ރައްޔިތުން މަޖިލީހުގައި މިއަދު ހިނގި އެއްތައް ހަމަނުޖެހުމުގެ ތެރެއިން މީހުން ފާހަގަކޮށް ބޮޅު އެޅި ބައިވަރު ކަންކަން ހުއްޓެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވުނު އެއްކަމަކީމައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ގާނޫން އަސާސީގެ މައްޗައް ފައިން އެރުއްވުމެވެ. ސޯޝަލް މީޑިއާގައި މިހާރު ވެސް ވަނީ އެ މައްސަލަ ހޫނުވެ، މާރިޔާގެ ގަޔަށް ހޫނުފެން އެޅިފައެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ނިންމެވި އުސޫލާ މެދު ހިތްހަމަނުޖެހިގެން އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކޮށް، ހަމަނުޖެހުން ހިންގަން ފެށި އިރު އެންމެ ގަދަ އަޑުން ހަޅޭއްލެވި އެއް ބޭފުޅަކީ މާރިއާ އެވެ. މަޖިލީސްގެ މަންޒަރުތައް ޓީވީން ދައްކަމުން ދިޔަ ލައިވް ފީޑު ވަނީ ކަނޑައިލި އިރުވެސް އިވެމުން ދިޔައީ އެކަމަނާގެ އަޑެވެ.
މަންޒަރު ކެނޑިފައި ވަނިކޮށް އެ ވަގުތު މަޖިލީހުގެ ތަޅުމުގައި ތިއްބެވި މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކާއި ކަންކަން ސޯޝަލް މީޑިއާ ފޮޓޯތަކާއި ވީޑިއޯތަކުން ހިއްސާވެގެން އައިރު މަޖިލީހުގެ މޭޒެއްގެ މަތީގައި އޮތް ގާނޫން އަސާސީއެއްގެ މައްޗައް މާރިޔާ ފައިން އަރައިގެން ހުންނަވައި އިހުތިޖާޖު ކުރެއްވި ފޮޓޯތަކެއް ވެސް ވަނީ ސޯޝަލް މީޑިއާގައި ފެތުރިފަ އެވެ. އަދި އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފަ އެވެ.
"ހޫނުފެން މިއޮތީ އެޅިފައި، މި ކަމަނާ މިހުންނެވީ މާތް ﷲ ގެ އިސްމުފުޅުވެސް ލިޔެފައިވާ ގާނޫނު އަސާސީއަށް ފައިން އަރުއްވައިގެން" މީހަކު ޓްވީޓް ކޮށްފައިވެއެވެ.
އެއްބަޔަކު ބުނާ ގޮތުން ގާނޫން ހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން އަދި ގާނޫނީ ވަކީލަކު އެ ގާނޫން އަސާސީއަށް ފައިން އެރުމަކީ އޭގެ ހުރުމަތް ކަނޑައިލި ގަދަރު ކުޑަ، ހުތުރުވެގެންވާ އަމަލެކެވެ. އަދި އެއީ ހެދިފައި ހުރި ގާނޫނާއި ގަވައިދުތަކަށް އިދިކޮޅު މެންބަރުން އަމަލު ކުރަމުންދާ ގޮތް ހާމަވާ ފޮޓޯ އެއް ކަމަށް ވެސް ބުނެ އެވެ. އަދި އެ އަމަލުގެ ސަބަބުން އެމްޑީޕީއަށާއި އެ ޕާޓީގެ ހިޔާލަށް ތާއީދު ކުރައްވައިގެން ހުންނެވި ރައީސް މައުމޫނަށް ވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެ އެވެ.
މިކަމާ ގުޅޭގޮތުން ބަހެއް ހޯދުމަށް މާރިޔާގެ ފޯނަށް ގުޅި ނަމަވެސް އެކަމަނާ ޖަވާބެއް ނުދެއްވަ އެވެ.
ފެހި ގާނޫން އަސާސީއަކީ 2008 ވަނަ އަހަރު ވުޖޫދަށް ގެނައި ގާނޫން އަސާސީ އެކެވެ. މިގާނޫނު އަސާސީއަށް ފައިން އެރި މަންޒަރެއް މިކަހަލަ މަންޒަރެއް މީގެ ކުރިން ނުފެނެއެވެ.