ކްރިމިނަލް ކޯޓް

ކުރިމިނަލް ކޯޓަށް "މިހާރު" ގެ ނޫސްވެރިން ނުވައްދަން ނިންމައިފި

"މިހާރު" ނޫހުގެ އެއްވެސް ނޫސްވެރިޔަކު ކުރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ނުވައްދަން އެ ކޯޓުން ނިންމައިފި އެވެ.

ކުރިމިނަލް ކޯޓުން މީގެ ކުރިން ވެސް ބައެއް ނޫސްތަކުގެ ނޫސްވެރިން ޝަރީއަތްތަކަށް ނުވައްދަން ނިންމާފައިވެ އެވެ. އެއީ އެ ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯއެއް ނެގި މައްސަލާގަ އެވެ. ފަހުން ވަނީ ހުރިހާ ނޫސްވެރިންނަށް ވެސް ވަދެވޭ ގޮތަށް ނިންމާފަ އެވެ.

"މިހާރު"ގެ ނޫސްވެރިން ޝަރީއަތްތަކަށް ނުވައްދަން ނިންމި ސަބަބެއް ސާފެއް ނުވެ އެވެ. މިއަދު އެ ނޫހުގެ ނޫސްވެރިއަކު ކޯޓަށް ދިޔުމުން ކޯޓުން ބުނީ، ވަކި ގޮތެއް އަންގަންދެން އެ ނޫހުގެ ނޫސްވެރިން ޝަރީއަތަކަށް ނުވައްދަން އަންގާފައިވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ކުރިމިނަލް ކޯޓުގެ ބަހެއް ހޯދުމަށް އެ ކޯޓުގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ކުރިމިނަލް ކޯޓުން މިގޮތަށް ނިންމާފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިން އެ ކޯޓުން ވަނީ ނޫސްވެރިން ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް ބުނެ އިންޒާރެއްދީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނަށްފަހު މިހާރުގެ އެޑިޓަރު ފުލުހަށް ވެސް ހާޒިރުކޮށްފައިވެ އެވެ. އޭނާ ހާޒިރުކުރީ ކުރިމިނަލް ކޯޓުން ފުލުހަށް ހުށަހެޅި މައްސަލައެއްގަ އެވެ.