ރިޕޯޓް

ބަހާނަތަކުން ނާކާމިޔާބީއެއް ނުފޮރުވޭނެ!

Mar 28, 2017
10

ޒަމާންތަކަކަށްފަހު ހޯމަ ދުވަހު މިވަނީ ރައްޔިތުންގެ މަޖިލީހުގެ ހުތުރު ސިފަ އަނެއްކާވެސް ފެނިފަ އެވެ. ކަރު ބުޑުން ހަޅެއްލެވުމާއި، މޭޒުތަކު މައްޗަށް ކޮޅަށް އެރުމާއި، ރައްޔިތުންގެ ފައިސާ އިން ގަނެފައިވާ މުދަލަށް ގެއްލުން ދިން މަންޒަރު މިފަހަރު ފެނުނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލާގަ އެވެ.

ވޯޓު ނަގަން އޮތް ޖަލްސާ ހެނދުނު ފެށިގެން ދިޔައިރު، އެއްވެސް ހަމަނުޖެހުމެއް ހިނގާނެ ކަމުގެ އެއްވެސް އަލާމާތެއް ނެތެވެ. ފަހަރުގައި ދެ ފަރާތުން ވެސް، ހާއްސަ ގޮތެއްގައި އިދިކޮޅު ޕާޓީތަކުން ވޯޓު ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން ބޮޑުކަމުން ކަމުގައި ސިފަވި އެވެ. ވާހަކަ ދައްކާނެ މެމްބަރަކު ނެތިގެން، ދެ ގަޑިއިރަށް ކަނޑައެޅި ބަހުސް ވެސް އެންމެ 45 މިނެއްޓު ތެރޭގައި ނިންމާލަން ޖެހުނެވެ. އެންމެ އެމްޑީޕީ މެމްބަރަކު ވެސް ބަހުސްގައި ބައިވެރި ނުވުމުން، ޖަލްސާގެ މިސްރާބު ބަދަލުވިކަމުގެ މަލަމަތި ފެނުނެވެ.

ހޫނުވީ، ވަކިވަކި މެންބަރުންނާއި ސުވާލުކޮށްގެން ވޯޓުލުމަށް، ޕީޕީއެމްގެ ޕާލިމަންޓަރީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ހުށަހެޅުއްވި ހިސާބުންނެވެ. ވޯޓު ސިސްޓަމް މެދުވެރިކޮށް ވޯޓަށް އަހައިފިނަމަ، އިލްޒާމުތަކެއް އަޅުވާނެ ކަމުގެ ބިރު އެބައޮތްކަމަށް ވިދާޅުވެ އެވެ. އެ ހުށަހެޅުމުގެ ފަހަތުގައި އޮތް މަގްސަދު އިހްލާސްތެރި ނުވި ނަމަވެސް، ރޯލް-ކޯލް ވޯޓެއް ހަމަ ޔަގީނުންވެސް އޮޅުވައެއް ނުލެވޭނެ އެވެ. އިދިކޮޅު ފަރާތުގައި މިހާރު ހުންނެވި މެންބަރަކަށް ކުރިން ހެއްދެވުނުހެން "އޮޅިގެން" ވަކި ކޮޅަކަށް ވޯޓެއް ވެސް ނުދެއްވޭނެ އެވެ. ކޮންމެ މެމްބަރަކު ވޯޓު ދެއްވަން ބޭނުންފުޅުވާ ގޮތަކަށް، ހަމަ އަޑުހަރުކޮށް ވިދާޅުވާންވީ އެވެ.

ނަމަވެސް، އިދިކޮޅު ފަރާތްތަކަށް އެ ހުށަހެޅުން ގަބޫލެއް ނުކުރެވުނެވެ. މަޖިލީހުގެ ރިޔާސަތު ވަށައިލައިގެން ވޯޓަށް ހުރަސްއެޅީ އެވެ. ރޯލް-ކޯލް ވޯޓެއް ނަގަން ފެނޭތޯ ބެލުމަށް ވޯޓަށް އެހުމުން، ފޯރިގަނޑު ވަކިން ގަދަކޮށްލި އެވެ. ދެން ފެނުނީ އެ ޥޯޓާއި ގުޅިގެން، ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ވޯޓު ރެކޯޑެވެ. މިހާރު ޖަލުގައި ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވެސް ވޯޓު ދެއްވިކަމަށް ފެންނަ ލިސްޓެކެވެ. ނަމަވެސް، ސަރުކާރުން މަޖިލީހުގެ ވޯޓު ސިސްޓަމާއި "ކުޅެ" ފައިވާ ކަމަށް ބުނެ އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދެވި އިރު، އެންމެ އަޖައިބު ކުރަނިވި ކަމަކީ، މަހުލޫފު ވޯޓު "ދެއްވާފައިވަނީ" ރޯލް-ކޯލް ވޯޓާއި ދެކޮޅަށެވެ. ހާޒިރު ނުވެވޭ މެމްބަރެއްގެ ވޯޓު ސަރުކާރުން "އަނބުރާލާނީ" ސަރުކާރާއި އެއްކޮޅަށް ނޫންބާވަ އެވެ؟ އެހެން ކަމުން، ވޯޓު ސިސްޓަމާއި ކުޅެފައިވަނީ ކޮން ބައެއްތޯ ވެސް ސުވާލު އުފެދެ އެވެ.

ކޮންމެއަކަސް، 1.30 ގައި ނަގަން އޮތް ވޯޓު ނުނެގި ދިގުލައިގެން ގޮސް، އެންމެ ފަހުން އިދިކޮޅު 13 މެމްބަރެއްގެ ނަން އިއްވައި ގަދަކަމުން މަޖިލީހުގެ ތަޅުމުން ބޭރު ކުރަންޖެހުނެވެ. ދެން ބާކީ ތިބި އިދިކޮޅު މެމްބަރުން ވޯޓު ބޯއިކޮޓް ކުރައްވައި ނިކުމެވަޑައިގެންނެވީ އެވެ. ވޯޓުގައި ބައިވެރިވި ސަރުކާރުގެ މެމްބަރުން އެއް އަޑަކުން "ނުފެނޭ" ވިދާޅުވެ 48 ވޯޓާއެކު، މަސީހުގެ އިތުބާރު އޮތް ކަމަށް ފާސްވެގެން ޖަލްސާ ނިންމާލި އެވެ.

އެއާ ވިދިގެން، އިދިކޮޅު ހުރިހާ މެމްބަރުން ނިކުމެވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރެއްވި މަންޒަރު ފެނިގެން ދިޔަ އެވެ. ނެގި ވޯޓަކީ މަޖިލީހުގެ ގަވައިދުގެ ބޭރުން ނަގާފައިވާ ގަވައިދާ ހިލާފު ވޯޓެއް ކަމަށާއި ކުއްލިއަކަށް ވޯޓުލާ ގޮތް ބަދަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވި އެވެ. އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވީ ވަކިވަކި މެންބަރުންނާ ސުވާލުކޮށް ވޯޓު ނެގުމަކީ މެންބަރުންގެ މިނިވަންކަން ގެއްލިގެން ދާނެ ކަމެއް ކަމުގަ އެވެ.

އެ ވިދާޅުވަނީ، ވޯޓު ސިސްޓަމްގެ ފިތަކަށް ފިއްތާލުމުގެ ބަދަލުގައި، ސީދާ އަނގަ ބަހުން ވޯޓު ދެއްވުމަކީ، މެމްބަރުންގެ މިނިވަންކަން ގެއްލިދާނެ ކަމެކޭ ހެއްޔެވެ؟ އެ ވިސްނުމުގެ ފަހަތުގައި އެއްވެސް އަސާސެއް ނުވަތަ އޮށްޓަރެއް ހަމަ ހަގީގަތުގައި ވެސް ނެތެވެ. ކުޑަވެސް ޖެހިލުމެއްނެތި ވޯޓު ސިސްޓަމް މެދުވެރިކޮށް މަސީހާއި ދެކޮޅަށް ވޯޓު ދެއްވަން ތައްޔާރަށް ހުންނެވި ސަރުކާރު ފަޅީގެ މެމްބަރަކު، ކޮޅަށް ތެދުވެވަޑައިގެން ހަމަ އެގޮތަށް އަނގަ ބަހުން "ފެނޭ" ވިދާޅު ނުވެވޭނެ ސަބަބެއް، ހަމަ އެއްގޮތަކަށް ވެސް ނުވިސްނެ އެވެ.

އެއް ފަހަރު ވޯޓު ސިސްޓަމާއި ސަރުކާރުން ނުފޫޒު ފޯރުވާފައޭ ވިދާޅުވެ، އަނެއް ނޭވާގައި، ރޯލް-ކޯލް ވޯޓެއް ނޫނޭ، ވޯޓު ސިސްޓަމް މެދުވެރިކޮށް ވޯޓު ނެގިނަމަ ކާމިޔާބު ކުރެވުނީހޭ ވިދާޅުވީމަ އެއްވެސް ވަރަކަށް ދެކޮޅެއް ނުޖެހެ އެވެ.

މިހާ ތާކުންތާކު ނުޖެހޭ ބަހާނާތަކެއް ދެއްކެވީމަ ހާމަވަނީ އެންމެ ހަގީގަތެކެވެ. ހީކުރެވުނު ވަރަށް މެމްބަރުން އަނބުރާ ނުލެވުމުން، ނަން އިއްވުމަށް މަޖުބޫރުކޮށް، ރޯލް-ކޯލޭ ވޯޓު ސިސްޓަމޭ ކިޔައިގެން ވޯޓުގައި ބައިވެރިނުވި ކަމެވެ. އެއާ ހިލާފަށް، ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް ވޯޓުގައި ބައިވެރިވެ، ނާކިމިޔާބީ އާއި ކުރިމަތިލައްވައި، ފަހުން ވިދާޅުވި ގޮތަށް، "މިއީ އަދި ފެށުމެކޭ، އަދިވެސް މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލަ ވައްދާނަމޭ" ވިދާޅުވި ނަމަ، ރައްޔިތުންގެ ކުރިމަތީގައި އެބޭފުޅުންގެ އިއްޒަތާއި ގަދަރު ހިފެހެއްޓުނީހެވެ.