ހަބަރު

ތަޖުރިބާކާރު ނޫސްވެރިން ކިޔަވައިދޭ ކޯހެއް ފަށަނީ

ރާއްޖޭގެ ނޫސްވެރިކަމުގައި އެންމެ ގިނަ ދުވަސްވީ އަދި މަޝްހޫރު ތަޖުރިބާކާރުން ކިޔައިވައި ދެއްވާ ކުރު ކޯހެއް "ޝަހީބް މީޑިއާ" އިން ބާއްވަން ނިންމައިފި އެވެ.

އަންނަ މަހުގެ އެއް ވަނަ ދުވަހުން އެ މަހުގެ 14 އަށް އަހުމަދިއްޔާ ސްކޫލްގެ މަލްޓިޕާޕަސް ހޯލްގައި ކުރިޔަށް ގެންދާ އެ ކޯހުގައި ކުރީގެ ނޫސްވެރިޔާ އަދި ބްރޯޑްކޮމްގެ ކުރީގެ ރައީސް މުހައްމަދު ޝަހީބުގެ އިތުރުން އަވަސް ނޫހުގެ ޗީފް އެޑިޓަރު މުންޑޫ އާދަމް ހަލީމާއި، މިހާރު ނޫހުގެ އެޑިޓަރު މޫސާ ލަތީފާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު އިސްމާއިލް ނަސީރާއި ވަން އޮންލައިންގެ ސީއީއޯ އަދި އެޑިޓަރު ސިނާން އަލީ ކިޔަވާ ދެއްވާނެ އެވެ.

އަދި ވީމީޑިއާގެ ސީއޯއޯ މުހައްމަދު އާސިފު (މޮންދު) އާއި ވީމީޑިއާގެ ކުރީގެ ޑިރެކްޓާ ޖެނެރަލް އިމާދު ލަތީފު އަދި ފަރެސް މުހައްމަދު އާމިރު ވެސް ލެކްޗާތައް ދެއްވާ ކިޔަވައި ދެއްވާނެ އެވެ.

ޝަހީބް މީޑިއާގެ ސީއީއޯކަން ވެސް ކުރައްވާ ޝަހީބު ވިދާޅުވީ ކޯސް ފަރުމާކޮށްފައި ވަނީ ޖީސީއީ އޯލެވެލް ހަދައިފައިވާ ދަރިވަރުންނާއި ނޫސްވެރިކަމުގައި މިހާރު ވެސް ހަރަކާތްތެރިވާ ޒުވާނުންނަށް ބައިވެރިވެވޭނެ ގޮތަށް ކަމަށާއި ކޯހުގައި ހަބަރު ދެނެގަންނާނެ ގޮތާއި، ހަބަރު އެކުލަވައިލައި ލިޔާނެ ގޮތާއި، އިންޓަވިއު ކުރާނެ ގޮތާއި ރިޕޯޓް ލިޔާނެ ގޮތްތައް ބައިވެރިންނަށް ދަސްކޮށްދޭނެ ކަމަށެވެ.

އޭގެ އިތުރުން ނޫސްވެރިކަމުގެ އަހުލާގާ ބެހޭ ގޮތުންނާއި، ކާމިޔާބު ނޫސްވެރިއަކަށް ވުމުގެ އަޒުމާއި ހިތްވަރުގެ މައްޗަށާއި، ތަރުޖަމާ ކުރުމުގެ ފަންނުގެ މައްޗަށާއި، ނޫސްވެރިކަމުގެ ބަހުގެ ހާމަހަމައިގެ މައްޗަށް ކޯހުގައި އަލިއަޅުވާލާނެ ކަމަށާއި ނިއުސްރޫމް މެނޭޖްމަންޓުގެ މައްޗަށާއި ފޮޓޯ އަދި ވީޑިއޯ ޖާނަލިޒަމްގެ މައްޗަށް ވެސް ލެކްޗަރާއިން ތަގުރީރު ކުރައްވާ ކިޔަވައި ދެއްވާނެ ކަމަށް ވެސް ޝަހީބް ވިދާޅުވި އެވެ.

ކޯހުން މަތީ ދަރަޖައިގައި ފާސްވާ ފަރާތްތަކަށް ރާއްޖޭހެ މީޑިއާގެ ބޮޑެތި ނޫސްތަކުން ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދޭނެ އެވެ.

ނޫސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތައް ހުޅުވާލާފައިވާ އެ ކޯހުގެ ފީއަކީ 2500 ރުފިޔާ އެވެ. އަދި ކޯހުން ފުރުސަތު ހޯދުމަށް "ޝަހީބު މީޑިއާ" ގެ ހޮޓްލައިން ނަމްބަރު 9934333 އަށް ނަމާއި އައީޑީކާޑު ނަންބަރު ފޮނުވައިގެން ރަޖިސްޓްރީ ކުރެވެ އެވެ.

"ޝަހީބު މީޑިއާ" އަކީ ނޫސްވެރިން ތަމްރީނު ކުރުމާއި ނޫސްވެރިކަމުގެ ކޮންސަލްޓެންސީ އާއި މާކެޓިން އަދި ޕްރޮމޯޝަންގެ ހިދުމަތް ދެމުން އައި އިންސްޓިއުޓެކެވެ. އެގޮތުން މީގެ ކުރިން ވެސް ނޫސްވެރިކަމުގެ ކޯސްތަކެއް މާލެއާ، އައްޑޫ އަދި ކުޅުދުއްފުށީގައި ހިންގައިފައިވެ އެވެ. ހަވީރުގެ ކުރީގެ އެސޯސިއޭޓް އެޑިޓަރު އަދި "ހުވާސް" ގެ ކުރީގެ އެޑިޓަރު ޝަހީބު މީގެ އަށް އަހަރު ކުރިން އުފައްދަވައިފައިވާ އެތާނގެ މަސައްކަތްތައް ފަހުން މަޑު ޖެހިފައި އޮތީ ބްރޯޑްކޮމްގެ ރައީސް ކަމަށް ޝަހީބު ވަޑައިގަތުމުންނެވެ. މިހާރު އޭނާ ވަނީ އެ ކޮމިޝަނުން އިސްތިއުފާ ދެއްވާފަ އެެވެ.