ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް މާޒިޔާގެ ޑިފެންސިވް މިޑްފީލްޑާ އަސްހަދު އަލީ (އަޑޭ) އާއި ހަމަޖައްސައި، ވައިސްކެޕްޓަނަކަށް ވެލެންސިއާގެ ކެޕްޓަން ޝާފިއު ހަމަޖައްސައިފި އެވެ.
ކެޕްޓަނެއްގެ ގޮތުގައި އަޑޭ، ނަން އިއުލާން ކުރުމަށްފަހު، ގައުމީ ޓީމުގެ ކޯޗް، އޮސްޓްރޭލިއާގެ ޑަރެން ސްޓްވާޓް ބުނީ، ކެޕްޓަނަކަށް ނުވިޔަސް، މީގެކުރިންވެސް އަޑޭ އަކީ ދަނޑު މަތީގައި ލީޑަރެއް ކަމަށާއި ކެޕްޓަން ބޭންޑާއެކު، އަޑޭގެ ލީޑާޝިޕް މާބޮޑަށް ފެންނާނެ ކަމަށެވެ.
"އޭނާ އަށް ކެޕްޓަން ބޭންޑް ހައްގު، ކެޕްޓަނަކަށް ނުވިޔަސް އޭނާ އަކީ ދަނޑު މަތިގައި ރަނގަޅު ލީޑަރެއް، ކެޕްޓަން ބޭންޑާއެކު އޭނާ އަށް އިތުރު ޒިންމާތަކެއް އަންނާނެ، އޭނާ އަށް ޒިންމާތައް ނެގޭނެ، ކުޅުންތެރިން އެމީހުންނަށް ވަރަށް ބޮޑަށް އިހްތިރާމް ކުރޭ،" ސްޓްވާޓް ބުންޏެވެ.
އަޑޭ ބުނީ ޓީމުގައި އޭނަގެ އިތުންވެސް ޓީމުގައި ދެން ތިބި ސީނިއާ ކުޅުންތެރިންނަކީވެސް ކެޕްޓަނެއް ކަމަށާއި، ނަމަވެސް، ކޯޗް ކެޕްޓަން ބޭންޑް އޭނާ ދިނީ ކެޕްޓަން ބޭންޑް ރަމްޒު ކުރަން ކުޅުންތެރިޔަކު ހުންނަން ޖެހޭތީ ކަމަށެވެ.
"އަޑޭ ގަބޫލު ކުރާގޮތުގައި އުމޭރަކީ ކެޕްޓަނެއް، ޝަފީ އަކީވެސް ކެޕްޓަނެއް، އެންޑީ (އަމްދާން އަލީ) އަކީވެސް ކެޕްޓަނެއް، އަސަދުﷲ އަކީވެސް ކެޕްޓަނެއް އެއީ ފުޓްބޯޅައިގައި ރާއްޖޭގައި ނަންކިޔާ ކުޅުންތެރިންތަކެއް މިއިން ކޮންމެ މީހަކީވެސް ދަނ ޑުމައްޗަށް ނިކުތީމަ ކެޕްޓަނެއް، އެހެންވީމަ އެ އެންމެންނާ އެއްކޮށް އަދި ޕްލަސް އަޑޭއާ އެއްކޮށް އެންމެން އެއްބާރުލުން ދީގެން މާދަމާ ރޭގެ މެޗު ކާމިޔާބު ކުަރަން މަސައްކަތް ކުރާނީ،" އަޑޭ ބުންޏެވެ.
އަޑޭ ވަނީ، މީގެ ކުރިންވެސް ގައުމީ ކެޕްޓަން ބޭންޑް އަޅާފަ އެވެ. މިދިޔަ އަހަރު ކުރީ ކޮޅު ބަންގުލަދޭޝްގައި ބޭއްވި ބަންގުބަންދު ގޯލްޑް ކަޕްގައި އޭނާ ވަނި ކެޕްޓަން ކޮށްފަ އެވެ.
އަޑޭ އަށް ކެޕްޓަން ބޭންޑް ދިނީ ހަމައެކނި މާދަމާ ރޭގެ މެޗަށްތޯ ނުވަތަ ދާއިމީ ކެޕްޓަންކަންތޯ ސުވާލު ކުރުމުން، އެފްއޭއެމްގެ ޖެނަރަލްސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، މިއަދު ހަވީރު އެފްއޭއެމުން ބާއްވާ އިވެންޓެއްގައި އެކަން އިއުލާން ކުރާނެ ކަމަށެވެ.
މާދަމާ ރޭ ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން، އަޑޭ ބުނީ ފަލަސްތީން ބަލި ކުރެވިދާނެ ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ ވަރަށް ބޮޑަށް ޑިފެންސަށްވެސް ފޯކަސް ކޮށްގެން ކަމަށެވެ.