ހަބަރު

މީޑިއާ އޮފިސަރުންގެ ތަމްރީނު ޕްރޮގްރާމުގައި އެންޖީއޯތައް ބައިވެރިވުން ހިލޭ

Feb 23, 2020
1

މީޑިއާ އޮފިސަރުން ތަމްރީނު ޕްރޮގްރާމުގައި އެންޖީއޯތައް ހިލޭ ބައިވެރި ކުރަން "ޝަހީބު މީޑިއާ" އިން ނިންމައިފި އެވެ.

އޮފީސްތަކާއި ކުންފުނިތަކާއި އެހެނިހެން މުވައްސަސާތަކުގައި މީޑިއާ އޮފިސަރުންގެ ވަޒީފާ އަދާކުރާ މުވައްޒަފުންގެ އިތުރުން އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގެ މީޑިއާ އޮފިސަރުންނަށް އަމާޒުކޮށް ބާއްވާ ހަތް ދުވަހުގެ މި މަސައްކަތު ބައްދަލުވުން ފެށުމަށް ހަމަޖެހިފައި ވަނީ މިރެއެވެ.

ޝަހީބު މީޑިއާގެ ޗެއާމަން އަދި ސީއީއޯ މުހައްމަދު ޝަހީބު ވިދާޅުވީ މީޑިއާ އޮފިސަރުންނަށް އަމާޒުކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މި ތަމްރީނު ޕްރޮގްރާމުގައި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ހިލޭ ބައިވެރިވެވޭ ގޮތަށް ހަމަޖެއްސީ، އެ ފަރާތްތަކުން ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށެެވެ. އަދި އެ ފަރާތްތަކަށް މިހާރު ދައުވަތު އަރުވާފައިވާ ކަމަށް ޝަހީބު ވިދާޅުވި އެވެ.

"ރާއްޖޭގެ ހުރިހާ އެންޖީއޯތަކަކަށް ނޫން، އެހެން ނަމަވެސް ފާހަގަކޮށްލެވޭ ބައެއް ޖަމިއްޔާތަކަށް ދައުވަތު ފޮނުވާފައި ވާނީ. މާ ގިނަ ޖާގަތަކެއް ނޫން އެ ބަޔަށް ހާއްސަކުރީކީ،" ޝަހީބު ވިދާޅުވި އެވެ. "މިފަހަރުގެ ތަރުހީބަށް ބަލައިފައި، ކުރިމަގުގައި ޖާގަ އިތުރުކުރުމާ މެދު ވިސްނާނަން."

މި މަސައްކަތު ބައްދަލުވުމުގައި ކިޔަވައިދެއްވާނީ މީޑިއާގެ ދާއިރާ އިން ގައުމީ އިނާމު ހާސިލް ކުރައްވައިފައިވާ ތަޖުރިބާކާރުންނެވެ. އެއީ ޝަހީބުގެ އިތުރުން އަވަސް އޮންލައިންގެ އެޑިޓަރު މުންޑޫ އާދަމް ހަލީމާއި "ވަން އޮންލައިން"ގެ ސީއީއޯ އަދި އެޑިޓަރު ސިނާން އަލީ އެވެ. އޭގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ މައްޗަށް ގާނޫނީ ނަޒަރަކުން އަލިއަޅުވާލައްވައި ހާއްސަ ލެކްޗަރެއް ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ލެކްޗަރު ދެއްވާނީ މަޝްހޫރު ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނެވެ.

ޝަހީބު މީޑިއާއަކީ ނޫސްވެރިންގެ ތަމްރީނު ޕްރޮގްރާމްތައް 2010 އިން ފެށިގެން ބާއްވަމުން އަންނަ ފަރާތެކެވެ. ޝަހީބު މީޑިއާއިން މީގެ ކުރިން ވަނީ ތަފާތު ކޯސްތައް ހިންގައިފަ އެވެ. މިގޮތުން، މާލެ އާއި އައްޑޫގެ އިތުރުން ކުޅުދުއްފުށީގައި ވެސް ވަނީ ނޫސްވެރިކަމުގެ ތަފާތު ކޯސްތައް ހިންގައިފަ އެވެ.