ހަބަރު

މީޑިއާ އޮފިސަރުންނަށް އަމާޒުކޮށް ތަމްރީނު ޕްރޮގްރާމެއް

މީޑިއާ އޮފިސަރުން ތަމްރީނު ކުރުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަން "ޝަހީބު މީޑިއާ" އިން ނިންމައިފި އެވެ.

އޮފީސްތަކާއި ކުންފުނިތަކާއި އެހެނިހެން މުއައްސަސާތަކުގައި މީޑިއާ އޮފިސަރުންގެ ވަޒީފާ އަދާކުރާ މީހުންގެ އިތުރުން އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގެ މީޑިއާ އޮފިސަރުންނަށް އަމާޒުކުރާ މި މަސައްކަތު ބައްދަލުވުން ބާއްވަނީ މި މަހުގެ 23 އިން 29 އަށެވެ.

މީޑިއާ އޮފިސަރަކަށްވާން ޝައުގުވެރިވާ ފަރާތްތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮވެ އެވެ.

ޝަހީބު މީޑިއާގެ ސީއީއޯ މުހައްމަދު ޝަހީބު ވިދާޅުވީ މީޑިއާ އޮފިސަރުންނަށް އަމާޒުކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ވޯކްޝޮޕެއްގެ ގޮތުގައި ބާއްވާ މި ތަމްރީނު ޕްރޮގްރާމުގައި މުހިންމު ބައިތަކެއް ހިމަނައިފައިވާނެ ކަމަށާއި އޭގެ ތެރޭގައި ހަބަރު ދެނެގަންނާނެ ގޮތާއި، ހަބަރު ލިޔާނެ ގޮތާއި މީޑިއާ އޮފިސަރުގެ ޒިންމާ އާއި ދައުރާއި، ކާމިޔާބު މީޑިއާ އޮފިސަރެއްގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ސިފަތައް ދަސްކޮށްދޭނެ ކަމަށެވެ.

އަދި މީޑިއާއާއެކު މަސައްކަތްކުރުމުގެ މުހިންމުކަމާއި އޮފީހުގެ ތަސައްވުރު ރަނގަޅު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި މީޑިއާގައި މައްސަލައެއް ފެންމަތިވުމުން ހައްލު ކުރާނެ ގޮތްތަކާއި މީޑިއާއަށް މައުލޫމާތު ދިނުމާއި މީޑިއާއާ ގުޅުން ބަދަހި ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް މި ތަމްރީނު ޕްރޮގްރާމުގައި މައުލޫމާތު ދޭނެ އެވެ.

"ގިނަ އޮފީސްތަކާއި ކުންފުނިތަކުގައި މީޑިއާ އޮފިސަރުން ތިބޭ. ނަމަވެސް އޭގެ ތެރެއިން ބައެއް ފަރާތްތަކަކީ މީޑިއާއާ ގުޅޭ މިފަދަ ތަމްރީނެއް، ތަޖުރިބާއެއް ނެތި މަސައްކަތްކުރާ ފަރާތްތަކެއް. ކާމިޔާބުކަމާއެކު މި ވޯކްޝޮޕް ފުރިހަމަ ކުރުމުން، ވަރަށް ގިނަ މައުލޫމާތުތަކެއް ލިބި، މުވައްސަސާގެ ތަސައްވަރު ރަނގަޅުކޮށްގެން މަސައްކަތުގައި ކުރިއަށްދާން ވަރަށް އަލި މަގުތަކެއް ކޮށިގެންދާނެ" ކުރިން ބްރޯޑްކޮމްގެ ރައީސް ކަމާއި "ހަވީރު" އޮންލައިނާއި "ހުވާސް" މަޖައްލާގެ އެޑިޓަރު ކަން ކުރެއްވި މުހައްމަދު ޝަހީބު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ މީޑިއާ އޮފިސަރަކަށްވާން ޝައުގުވެރިވާ ފަރާތްތަކަށް ވެސް މިއީ ވަރަށް މުހިންމު ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ.

މި މަސައްކަތު ބައްދަލުވުމުގައި ލެކްޗާތައް ދެއްވަނީ މީޑިއާގެ ދާއިރާ އިން ގައުމީ އިނާމު ހާސިލް ކުރައްވައިފައިވާ ތަޖުރިބާކާރުންނެވެ. އޭގެ ތެރޭގައި ޝަހީބުގެ އިތުރުން އަވަސް އޮންލައިންގެ ޗީފް އެޑިޓަރު މުންޑޫ އާދަމް ހަލީމާއި ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ "ވަން" އޮންލައިންގެ ސީއީއޯ އަދި އެޑިޓަރު ސިނާން އަލީ ހިމެނި ވަޑައިގަންނަވަ އެވެ.

އަދި ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ މައްޗަށް ގާނޫނީ ނަޒަރަކުން އަލިއަޅުވާލައްވައި ހާއްސަ ލެކްޗަރެއް ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ދެއްވާނެ އެވެ.

ހަތް ދުވަހަށް ކުރިޔަށް ގެންދާ މި މަސައްކަތު ބައްދަލުވުން ބާއްވަން ހަމަޖައްސާފައި ވަނީ ރޭގަނޑު 8:30 އިން 11:00 އަށެވެ. އަހުމަދިއްޔާ ސްކޫލްގަ އެވެ. ފީއަކީ 2،500ރ. އެވެ.

މި މަސައްކަތު ބައްދަލުވުމުގައި ދެނީ މަދު އަދަދެއްގެ ޖާގަ ކަމަށްވާތީ، ފުރުސަތު ލިބޭނީ "ޝަހީބު މީޑިއާ" ގެ ހޮޓްލައިން 9934333 އަށް ނަމާއި އައީޑީކާޑު ނަންބަރު ފޮނުވައިގެން އެންމެ ފުރަތަމަ ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

ޝަހީބު މީޑިއާއަކީ ނޫސްވެރިންގެ ތަމްރީނު ޕްރޮގްރާމްތަކެއް 2010 އިން ފެށިގެން ބާއްވަމުން އަންނަ ފަރާތެކެވެ. މީގެ ކުރިން ވަނީ ތަފާތު ކޯސްތައް ހިންގައިފަ އެވެ. މިގޮތުން، މާލެ އާއި އައްޑޫގެ އިތުރުން ކުޅުދުއްފުށީގައި ވެސް ވަނީ ނޫސްވެރިކަމުގެ ތަފާތު ކޯސްތައް ހިންގައިފަ އެވެ.