ވިޔަފާރި

ގަސް ފިނޮޅަކީ ދުނިޔޭގެ ފުރަތަމަ 001 ޕަސެންޓް ސޯލާ ރިސޯޓު ތަ؟

އިރުގެ ހަކަތަ ބޭނުންކޮށްގެން އޮޕަރޭޓް ކުރަމުން ގެންދާ ރާއްޖޭގެ ގަސްފިނޮޅު ރިސޯޓް ދުނިޔޭގެ ފުރަތަމަ 100 ޕަސެންޓް ސޯލާ ހަކަތައިން ހިންގާ ރިސޯޓުގެ ގޮތުގައި ދުނިޔޭގެ ފަލަ ސުރުހީތަކަށް އަރަން ފަށައިފި އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ ޗަމްޕާ ހުސެއިން އަފީފު ތަރައްގީކޮށްފައިވާ މި ރިސޯޓުގައި ގާތްގަނޑަކަށް 6000 ކިލޯ މީޓަނުގެ ދިގު ސޯލާ ޕެނަލް ތަނެއް އަޅާފައިވެ އެވެ. ޓޫރިޒަމްގެ ހަބަރުތައް ގެނެސްދޭ ޓީޓީޖީ ނިއުސް އޭ×ޝިއާގައި ބުނެފައިވާ ގޮތުގައި މި ރިސޯޓް ދަނީ ދުނިޔޭގެ ފުރަތަމަ 100 ޕަސެންޓް ސޯލާ ރިސޯޓުގެ ގޮތުގައި ވިދާލާފަ އެވެ.

އަންނަ މަހުގެ މެދުތެރޭގައި ކްލަބްމެޑް ކުންފުނިން ހިންގުމާ ހަވާލުވުމަށް ތައްޔާރުވަމުން ގެންދާ ގަސްފިނޮޅު ރިސޯޓަކީ 52 ކޮޓަރީގެ ރިސޯޓެވެ. މި ރިސޯޓުގައި 22 ބީޗް ކޮޓަރި އާއި 30 މޫނު ކޮޓަރި ހުރެ އެވެ. މި ހުރިހާ ތަނަކަށް ބޭނުންވާ ހަކަތަ އުފައްދަނީވެސް މިރަށުގައި ބަހައްޓާފައިވާ ސޯލާ ޕެނަލް ތަކުންނެވެ. މާލެއިން ފުރައިގެން 40 މިނެޓުން ސްޕީޑް ލޯޗެއްގައި ދެވޭ މި ރިސޯޓަށް ދުވާލެއްގެ މައްޗަށް ބޭނުންވާ 600 މެގަ ވޮޓްގެ ކަރަންޓު މި ޕެނަލްތަކުން އުފައްދަ އެވެ.

ޗަމްޕާ ބްރަދާސްގެ އެއް ހިއްސާދާރު ކަމަށްވާ އަފީފު ވިދާޅުވި ގޮތުގައި ރިސޯޓް ހަދަން ފެށުމާއެކު ބޭރުގެ މީޑިއާތަކުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. މިފަދަ 100 ޕަސެންޓް ސޯލާ ހަކަތައިން ހިންގާ ރިސޯޓެއް ހެދުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އޭނަ ވިދާޅުވި އެވެ. އަފީފު ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން ގައުމެއްގައި 100 ޕަސެންޓް އިރުގެ ހަކަތައިން ހިންގާ ރިސޯޓެއް ހުރިކަން އެނގި ވަޑައިގެންފައި ނުވާ ކަމަށެވެ. މި ރިސޯޓަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ސޯލާ ޕެނަލްތައް ހަރުކޮށްފައިވަނީ އިޓަލީގެ ކުންފުންޏަކުންނެވެ. މި ސޯލާ ޕެނަލްތަކުން އުފައްދާ ހަކަތަ ބޭނުންކޮށްގެން މި ރަށުގެ އެއާ ކޯންތައް ފިނިކުރަން ބޭނުންކުރާ ހޫނުފެންވެސް އުފައްދަ އެވެ.