މުހައްމަދު ޝަހީބު

ޒިންމާދާރު މީޑިއާ އަކަށް ފަހިވާގޮތަށް އަވަހަށް ގާނޫނުތައް ބަދަލުކުރުން މުހިންމު: ޝަހީބު

May 3, 2015

ޒިންމާދާރު މީޑިއާ އަކަށް މަގުފަހިވާގޮތަށް ވީއެންމެ އަވަހަކަށް ގާނޫނުތަކާއި ގަވައިދުތައް ބަދަލުކުރުން ވަރަށް މުހިންމު ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ރައީސް މުހައްމަދު ޝަހީބު ގޮވާލައްވައިފި އެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ފާހަގަކުރާއިރު "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ މަޝްހޫރު ނޫސްވެރިޔާ ވިދާޅުވީ އިންސާނީ ކަރާމާތަށްވުރެ މުހިންމު އެއްވެސް ކަމެއް ނެތް ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ޒިންމާދާރުކަން އެނގިތިބޭ ބަޔަކު ބިނާ ކުރަން މީޑިއާގެ ފަރާތްތަކަށް ތައުލީމާއި ތަމްރީނުގެ ފުރުސަތުގެ މިހާރަށްވުރެ ފުޅާކުރަން ރާއްޖެއަށް ވަރަށް ބޭނުންޖެހިފައިވާ ކަމަށެވެ.  

"އަޅުގަނޑުމެން މި ކުރާ ކަމަކީ އިންސާނީ ކަރާމާތް ހިމާޔަތް ކުރުމާއި އިންސާނާ އަށް ޚިދުމަތްކުރުން. އިންސާނީ ހައްގުތަކުގެ މާނަ އަކީ އެއީ. އިންސާނީ ކަރާމާތަށްވުރެ މުހިންމު އެހެން ކަމެއް ނެތް. މީޑިއާ އަކީ އިންސާނާގެ ޝަހުސިއްޔަތު ކަތިލައި، އިންސާނީ ކަރާމާތް ނަގާލާ އެއްޗަކަށް ވެގެން ނުވާނެ. މީޑިއާ އަކީ އިންސާނީ ކަރާމާތަށްވުރެ ބާރު އެއްޗަކަށް ވެގެންނުވާނެ،" ޝަހީބު ވިދާޅުވި އެވެ.

ޝަހީބު ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން މީޑިއާގައި ނަހަމަ ގޮތުގައި ހިފައި ގައުމު ފަސާދަކޮށް ސުންނާފަތިކުރަން ފުރުސަތު ދެވިގެންނުވާނެ ކަމަށާއި ހުރިހާ އެއްޗަކީ މީޑިއާގެ މިނިވަންކަން ކަމަށް ވެސް ވެގެން ނުވާނެ ކަމަށެވެ.

"މީޑިއާގައި ނަހަމަ ގޮތުގައި ހިފައިގެން، ގައުމު ފަސާދަކޮށް ސުންނާފަތިކޮށްލުމަށް ފުރުސަތު ދެވިގެންނުވާނެ. ހުރިހާ އެއްޗަކީ މީޑިއާގެ މިނިވަންކަން ކަމުގައި ވެގެން ނުވާނެ،" ޝަހީބު ވިދާޅުވި އެވެ. "މީޑިއާ އަކީ ޒިންމާދާރު މީޑިއާ އަކަށް ވެސް ވާންޖެހޭނެ. މިނިވަން، ޒިންމާދާރު މީޑިއާ އަކަށް މަގުފަހިވާގޮތަށް ގާނޫނުތަކާއި ގަވައިދުތައް ވީ އެންމެ އަވަހަކަށް ބަދަލުކުރުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެން ދެކެން،"

ޝަހީބު ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ރަނގަޅު ޚިޔާލާއި ބިނާކުރަނިވި ޚިޔާލު ފާޅުކުރުން ކަމަށާއި ނޫސްވެރިން ބަލަންވީ ރަނގަޅު ޚިޔާލު ފާޅުކުރުމަށް ކަމަށެވެ. ނޫސްވެރިން ތެދުވާންޖެހޭނީ ފަސާދަކުރާ ޚިޔާލު ފާޅުކުރާކަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެ މާނައަކީ ސަރުކާރާ ދެކޮޅަށް ނުވަތަ އެހެނިހެން މުވައްސަސާ ދެކޮޅަށް ވާހަކަ ނުދެއްކުމެއް ނޫން. އިދިކޮޅު ޚިޔާލަކީ ވަރަށް މުހިންމު އެއްޗެއް. އެފަދަ ޚިޔާލުތައް ވެސް ފާޅުކުރެވެން ޖެހޭނީ އިލްމީ ގޮތުން ދެކޮޅުޖެހޭ ގޮތަށް ހުއްޖަތް ދައްކައިގެން. ފަސާދަވެރި ހިޔާލުފާޅުކޮށްގެން ގައުމު ސުންނާފަތިކޮށްލިވިގެން ނުވާނެ،" ޝަހީބު ވިދާޅުވި އެވެ.

ފަސާދަ އުފައްދައި ކަންކަމުގެ ހަގީގަތް އޮޅުވާލުން އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގެ ބައެއް ނޫން ކަމަށާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގައި އޮންނަންވީ ފަރުދީ މަސްލަހަތަށްވުރެ ބޮޑަށް އާންމު މަސްލަހަތަށް އިސްކަންދިނުމުގައި ކަމަށް ވެސް ޝަހީބު ވިދާޅުވި އެވެ.