އިތުބާރު ނެތް ކަމުގެ މައްސަލަ

ވޯޓު ނަގަން އުޅެނީ ގަަވައިދާ ހިލާފަށް: އިބޫ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލާގައި ވަކިވަކި މެންބަރުންނާ ސުވާލުކޮށްގެން ވޯޓު ނަގަން އުޅެނީ ގަވައިދާ ހިލާފަށް ކަމަށް އެމްޑީޕީ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

ވަކިވަކި މެންބަރުންނާ ސުވާލުކޮށްގެން ވޯޓު ނެގުމަށް ހުށަހަޅާފައިވަނީ މައްސަލާގައި ބަހުސް ކުރައްވަމުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކެވެ. އެ ހުށަހެޅުމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލް ރަހީމް އަބްދުﷲ ވަނީ ތާއިދުކުރައްވާފަ އެވެ.

އެކަމާ ގުޅޭ ގޮތުން އިބޫ މަޖިލިސް ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، މަޖިލިސްގެ ގަވައިދުގައިވާ ގޮތުން ވަކިވަކި މެންބަރުންނާ ސުވާލުކޮށްގެން ވޯޓު ނެގޭނީ އިލެކްޓްރޯނިކް ވޯޓިންގައި މައްސަލައެއް ޖެހިއްޖެނަމަ ކަމަށެވެ.

ގަވައިދުގެ 164 ވަނަ މާއްދާގެ (ނ)ގައި ބުނެފައިވަނީ ކަނޑައެޅި ފާޅުގައި ދިމާވެއްޖެ ހާލަތެއްގައި މެނުވީ މި މާއްދާގެ (ހ)ގައިވާ ގޮތަށް އިލެކްޓްރޯނިކް ވޯޓިން މެދުވެރިކޮށް ނަގާ ވޯޓަކާމެދު ސުވާލެއް ނުކުރެވޭނެ އެވެ. (ހ)ގައި ބުނަނީ ކޮންމެ ވޯޓެއް ވެސް ނަގަން ޖެހޭނީ އިލެކްޓްރޯނިކް ވޯޓިނުން ކަމަށެވެ.

އިބޫ ވިދާޅުވީ، ވަކިވަކި މެންބަރުންނާ ސުވާލުކޮށްގެން ވޯޓަށް ނެގޭނީ އެކަން މަޖިލީހަށް ހުށަހަޅައި ފާސްކޮށްގެން ކަމަށެވެ. ފުރަތަމަ ނަގަން ޖެހޭނީ އިލެކްޓްރޯނިކް ވޯޓިން ކަމަށާއި އެ ނޫން ގޮތަކަށް މަޖިލީހުގައި ވޯޓެއް ނުނެގޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ފުރަތަމަ އިލެކްޓްރޯނިކް ވޯޓިން ނަގާ، އެ ވޯޓުގައި މައްސަލައެއް ދިމާވެއްޖެނަމަ ފާޅުގައި އުފެއްދިއްޖެނަމ ދެން މި ދާން ޖެހެނީ ރޯލް ކޯލްއަކަށް، ރޯލް ކޯލްއަކަށް ދެވެނީ މަޖިލީހުގެ ޖަލްސާއަކަށް ހުށަހަޅައި ފާސްކޮށްގެން، އެހެންވީމަ ފުރަތަމަ ވެސް ފެނިގެން މިދިޔައީ މަޖިލީހުގެ ގަވައިދާ ހިލާފަށް ރިޔާސަތު އަމަލުކުރި ތަން، ވަރަށް ބޮޑު މައްސަލައެއް މި،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، އޭނާގެ ވޯޓިން ސިސްޓަމަށް ވަނީ މައްސަލަ ޖެހިފައި ކަމަށާއި އެކަން ސަމާލުކަމަށް ގެނެސްގެން އަދި ރަނގަޅު ނުކުރެވޭ ކަމަށެވެ. އަދި އެހެން މެންބަރުންގެ ސިސްޓަމުގައި ވެސް މައްސަލަ ނެތް ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށެވެ.

މައްސަލާގައި މިއަދު 1:30 ގައި ވޯޓު ނަގާއިރު ވޯޓު ނަގާނެ ގޮތެއް ރިޔާސަތުން އިއުލާން ކުރައްވާފައެއް ނުވެ އެވެ. ރިޔާސަތު ބަލަހައްޓަވަނީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކެވެ.