ރިޕޯޓް

ސިޔާސީ ބޮޑު އިމްތިހާނުގައި މިކުރީ ކޮންކަމެއް؟

އިއްޔެ ނިމިގެން އެ ދިޔައީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި ސަރުކާރުގެ ކޯލިޝަން މެންބަރުންނާއި އިދިކޮޅު ކޯލިޝަންގެ މެންބަރުންގެ ތެރޭގައި މިހާތަނަށް އައި އެންމެ ބޮޑު ސިޔާސީ އިމްތިހާނެވެ. ފެންނާނެ ކަމަށް އުންމީދު ކުރި ކަންކަމާއި ދުވަހަކުވެސް ފެންނާނެ ކަމަށް އުންމީދު ނުކުރާ ފަދަ ބައެއް ކަންކަން ހިނގި އެވެ. އެކަމުގައި އުޅުއްވީ ރައްޔިތުން ތަމްސީލު ކުރައްވާ މެންބަރުންނެވެ. ރައްޔިތުން މަޖިލީހުގެ ތެރޭގައި އިއްޔެ ހިނގައި ދިޔައީ ސިޔާސީ "ބޮޑު ހަނގުރާމަ" ނިމިގެން ދިޔައީ މިހާތަނަށް ވެސް މަޖިލީހަށް ހުށަހެޅޭ އެހެން މައްސަލަތަކާއި ބިލުތައް ނިމޭ ގޮތަށް ސަރުކާރުގެ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕުގެ މެޖޯރިޓީން ވޯޓު ދިން ކޮޅަށެވެ.

އޭގެ ދުވަސްކޮޅެއް ކުރިން ކަން ހިނގައި ދިޔަ ގޮތަށް ބަލާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސަރުކާރަށް ކުރައްވާ ތާއީދު އަންބުރާ ގެންދިޔަ ހިސާބުން ފެށިގެން ހިޔާލުތައް އެއްގޮތްކޮށް އިދިކޮޅު ހުރިހާ ފަރާތްތައް ގުޅިގެން ހިފި އެންމެ ބޮޑު އެއް އަމާޒަކީ ރައްޔިތުން މަޖިލީހުގެ އަޣުލަބިއްޔަތު ހޯދާ އެ މަޖިލީހުގެ ރައީސް ކަމުން މަސީހު ދުރުކުރުމުގެ މަސައްކަތެވެ.

ރައީސް މައުމޫންއާއި، ރައީސް މުހައްމަދު ނަޝީދާއި، ގާސިމް އިބްރާހިމް އަދި އިމްރާން އަބްދުﷲ ގުޅިގެން މަސައްކަތް ކުރުމަށް ގަރާރެއް ގައި ސޮއި ކުރެއްވި އެވެ. އަދި "ފުރިހަމަ އަގުލަބިއްޔަތު ލިބިއްޖެ" ކަމަށް ބުނެ މަސީހާ ދެކޮޅަށް ދެވޭނެ އެންމެ ވަރުގަދަ ހަމަލާ ފޮނުވާލި އެވެ.

"މިއީ ނިމިފައި އޮތް ކަމެއް. މިކަމުގައި އެއްވެސް ޝައްކެއް ނެތް. އަޅުގަނޑުމެން މިތިބީ ގާނޫނުއަސާސީގެ ހިމާޔަތުގައި މަސީހުގެ އިތުބާރު ނެތް މައްސަލަ ފާސް ކުރަން ތައްޔާރަށް. އަދި އަޅުގަނޑުމެން މަޖިލީހަށް ވަންނާނީ ވެސް ފުރިހަމަ އަގުލަބިއްޔަތާ އެކުގައި،" އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ނަމަވެސް 27 ވަނަ ދުވަހުގެ ޖަލްސާ ފެށިގެން ދިޔައިރު އިދިކޮޅު ފަރާތްތަކުގެ އަމަލުތައް ހުރީ އޭރު ހަރު އަޑުން ގޮވަމުން އައި ގޮތާ މުޅިން ހިލާފަށެވެ. ޖަލްސާ ފެށިނީއްސުރެ ނިމެންދެއް އިދިކޮޅު ފަރާތްތަކުގެ އަމަލުތަކާއި އަމާޒު ހުރީ މަސީހު ބޭރު ކުރުމާ ދިމާލަކަށް ނޫން ކަން ވަރަށް ބޮޑަށް ފާހަގަވެ އެވެ. އިއްޔެގެ އެ ހަލަބޮލިކަމުން ފަހަތަށް ދެތިން ފިޔަވަޅެއް އެޅުމަށް ފަހު މުޅި ޖަލްސާ ހިނގައި ދިޔަ ގޮތަށް ބަލާލައިފި ނަމަ މި މަންޒަރު ވަރަށް ސާފު ވާނެ އެވެ.

ފުރަތަމަ ކަމަކަށް މަސީހުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދީ 26 މެންބަރުންގެ ވޯޓާއެކުގަ އެވެ. އެހެންކަމުން ޖަލްސާ ތެރޭގައި ހޫނު ބަހުސްތަކާއި ވަރުގަދަ ހަމަލާތަކެއް ދެ ފަރާތައް އަންނާނެ ކަމަށް ތިބީ ހީކޮށްގެނެވެ. އެއް ސަބަބަކީ ސިޔާސީ ޕޯޑިއަމްތަކުގައި މަސީހުގެ މައްސަލަތައް ގުނާ އަދަދު ނުކުރެވޭ ވަރަށް އިދިކޮޅު މެންބަރުން ފާހަގަކޮށްފައިވާތީ އެވެ. ނަމަވެސް ފާރިސް ހުށަހެޅި ގަރާރަށް ބަހުސް ކުރުމުގެ ފުރުސަތު ރިޔާސަތުން ހުޅުވާލުމުން އިދިކޮޅު މެންބަރުންގެ ފަރާތުން ވާހަކަ ދެއްކެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްއާއި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމެވެ. -- ފުރުސަތަށް އެދިވަޑައިގެންނެވި ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެން އަރީފްއާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދަށް އެ ފުރުސަތު ނުލިބުނީ ޕާޓީން ވަކިކޮށްފައި ތިއްބެވުމުންނެވެ.

ސުވާލަކީ މަސީހު ބޭރު ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވާނެ ކަމަށް ވިދާޅުވި ބާކީ ތިބި ހުރިހާ އިދިކޮޅު މެންބަރުން ކޮބާ ހެއްޔެވެ؟ މިއީ އެ ފަރާތްތަކުގެ އަމާޒު ހުރީ މަސީހު ބޭރު ކުރަން ނޫން ކަމުގެ ހެއްކެކެވެ.

އިދިކޮޅު ފަރާތްތަކުން އޭރު ވިދާޅުވި "ފުރިހަމަ އަގުލަބިއްޔަތު" އޮތް ނަމަ ވަރުގަދަ ބަހުސްއަކަށް ފަހު ވަރަށް ފަސޭހަ ކަމާއެކު ސީދާ މަސީހު ބޭރުކޮށްލެވުނީ އެވެ. ނަމަވެސް ބަހުސްގެ ފުރުސަތު ދޫކޮށްލެވުމަށް ފަހު ހަތަރު ގަޑިއިރަށް ފަހު ޖަލްސާ ފެށުން ހިސާބުން ދެން މީޑިއާތަކުގައި ދައުރުވާން ފެށީ ޖަލްސާއާ ލާން އުޅޭ ވޯޓުގެ ސައްހަ ކަމާ މެދު ތުހުމަތުތަކެކެވެ.

ރޯލް ކޯލް ވޯޓަކަށް ނުވަތަ ވަކިވަކި މެންބަރުން ކައިރިން އަހައިގެން ވޯޓަކަށް ދިޔުމަށް މެންބަރު ނިހާން ހުށަހެޅި މައްސަލައާ މެދު ގޮތެއް ނިންމެވުމަށް ނެގި ވޯޓުގައި ޖަލުގައި ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އާއި ރިޔާސަތުގައި ހުންނެވި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވޯޓު ދެއްވިކަމަށް ބުނާ ގަނޑުތަކެއް ދައުރުވާން ފެށި އެވެ.

"މަހުލޫފްއާއި މޫސަ ވޯޓުގައި ބައިވެރިވި ކަމަށް އެ ނަތީޖާއިން ދެއްކީ ކީއްވެގެން ކަން އެވަގުތު އެތަނުގައި ތިބި ހުރިހާ މެންބަރުންނަށް ވެސް އެނގޭ. ވަށައިގެން ކެމެރާތައް ހުރީ. ތިބޭފުޅުން ބެއްލެވީމަ ވަރަށް ރަނގަޅަށް އެނގޭނެ މަހުލޫފްގެ މޭޒު ކައިރީ އިންނެވި މެންބަރާއި މޫސަގެ މޭޒު ކައިރީ ތިންނެވި އިދިކޮޅު މެންބަރުން ކުރެއްވި ކަންކަން. އެހެންވެ އޭރު ވެސް އަޅުގަނޑު ބުނީ ވޯޓާ ކުޅެ ނަތީޖާ އޮޅުވާލަން އިދިކޮޅު ފަރާތްތަކުން އެބަ މަސައްކަތް ކުރެޔޭ. އެހެންވެ ހުށަހެލީ ރޯލް ކޯލް ވޯޓަކަށް،" އެ ތުހުމަތުތަކަށް ރައްދު ދެއްވަމުން ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވި އެވެ.

ކުއްލިއަކަށް ފެތުރެން ފެށި މިފަދަ އަޑުތައް ފެތުރެމުން ދިޔަ ހިސާބުން ވެސް ޖަލްސާއަށް ފޯކަސްކޮށް މަސީހު ބޭރު ކުރަން މަސައްކަތް ކުރި މަންޒަރެއް އިދިކޮޅު ފަރާތްތަކުގެ އަމަލުތަކުން ނުފެނުނެވެ. އަދި ވޯޓުގެ ސައްހަ ނޫން ކަމަށް ފެތުރުނު ވާހަކަތައް ވެގެން ދިޔައީ މަޖިލީހުގައި ހަމަނުޖެހުން ހިންގާ ވޯޓު ކުރިޔަށް ނުގެންދެވޭނެ ގޮތް ހެދުމަށް ކޮށިގެން ދިޔަ މަގަކަށެވެ. އެގޮތުން މޭޒު މައްޗައް އަރާ ހަޅޭއްލަވާ އަޑުގަދަކޮށް މަޖިލީހުގެ ނިޒާމް ނަގާލާ ހަޅުތާލު ކުރަން ފެށި އެވެ. މަސީހުގެ މައްސަލާގައި ގޮތެއް ނުނިންމި އޭގެ ތިން ގަޑި އިރު ފަހުން ވޯޓަށް އަހަން ފެށުމާއެކު އިދިކޮޅު ހުރިހާ މެންބަރުން މަޖިލީސް ދޫކޮށް ނިކުމެ ވަޑައިގަތެވެ.

އެކަމުގައި އިދިކޮޅު ފަރާތްތަކުން ކުރާ ބޮޑު ޝަކުވާއަކީ ވަކިވަކިން މެންބަރުން ކައިރީ އަހަން ވޯޓަށް ނުނެގޭނެ ކަމަށާއި އެކަމަށް މަޖިލީހުގެ ގަވައިދުން ތަން ނުދޭ ކަމަށެވެ. މައްސަލައެއް ނެތެވެ. މިސާލަކަށް ތަން ނުދިން ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔަ ފުރިހަމަ އަގުލަބިއްޔަތާއި ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ނަމަ އެގޮތަށް ވޯޓަކަށް ނުދާންވީ ސަބަބެއް ނެތެވެ. އަދި މާ ހާމަކަން ބޮޑު ގޮތަކަށް މަސީހު ބޭރު ކުރުމުގެ ފުރުސަތު ލިބުނީ ނޫންތޯ އެވެ؟

މި ހުރިހާ ކަމަކަށް ބަލާއިރު އެއްކަމެއް ވަރަށް ސާފު ވެއްޖެ އެވެ. މަސީހު ދުއްވާލެވޭނެ ކަމަށް ކިތަންމެ ވަރަކަށް ބުނަމުން އައި ނަމަވެސް އެކަން ކުރެވޭކަށް ނެތް ކަން ހުދު އިދިކޮޅު ފަރާތްތައް ވެސް އެނގެ އެވެ. އަދި އެ ވޯޓު ކާމިޔާބު ނުވާނެކަން އިނގި ހުރެ "ޕްލޭން ބީ" އެއް ގޮތުން އިއްޔެގެ ބޮޑު ޖަލްސާގައި މަޖިލީހުގެ ކަރާމަތް ނަގާލާ ސަރުކާރު ޕާޓީތަކުގެ ބޮލުގައި ދޮގު އިލްޒާމްތަކެއް އެޅުވުމެވެ.

ސުވާލަކީ މަސީހުގެ އިތުބާރު ނެތް ކަމަށް ބުނެ ކާމިޔާބު ނުވާނެ މައްސަލައެއް މަޖިލީހަށް ހުށަހަޅާ ފަހު ވަގުތާ ހަމަޔަށް ކާމިޔާބު ވާނެ ކަމުގެ ދަޅަ ރައްޔިތުންނަށް ދެއްކީ ކީއްވެގެން ހެއްޔެވެ؟ އަދި ބޮޑު ލަދެއްގައި ބެދޭނެކަން އެނގި ހުރެ އެ ހުރިހާ ކަމެއް އިދިކޮޅު ފަރާތްތަކުން ކުރީ ކީއްވެގެން ހެއްޔެވެ؟ ބޭނުންވަނީ ކޮން ކަމެއް ހާސިލް ކުރަން ހެއްޔެވެ؟

"ރިޔާސީ އިންތިހާބު ކައިރި އެބަ ވޭ. އިދިކޮޅު ފަރާތްތައް ބޭނުންވެފައި ހުރީ ބޮޑު ސަމާލު ކަމެއް. މައުމޫންއާ ނަޝީދު ގުޅިއްޖެ. މަސީހު ބޭރުވާނެ ކަމުގެ ދަޅަ ދައްކައިފި. މުޅި ރާއްޖޭގެ ލޯ މި މައްސަލައަށް ހުއްޓުވައިފި. އިދިކޮޅު ފަރާތްތަކުގެ އަޑުވެސް ގަދަ ވާނެކަން ދައްކައިފި. ބޭރުގެ ސަމާލުކަން ހޯދައިފި. އެއީ އެއް މަގްސަދަށް ވެދާނެ. އެގޮތަށް ބަލާނަމަ އިދިކޮޅު ފަރާތްތަކަށް ބޭނުންވީ ކަން ހާސިލް ކުރެވިއްޖެ. ނަމަވެސް އެ މަޅީގައި ޖެހުނީ ސަރުކާރެއް ނޫން. ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއަށް ވެއްޓުނީ މުޅި ގައުމު،" ނަން ހާމަ ނުކުރައްވަން ޝަރުތުކޮށް ރައީސް ނަޝީދުގެ ވެރިކަމުގައި ސަރުކާރުގެ އިސް ސިޔާސީ މަގާމެއް އަދާކުރެއްވި މީހަކު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ މަސީހުގެ މައްސަލަ އަދިވެސް ހުށަހެޅުމަށް ނިންމާފަ އެވެ. ގައުމު އިއްޔެ އޮތް ހަލަބޮލި ކަމުގެ ތެރޭގައި އިތުރަށް ބޭތިއްބުމަށް ކަމަށް ވެދާނެ އެވެ. ނަމަވެސް އިދިކޮޅު ހަތަރު ލީޑަރުން އެއްކޮށް މަސައްކަތް ކުރުމުގައި ކިހާ ދުވަހަކު ދެމި ތިބޭނެ ކަމާ މެދު ސުވާލު އުފެދެ އެވެ. ފާރިސް މައުމޫން ކުރިޔަށް ނެރުއްވައިގެން އެމްޑީޕީއަށް އަނދަވަޅު ގަނޑަކާ ދިމާލަށް ދެވޭކަން ނޭންގެނީ ހެއްޔެވެ؟ -- އެކަމާ ގުޅޭ ރިޕޯޓެއް ވަރަށް އަވަހަށް ލިޔާނަމެވެ.

ކޮންމެއަކަސް ސަރުކާރުން ވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކިތަންމެ ވަރަކަށް ވެއްދިޔަސް ބޭރުކޮށްލާނެ ކަމަށް ބުނެފަ އެވެ. އަދި އަންނަ މަހު 11 އަށް ތާވަލުކޮށްފައިވާ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަވެސް ނާކާމިޔާބުކޮށްލާނެ ކަމަށް ވެސް ސަރުކާރު މެންބަރުން ވިދާޅުވެ އެވެ.