ވިޔަފާރި

ދުސިތު ތާނީ ކުންފުނިން ތައިލެންޑުގެ "ކްރަބީ ރިސޯޓު" ހިންގަން ފަށަނީ

Mar 26, 2015

ރާއްޖޭގައި ބ. މުއްދޫގައި ރިސޯޓެއް ހިންގަމުން ގެންދާ ދުސިތު ތާނީ އިންޓަނޭޝަނަލުން ތައިލެންޑުގެ "ކްރަބީ ރިސޯޓު" ހިންގަން ފެށުމަށް ތައްޔާރުވެއްޖެ އެވެ.

"ޝެރެޓަން ކްރަބީ" ގެ ނަމުގައި މިހާރު ހިންގަމުން ގެންދާ މި ރިސޯޓުގެ ހިންގުމާ ހަވާލުވުމުގެ ގޮތުން މި ރިސޯޓު ނިސްބަތްވާ އެމްބީކޭ ހޮޓެލް އެންޑް ރިސޯޓާއި ދުސިތު ތާނީ އިންޓަނޭޝަނަލާ ދެމެދު މެނޭޖުމަންޓް އެއްބަސްވުމެއްގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.

ތައިލެންޑުގެ ބައެއް ނޫސްތަކުގައި ވާ ގޮތުގައި މިހާރު ޝެރަޓަން ކުންފުނިން މެނޭޖުކޮށް ހިންގަމުން ގެންދާ ކްރަބީ ރިސޯޓު ރީ-ބްރޭންޑްކޮށް ދުސިތު ތާނި ކުންފުނިން ހިންގަން ފެށުމުގެ ގޮތުން ޝެރަޓަން އިން އެ ރިސޯޓުގައި ކުރިއަށް ގެންދާ އޮޕަރޭޝަން ޖޫން މަހުގެ 30 ވަނަ ދުވަހު ހުއްޓާލާނެ އެވެ.

އެމްބީކޭ ގްރޫޕުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ވިދާޅުވީ ދުސިތާނީއާއެކު ރިސޯޓު އޮޕަރޭޝަން ފެށުމާއެކު ރިސޯޓު މާކެޓު ކުރަން ގިނަ ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ތައިލެންޑުގެ ޕުކެޓުގައި ހިންގަމުން ގެންދާ ކްރަބީ ރިސޯޓުގެ ވިޔަފާރި ފުޅާވެގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.

ދުސިތު ތާނީ ކުންފުނިން ފިލިޕީންސާއި ތައިލެންޑް އަދި ރާއްޖެ އާއި އެމެރިކާ އަދި މިސްރު ފަދަ ގިނަ ގައުމުތަކުގައި ރިސޯޓު އޮޕަރޭޓްކޮށް ހިންގަމުންދެ އެވެ.