ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޝަރީއަތުގެ އަޑުއެހުމަށް ނޫސްވެރިން ނުވެއްދީ، ޖާގަ ނެތިގެން ކަމަށް ކްރިމިނަލް ކޯޓުން ބުނި ނަމަވެސް، އެއީ ދޮގެއް ކަމަށް އަދީބުގެ އާއިލާއިން ބުނެފި އެވެ.
މިއަދު ބޭއްވި އަދީބުގެ އަޑުއެހުމަށް ވަނުމަށް ނަން ނޯޓުކުރީ ތިން ނޫސްވެރިޔެކެވެ. އެއީ ސަންގް ޓީވީ، ސަން އޮންލައިން އަދި ސީއެންއެމްގެ ނޫސްވެރިންނެވެ. އެ ނޫސްވެރިން ބުނީ، އަޑުއެހުމަށް ވަންނަން މިއަދު ނަން ނޯޓުކޮށް، ގަޑިއަށް ކޯޓަށް ދިޔައީމަ ޖާގަ ނެތް ކަމަށް ބުނެ އެ ޝަރީއަތުގެ މަޖިލީހަށް ނުވެއްދި ކަމަށެވެ. މަޖިލީހަށް ވައްދާފައިވަނީ އަދީބުގެ އާއިލާ މެންބަރުންނާއި މިއަދު ބޭއްވި މައްސަލާގައި ދެން ދައުވާ ރައްދުވާ ދެ ބޭފުޅުން ކަމަށްވާ އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު އަދި ހާމިދު އިސްމާއިލް (ހާމިދު ސޭޓް)ގެ އާއިލާ މެންބަރުންނެވެ.
ނޫސްވެރިން ބުނީ، އަޑުއެހުން ނިމުމުން، އަދީބު އާއިލާ މެންބަރުން ޝަރީއަތުގެ މަޖިލީހަށް ނޫސްވެރިން ނުވަތް ސަބަބު އެހި ކަމަށެވެ. އަދި މަޖިލީހުގައި ހަވަރަކަށް ހުސް ޖާގަ އޮތް ކަމަށް އާއިލާ މެންބަރުން ބުނި ކަމަށް މިއަދު ކޯޓަށް ދިޔަ ނޫސްވެރިން ބުންޏެވެ.
މިއަދު ކްރިމިނަލް ކޯޓަށް ނޫސްވެރިން ވައްދާފައިނުވާއިރު އެ ކޯޓުގެ ޝަރީއަތްތަކު ތަވާލު ވެބްސައިޓަށް ނުލާތާ ވެސް ވަނީ އެތައް ދުވަހެއްވެފަ އެވެ.
ކްރިމިނަލް ކޯޓު މިހާރު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯއެއް ނަގައިގެން ތިން މީޑިއާއެއް އެ ކޯޓަށް ވެއްދުން ވަނީ ހުއްޓާލާފަ އެވެ. ވަކި އެއްޗެއް އަންގަންދެން ކަމަށް ބުނެ ވެއްދުން ހުއްޓާލީ އަވަސް، ހަވީރު އަދި ވީނިއުސްގެ ނޫސްވެރިންނެވެ. އަދިވެސް އެ ކޯޓުން އެ މީޑިއާތަކަށް ފުރުސަތެއް ނުދެ އެވެ. އެ ތިން މީޑިއާގެ އިތުރުން ރާއްޖެޓީވީގެ ނޫސްވެރިން ވެސް ވެއްދުން ވަނީ ހުއްޓާލަފަ އެވެ.