ކުޅިވަރު

ގޯލްގައި ނެތަސް ކީޕަރުންގެ އެންމެ ބޮޑު ސަޕޯޓަރު

އޭޝިއާ ކަޕް ކޮލިފައިންގައި، މާދަމާ ރޭ ފަލަސްތީނާ ދެކޮޅަށް ގައުމީ ޓީމު ކުޅޭ މެޗަކީ، ރާއްޖޭގެ އެއް ވަނަ ކީޕަރު އިމްރާން މުހައްމަދު ރިޓަޔާ ކުރި ފަހުން، ކުޅޭ ފުރަތަމަ މެޗެވެ. އިމްރާންގެ ގޯލްގައި ނެތަސް، އޭނާގެ އިތުބާރާއި ހިތްވަރު ކީޕަރުންނަށް އޮތްކަން ހަމާވެގެން ދިއުމަކީ، ގައުމީ ޓީމަށާއި ސަޕޯޓަރުންނަށް ލިބޭނެ ހިތްހަމަ ޖެހުމެކެވެ.

އިމްރާން އަކީ ދިވެހި ފުޓްބޯޅަ އަށް ނަމޫނާ އެކެވެ. ގައުމީ ޓީމަށް 100 ށް ވުރެ ގިނަ މެޗު ކުޅެ ދިނުމަށްފަހު އިމްރާން ރިޓަޔާ ކުރި ނަމަވެސް، ޓީމުގެ އެއްވަނަ ކީޕަރުގެ އަންގި އަޅަން ތިބި، ކީޕަރުންނަށް އިމްރާން ވަނީ އޭނާގެ އިތުބާރު އޮތްކަން ހަމަ ކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ ކީޕަރު މުހައްމަދު ފައިސަލް އާއި މުހައްމަދު އިމްރާން (ކުޑަ އިމްރާން) ށް، އެއްވަނަ ކީޕަރު އިމްރާން ވަނީ ހިތްވަރު ދިނުމުގެ ގޮތުން، ކޮންމެ ކީޕަރަކަށް ކީޕަރު އަންގިއެއް ހަވާލު ކޮށްފަ އެވެ.

ފައިސަލް އާއި ކުޑަ އިމްރާން އާއެކު ފޮޓޯއެއް، އޭނާގެ ފޭސްބުކްގައި ޕޯސްޓް ކުރުމަށްފަހު އިމްރާން ބުނެފައިވަނީ، އޭނާގެ ތަޖުރިބާ އަބަދުވެސް، ކީޕަރުންނަށް ހިއްސާ ކުރުމުގައި ދެމިހުންނާނެ ކަމަށެވެ.

"ގައުމީ ޓީމުގެ މިހާރު ތިބި ކީޕަރުންނަށް އަޅުގަނޑުގެ ފުރިހަމަ ސަޕޯޓް އަބަދުވެސް އޮންނާނެ، އަޅުގަނޑަށް ލިބިފައި ހުރި ތަޖުރިބާ އަބަދުވެސް އެކީޕަރުން ބޭނުން ވާހިދެއްގައި ހިއްސާ ކުރުމުގައި ދެމި ހުންނާނަން، މިހާރު ތިބި ކީޕަރުންނާ މެދު 100 ޕަސަންޓް އިތުބާރު އަޅުގަނޑަށް އެބައޮތް،" އިމްރާން އޭނާގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވެއެވެ.

އިމްރާންގެ ހިތްވަރާއެކު ފައިސަލް އާއި އިމްރާން ވެސް އެ ދެ ކުޅުންތެރިން އިހްސާސްތައް ހިއްސާ ކޮށްފަ އެވެ.

"ރާއްޖޭގެ އެއް ވަނަ ކީޕަރު އިމްރާން، ހިތްވަރު ލިބުމުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިއްޖެ،" ކުޑަ އިމްރާން ބުނެފައި ވެއެވެ.

މީގެ ކުރިން އަވަސް އަށް ދެއްވި އިންޓަވިއުގައި، އެއް ވަނަ ކީޕަރު އިމްރާން ބުނެފައި ވަނީ، އެފްއޭއެމް އާއި ކުލަބުތަކުން ދިވެހި ކީޕަރުންނަށް އިތުބާރު ކުރަން ޖެހޭ ކަމަށާއި، ފުރުސަތު ދީފިނަމަ، ނަތީޖާ ދައްކާނެ ކީޕަރުން ރާއްޖޭގައި އެބަތިބި ކަމަށެވެ.

"އަޅުގަނޑު މީ އެންމެ މޮޅު މިހާއެއް ނޫން، އަޅުގަނޑު ރިޓަޔާ ކުރީވެސް ދެން ތިބި ކީޕަރުންނަށް ފުރސަތު ދޭން، އެއިން ކީޕަރަކަށް ފުރުސަތު ދީފިއްޔާ، އަޅުގަނޑު ކުރި ވަރަށްވުރެ މާ މޮޅަށްވެސް އެކީޕަރުން އެކަން ކޮށްފާނެ، އެހެންވެ އެބަޖެހޭ އެ ކީޕަރުންނަށް ފުރުސަތު ފަހިކޮށް ދޭން." އިންޓަވިއުގައި އިމްރާން ބުނެފައި ވެއެވެ.