ދޫކޮށްލެވޭކަށް ނޯންނާނެ އެވެ. އަދި ހަމާސްގެ ހަނގުރާމަވެރިން މިހާރު ތިބީ ރަފާހްގެ ބިންގަރާހުގައި ކަމަށްވެސް ޔަހޫދީން ތުހުމަތުކުރެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރަފާހްގައި މިހާރުވެސް 1.5 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ.
އިޒުރޭލުން އޮކްޓޯބަރު ހަތެއްގައި ޣައްޒާއަށް ހަމަލާ ދޭން ފެށުމާ އެކު، ޣައްޒާ ދޫކޮށް ގިނަ ބަޔަކު ދިޔައީ މިސްރާ އިންވެގެން އޮންނަ ރަފާހް އަށެވެ. މިހެން ކަންތައް ހިނގައި ދިއުމުން ރަފާހް މިހާރު އޮތީ ތޮއްޖެހިފަ އެވެ.
ހަމާސްގެ ހަނގުރާމަވެރިން ހޯދުމަށް ކަމަށް ބުނެ އިޒުރޭލުގެ އަސްކަރިއްޔާއިން ރަފާހްގައި މިހާރު ހިންގަމުން ގެންދާ އޮޕަރޭޝަންގައި އާންމުގެ ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ.
އިމާރާތަކަށް ބޮންއަޅައި އެއީ ހަމާސްގެ ހަނގުރާމަވެރިން ފިލާ ތިބި ތަނެއް ކަމަށް ބުނުމުން ހުރިހާ ކުށަކުން އެ މީހުން ސަލާމަތްވީ އެވެ. އަދި އާންމުން ދިރިއުޅޭ އިމާރާތްތަކަށް ހަމަލާދީފައި އެއީ އިޒުރޭލަށް ހަމަލާދޭ މަރުކަޒެއް ކަމަށް ބުނުމުން ހުރިހާ ކަމެއް ހަމަޖެހުނީ އެވެ.
އިޒުރޭލުން ޣައްޒާގައި ހިންގާ ހުރިހާ ޖަރީމާއެއް ފޮރުވައިދެނީ އެމެރިކާ އާއި އިނގިރޭސިވިލާތުންނެވެ.
ދުނިޔޭގައި އެންމެ ބާރުގަދަ ގައުމު ކަމަށް ދައުވާކޮށް ދުނިޔެ ސުންނާފަތިކުރަނީ އެެމެރިކާގައި އުފައްދާ ހަތިޔާރުންނެވެ.
ޣައްޒާގައި އެ ހުރިހާ ޖަރީމާއެއް އިޒުރޭލަށް ހިންގަން ކެރެނީ އެމެރިކާވެސް އެ ޖަރީމާތަކުގައި ބައިވެރިވާތީ އެވެ.
އެމެރިކާގެ އިތުރުން ޖަރުމަނާއި ފަރަންސޭސިވިލާތް އަދި ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުންވެސް އިޒުރޭލަށް ހަތިޔާރު ފޯރުކޮށްދެ އެވެ.