ހަބަރު

އުސޫލާ އެއްގޮތަށް އަމަލުކުރާ ނަމަ ނޫސްވެރިން ހައްޔަރުވާކަން ނުޖެހޭނެ: ޝަހީބް

Mar 26, 2015
1

ނޫސްވެރިން ޕްރޮފެޝަނަލްކަމާ އެކު ހަރަކާތެރިވެ، ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލުކުރާ ނަމަ ހައްޔަރުވާން ނުޖެހޭނެ ކަމަށް  މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) ގެ ރައީސް މުހައްމަދު ޝަހީބު މިއަދު ވިދާޅުވެއްޖެ އެވެ.

ޝަހީބު ވިދާޅުވީ ބައެއް ނޫސްވެރިން ޕްރޮފެޝަނަލް މިންގަނޑުން ބޭރުވެ، އެކްޓިވިސްޓުންގެ ގޮތުގައި ހަރަކާތްތެރިވާކަން ފާހަގާ ކަމަށާއި އެކަން ހުއްޓާލައި، ޕްރޮފެޝަނަލް ވުމަށް ގޮވާލާ ކަމަށެވެ.

ރާއްޖެ ޓީވީގެ ދެ ނޫސްވެރިއަކު ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރު ކޮށްފައި ވާތީ، އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުން ޝަހީބު ވިދާޅުވީ އެއްވެސް ސަބަބަކާ ހުރެ، ނޫސްވެރިއަކު ހައްޔަރު ވުމަކީ ކޮމިޝަންގެ ކަންބޮޑުވުމެއް ކަމަށެވެ. ޝަހީބު ވިދާޅުވި ގޮތުގައި ބްރޮޑްކާސްޓިން ކޮމިޝަނުން އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް މުޒާހަރާތައް ކަވަރު ކުރުމުގައި ނޫސްވެރިން އަމަލު ކުރާނަމަ، ހައްޔަރުވާކަށް ނުޖެހޭނެ އެވެ. އަދި ފުލުހުންގެ ޒިންމާޔަށް ހުރަސް ނާޅައި، ނޫސްވެރިން އެ މީހުންގެ ޒިންމާ އަދާކުރުމުގައި މިހާރަށް ވުރެ ޒިންމާދާރުވުމަށް ޝަހީބު ގޮވާލެއްވި އެވެ.

"އެކި އެކި އެއްވުންތަކާއި މުޒާހަރާތައް ކަވަރު ކުރަން އުޅޭ ނޫސްވެރިން އެއްވެސް ސަބަބަކާ ހުރެ ހައްޔަރު ވުމަކީ މި ކޮމިޝަނުން ކަންބޮޑުވާ ކަމެއް. އަދި ފުލުހުންގެ އެންގުންތަކަށް ކިޔަމަން ނުވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅައި އެކްޓިވިސްޓުންގެ ގޮތުގައި ބައެއް ނޫސްވެރިން ހަރަކާތްތެރިވުމަކީ މާ ކަންބޮޑުވާކަމެއް. އެހެންވެ، މިކަން ވަގުތުން ހުއްޓާލަން އަޅުގަނޑު އިހުލާސްތެރިކަމާ އެކު ހުރިހާ ނޫސްވެރިންނަށް ގޮވާލަން،" ޝަހީބު ވިދާޅުވި އެވެ.

މުޒާހަރާތައް ކަވަރު ކުރުމުގައި ނޫސްވެރިންނަށް ފުލުހުން ފުރުސަތު ދޭކަން ފާހަގަ ކުރައްވަމުން ޝަހީބު ވިދާޅުވީ، ނޫސްވެރިން ވެސް ފުލުހުން ކަޑައަޅައި އުސޫލުތަކަށް ތަބާވާން ޖެހޭނެ ކަމަށެވެ. އަދި ފުލުހުން ނޫސްވެރިންނަށް ތަނަވަސްކޮށްދޭ ފުރުސަތުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އެ ކަންތައްތައް އެހެން ގޮތަކަށް އަނބުރާލުމަށް ނޫސްވެރިން މަސައްކަތް ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ޝަހީބު ވިދާޅުވި އެވެ. އޭނާ އަދި ގޮވާލެއްވީ ބްރޮޑްކާސްޓް ކުރާ ކޮންޓެންޓް ވެސް ނޫސްވެރިކަމުގެ އެތިކްސްއާ ހިލާފު ނުވާ ގޮތަކަށް ބެހެއްޓުމަށެވެ.

"ފުލުހުންނަށް އެބަ އޮވޭ ގާނޫނުތަކުން ވަކި ސަރަހައްދެއް ކޯޑަންކޮށް އެއްވެސް ބަޔަކަށް އެ ސަރަހައްދަކަށް ނުވަދެވޭ ގޮތަށް ހެދުމުގެ ބާރު. އެކަން އެހެން އޮއްވައިވެސް ނޫސްވެރިންނަށް ފުރުސަތު އެބަދޭ ފުލުހުން. އެހެން ވީމާ ފުލުހުން މި ގެންދަނީ ނޫސްވެރިންނާ ގުޅިގެން އަދި އެ މީހުންނަށް ފުރުސަތު ދީގެންކަމަށް ގަބޫލު ކުރަން،" ޝަހީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުގައި ނޫސްވެރިއަކު ހައްޔަރުކުރުމުން އެ މައްސަލައެއް، ކޮމިޝަނުން ނުބަލައި ކަމަށް ޝަހީބު ވިދާޅުވި އެވެ. އަދި އެއީ ޖިނާއީ މައްސަލައަކަށް ވުމުން އެކަން ބަލާނީ ފުލުހުން ކަމަށް ވެސް ޝަހީބު ވިދާޅުވި އެވެ. ނަމަވެސް ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ބަލައި އެކަންކަމަށް ހައްލު ހޯދައިދިނުމުގައި ކޮމިޝަނުން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.