ނޫސްވެރިން

ފިޔާޒަށް ކުރާ ދައުވާއަށް ގާނޫނީ ގޮތުން ސުވާލު އުފެދޭ: ގާޒީ

ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެ އެވެ. މި މައްސަލަ ބައްލަވަނީ ކުރީގައި ޕީޖީ އޮފީހުގެ ވަކީލެއްގެ ގޮތުގައި ހުންނެވި، ގާޒީ އާދަމް އާރިފެވެ.

ފިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ "ޖެހުމު" ގެ ދައުވާ އެވެ. މި ދައުވާ ކޮށްފައިވަނީ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. ދައުވާ ދަރަޖަކޮށްފައިވަނީ އެ މާއްދާގެ (ށ) ގެ ތިންވަނަ ނަންބަރުގެ ދަށުންނެވެ. އެ ނަންބަރުގައި ބުނެފައިވަނީ އަމަލުގެ ސަބަބުން އަނިޔާ ލިބުނު ފަރާތަކީ ފުލުހެއް ނުވަތަ ސިފައިންގެ މީހެއް ކަމުގައިވުން ކަމަށެވެ.

ފިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ފުރަތަމަ އަޑުއެހުމުގައި ގާޒީ އާރިފު ވަނީ، ދައުވާގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވެ، އެކަންކަން ސާފުކުރެއްވުމަށް ދައުލަތުގެ ވަކީލުންނާ ސުވާލުކުރައްވާފަ އެވެ. ގާޒީ އާރިފު ވިދާޅުވީ، ދައުލުން ކޮށްފައިވާ ދައުވާގައި އަނިޔާވި ކަމަށް ބުނެފައި ނެތް ކަމަށެވެ. އެހެންކަމުން ދައުވާ އެ ނަންބަރުން ދަރަޖަ ކޮށްފައިވަނީ ކީއްވެތޯ ވަނީ ސުވާލުކުރައްވާފަ އެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ، ޖެހުމުގެ ދައުވާ އެ ނަންބަރުން ދަރަޖަ ކުރާއިރު ފުލުހަކަށް އަނިޔާވިކަން ކަށަވަރުކޮށްދެން ޖެހޭކަން ގަބޫލު ކުރާ ކަމަށެވެ. އެހެންކަމުން އެކަމަށް ފުރުސަތަކަށް އެދޭ ކަމަށެވެ. ގާޒީ އާރިފު ވަނީ އެ ފުރުސަތު ދެއްވާފަ އެވެ. ގާޒީ އިތުރަށް ވިދާޅުވީ ދައުވާ އިއްވުމުގެ ފުރުސަތު ލިބޭނީ ދައުވާގައި ސުވާލު އުފެދޭ ކަންކަމަށް ޖަވާބު ލިބުމުން ކަމަށެވެ.

މި ދައުވާއަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރުގެ ޖަލު ހުކުމެވެ. ފިޔާޒަށް ދައުވާކޮށްފައިމިވަނީ، މުލިއާގެ ސަރަހައްދުން ފެނުނު އައިއީޑީ ނައްތާލުމަށް ޓްރެކް ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް އެތަން ކަވަރު ކުރަން އުޅުމުގެ ތެރޭގައި ހިނގި ކަމަށް ބުނާ ހާދިސާއެއްގެ ތުހުމަތުގަ އެވެ.

ފިޔާޒަކީ ކުށެއް ކުރި ކަމުގެ ރިކޯޑް އޮތް ނޫސްވެރިއެއް ނޫނެވެ.