ކުޅިވަރު

މެޗުން ބަލިވުމުގެ ޒިންމާ ނަގަން: ގައުމީ ކޯޗް

އޭޝިއަން ކަޕް ކޮލިފައިންގައި، ފަލަސްތީން އަތުން 3-0 ން ރާއްޖެ ބަލިވި ކަމުގެ ޒިންމާ ނާގަ ކަމަށް، ގައުމީ ޓީމުގެ ކޯޗް ޑަރެން ސްޓްވާޓް ބުނެފި އެވެ.

މިރޭގެ މެޗަށް ފަހު މިޑިއާ ވާހަކަ ދައްކަމުން، ސްޓްވާޓް ބުނީ، ކުޅުންތެރިން ކުރި މަސައްކަތާ މެދު ހިތް ހަމަޖެހޭ ކަމަށާއި، އޭނާ އަށް ޓެކްޓިކަލް ބަދަލު ގެނެވުމުގައި ލަސްވީ ކަމަށެވެ. އެކަމުގެ ޒިންމާ އޭނާ ނަގާ ކަމަށް ސްޓްވާޓް ވަނީ ބުނެފައެވެ.

"ކުޅުންތެރިން މަސައްކަތް ވަރަށް ރަނގަޅު، ބަލިވި ކަމުގެ ބްލޭމް ކުރަންޏާ އަހަންނަށް ކުރޭ، އެކަމުގެ ޒިންމާ ކުޅުންތެރިން އަދި އެފްއޭއެމް އަކުން ނަގަކަށް ނުޖެހޭނެ، އެކަމުގެ ޒިންމާ އަހަރެން ނަގަން، މެޗުގެ ޓެކްޓިކަލް ބަދަލުތައް އަހަންނަށް އަވަހަށް ގެނެވުނު ނަމަ މިހެން ދިމާ ނުވުމުގެ ފުރުސަތު އޮތީސް، އެ ބަދަލު ނުގެނެވުމުގެ ފުރިހަމަ ޒިންމާ އަހަރެން ނަގަން،" ސްޓްވާޓް ބުންޏެވެ.

އޭނާ ބުނީ މެޗުގެ ވީޑިއޯ ބަލައި އެނަލައިސް ކޮށް، ހެދިފައި ހުރި މިސްޓޭކްތައް އޭނާ ދެނެގަންނާނެ ކަމަށެވެ.

ފުރަތަމަ ހާފުގައި ރާއްޖެއިން ވަނީ ފަލަސްތީންގެ ހަމަލާތައް ހުއްޓުވަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، މައްސަލަ ކުރިމަތިވީ ދެވަނަ ހާފުގަ އެވެ. ފަލަސްތީންގެ ތިން ލަނޑު ވެސް ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުލެން ނިކުތް ކުޅުންތެރިންނެވެ.

"ތެދެއް އަހަރެމެން ބަލިވެއްޖެ، އެއީ އަހަރެންގެ މައްސަލައެއް، ކުޅުންތެރިން ވަރުބަލިވުމުގެ ކުރިން ޓެކްޓިކަލް ބަދަލުތައް ގެނެވުނު ނަމަ، ބަލި ނުވެ ފަރުޖައްސާ ލެވުނީސް،"

މުޅި މެޗުގައިވެސް ރާއްޖޭއަށް މައްސަލަ ކުރިމަތިވީ ޑިފެންސުގެ ކަނާތް ފަޅިންނެވެ. ފުރަތަމަ ހާފުގައިވެސް ފަލަސްތީނުން ހަމަލާ އުފައްދަން މަސައްކަތް ކުރީ އެ ފަޅި ބޭނުން ކޮށްގެންނެވެ. ޑިފެންސުން އާންމުކޮށް ފުރަތަމަ 11 އިން ފެންނަ މުހައްމަދު ރަޝީދު (ހޮކޭ)ގެ ބަދަލުގައި ކުޅެން ނިކުތީ ޒުވާން ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓޭ) އެވެ.

ހޮކޭއާ ބެހޭގޮތުން ސުވާލު ކުރުމުން ކޯޗް ބުނީ ބަލި ވުމުގެ ސަބަބުން، ހޮކޭ ބައެއް ޕްރެކްޓިހަށް ނުނިކުންނަ ކަމަށާއި، ނޭވާ ހިއްލުމުގެ މައްސަލަ އުޅޭ ކަމަށް، ޓީމުގެ މެޑިކަލް ޓީމުން ފާހަގަ ކޮށްފައިވާ ކަމަށެވެ.

އޭނާ ބުނީ މެޗުން ބަލިވުމުން، ކުރިއަށްދާން އުނދަގޫވާނެ ކަމަށާއި ނަމަވެސް، ބޫޓާނާ ދެކޮޅަށް ކުޅޭ ދެ މެޗުން މޯޅުވެ ދެން ހުރި ވަރުގަދަ މެޗުތަކުން ކުރިއަށް ދިއުމަށް އޮތީ ހަނި ފުރުސަތެއް ކަމަށެވެ.